ތ. ވިލުފުށި އަދި ބ. އޭދަފުށީގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

މި ދެ މަޝްރޫއަކީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދިވެހި ސަރުކާރަށް ދޫކޮށްފައިވާ ލޯނު އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަަމަށާއި ޝަރުތު ހަމަވާނަމަ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވެސް މި މަޝްރޫއަށް ބީލަން ހުށަހެޅިދާނެ ކަމަށެވެ.

މި ދެ މަޝްރޫއަށް ބީލަން ހުށަހަޅާއިރު ކޮންމެ މަޝްރޫއަކަށް ވެސް ބިޑް ސެކިއުރިޓީގެ ގޮތުގައި 30،000 ޔޫއެސް ޑޮލަރު ނުވަތަ 462,600 ރުފިޔާ ހުށަހަޅަންޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 148 ދުވަހެވެ. ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހެނީ ކޮންޓްރެކްޓް އަގުގެ 10 އިންސައްތަ އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 އިންސަތަ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ފެނުގެ ވިޔުގަ އެޅުމާއި، ބޯ ހޯލް ހެދުމާއި، ވޯޓަ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ގާއިމްކުރުމާއި، އާރްއޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމުގެ އިތުރުން އެޑްމިނިސްޓްރޭޝަން ބިލްޑިންއެއް އެޅުމުގެ މަސައްކަތެވެ.

މި ދެ މަޝްރޫއަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ރަޖިސްޓްރީ ފީގެ ގޮތުގައި ފައިސާ ބަލައިގަންނާނީ މާދަމާ އިން ފެށިގެން ކުރިއަށް އޮތް މެއި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން 13:30 އަށް މިމިނިސްޓްރީން ކަމަށެވެ. ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށްވެސް މައުލޫމާތުދެ އެވެ.

މިނިސްޓްރީން ބުނީ މިމަޝްރޫއަށް ބިޑް ހުށަހަޅާ ކުންފުންޏަކުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކައި ހަލާސްކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދޫކޮށްފައިވާ ޓެކްސް ކްލިއަރެންސް ރިޕޯޓް ބީލަމާއެކު ހުށަހަޅަންޖެހޭނެ ކަމަށާއި މި ލިޔުން ވާންޖެހޭނީ ބީލަން ހުޅުވާ ތާރީހުގެ ކުރިއަށް 10 ދުވަހަށް ވުރެ އިތުރު ނޫން ތާރީހެއްގެ ލިޔުމަކަށް ކަމަށެވެ.

މި މަޝްރޫއުގެ ޕްރީބިޑް ބައްދަލުވުން ކުރިއަށް އޮތް އޭޕްރީލް މަހުގެ ފަސްވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު އެންވަޔަރަންމަންޓް މިނިސްޓްރީގެ ޓެންޑަ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވަނީ ކުރިއަށް އޮތް މެއި މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު އެންވަޔަރަންމަންޓް މިނިސްޓްރީގަ އެވެ.