އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދިޔަ ކަށީގެ ޑޮކްޓަރު "ފިލައި" އަދި އެހެން ޑޮކްޓަރަކު ހޮސްޕިޓަލްގެ ހުއްދަނެތި އިމްތިހާނެއްގައި ބައިވެރިވާ ރާއްޖެ އިން ފުރައިފި އެވެ.

ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގުމާ ހަވާލުވެވަޑައިގެންނެވި ހުންނެވި އެ ހޮސްޕިޓަލްގެ މެނޭޖަރު އަބްދުﷲ ޖަމީލް ވިދާޅުވީ އެތަނުގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާގެ ކަށީގެ ޑޮކްޓަރު އަނިލް ޗައުދަރީ އިންޑިއާއަށް ދިޔަކަން އެނގުނީ މިދިޔަ ހޮނިހިރު ދުވަހު އޭނާ ހޮސްޕިޓަލްގެ ޑިއުޓީ ނައުމުން ކަންވީ ގޮތް ބެލުމުން ކަމަށެވެ.

ޖަމީލް ވިދާޅުވީ އޭނާ މިދިޔަ ހޮނިހިރު ދުވަހުގެ ކުރިން ޗުއްޓީއެއް ވެސް ނެނގި ކަމަށާއި އަދި އޭނާގެ އަންހެނުންނާ ދަރިފުޅު އެ މުއްދަތުގައި ރާއްޖެ އައިސް ރާއްޖޭގައި ޗުއްޓީ ހޭދަކުރި ކަމަށެވެ. އަދި އެމީހުން ފުރުވަން މާލެ ދިއުމަށް ބޭނުންވެގެން ޑޮކްޓަރު އެ ވާހަކަ ދެއްކުމުން ހަމަޖެހިފައިވާ އުސޫލުން ކަމާއި ގުޅޭ ލިޔުންތައް ހުށަހެޅުމަށް އެދުނު ކަމަށް ޖަމީލް ވިދާޅުވި އެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ނުކޮށް އޭނާ ރާއްޖެ ދޫކޮށް ދިއުމުން އެއީ އެއްބަސްވުމާ ހިލާފަށް ފިލައިގެން ދިއުން ކަމަށް ބެލެވޭތީ އޭނާ އިތުރަށް ބޭނުން ނުވާ ކަމަށް ހޮސްޕިޓަލުން ހެލްތް މިނިސްޓްރީއަށް މިހާރު އަންގާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކަށީގެ ޑޮކްޓަރެއް ހޯދުމަށް ހެލްތް މިނިސްޓްރީން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި ޑޮކްޓަރު އިންޑިއާ އަށް ގޮސްފައި އަޅުގަނޑުމެންނަށް ވައިބަ އިން މެސެޖުކޮށްލާފައި މިބުނަނީ މިހުރީ އިންޑިއާގައޭ. އަދި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އޮތުމުން ދެ މަސް ބޭނުންވާ ކަމަށް އޭނާ ބުނެފައި އެބަވޭ. އެކަމަކު އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ އޭނާ ދައްކާ ވާހަކައެއް،" ޖަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާގެ ޑޮކްޓަރަކީ މިދިޔަ އަހަރުގެ މެދުތެރޭގައި އެ ހޮސްޕިޓަލްގެ ވަޒީފާއާއި ގުޅުނު މީހެއް ކަމަށެވެ. މި ޑޮކްޓަރުގެ މާބޮޑެތި ޝަކުވާތަކެއް ރައްޔިތުންގެ ފަރާތުން ލިބިފައި ނެތް ކަމަށާއި ނަމަވެސް އޭނާ ބައެއް ފަހަރު ރުޅިގަދަ ކަމަށް ބައެއް މީހުން ބުނާތީ އެކަމުގައި އޭނާ އަށް ނަސޭހަތްތެރިވެފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ކަށީގެ މައްސަލަތަކުގައި އެވްރެޖްކޮށް ދުވާލަކު ހަތަރު މީހަކު ހޮސްޕިޓަލުން ފަރުވާ ހޯދާތީއާއި އައްޑޫގައި ގިނަ އަދަދަކަށް އެކި ވަރުގެ އެކްސިޑެންޓްތައް ހިނގާ އެކި މީހުންނަށް ކަށީގެ މައްސަލަތައް ދިމާވާތީ އައްޑޫ ރީޖަނަލް ހޮސްޕިޓަލަށް ވަރަށް ބޮޑަށް ކަށީގެ ޑޮކްޓަރަކު ބޭނުންވާ ކަމަަށެވެ.

ހޮސްޕިޓަލްގެ ހުއްދަނެތި އިމްތިހާނެއްގައި ބައިވެރިވުމަށް ފުރައިގެން ދިޔަ ޑޮކްޓަރުގެ މައްސަލާގައި ޖަމީލް ވިދާޅުވީ ލަންކާގައި އޮތް އިމްތިހާނެއްގައި ބައިވެރިވުމަށް ފުރައިގެން ދިޔައީ އެތަނުގައި މަސައްކަތް ކުރާ ޕާކިސްތާނުގެ އަންހެން ޑޮކްޓަރެއް ކަމަށްވާ އިރަމް ކަމަށެެވެ. އެއީ އާންމު ބަލި ތަކުގެ ޑޮކްޓަރެއް ކަން ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ އޭނާގެ ބަދަލުގައި މަސައްކަތް ކުރާނެ އާންމު ބަލިތަކުގެ ޑޮކްޓަރުން ހޮސްޕިޓަލްގައި ތިބުމުންނާއި އަދި މާލެއިން ޑޮކްޓަރަކު ފޮނުވާތީ ޕާކިސްތާންގެ ޑޮކްޓަރު ފުރައިގެން ދިޔަ ނަމަވެސް ހޮސްޕިޓަލަށް މާބޮޑު މައްސަލަތަކެއް ކުރިމަތި ނުވާނެ ކަމަށެެވެ.

"މިޑޮކްޓަރު ފުރައިގެން ދިޔައީ ފިލައިގެނެކޭ ނުބުނެވޭނެ. މި ޑޮކްޓަރުގެ ފިރިމީހާއަކީ ވެސް މިތަނުގައި މަސައްކަތް ކުރާ ހަމަ އާންމު ބަލިތަކުގެ ޑޮކްޓަރެއް. އަނެއްކާ އޭނާގެ ލަގެޖުވެސް އެބަހުރި. ފިރިމީހާ ވެސް މިތަނުގައި އެބައުޅޭ. މި އަންހެން ޑޮކްޓަރު އިމްތިހާނެއްގައި ބައިވެެރިވެލަން ފުރަން ވެގެން އަޅުގަނޑުމެންނަށް ހުށަހެޅި ފުރުމުގެ ކުރިން. އެކަމަކު ވަޒީފާގެ އެއްބަސްވުމަށް ބަލާއިރު އެއްބަސްވުމުގައިވާ މުއްދަތުގެ ކުރިން ފުރައިގެން ދާނަމަ މިކޮޅުގައި ޑިޕޮސިޓެއް ބަހައްޓަން އެބަޖެހޭ. އޭނާ އެކަން ކޮށްފައި ނުވާތީ އަދި ހުއްދަ ނުދެނީސް ފުރައިގެން ދިޔައީ،" ޖަމީލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ހޮސްޕިޓަލްގެ ހުއްދަ ނެތި ޕާކިސްތާންގެ ޑޮކްޓަރު ފުރައިގެން ދިއުމަކީ ވަޒީފާގެ އެއްބަސްވުމާ ހިލާފަށް ކޮށްފައިވާ ކަމަކަށްވާތީ އޭނާއަށް ފިޔަވަޅު އަޅަން ހެލްތް މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ. އަދި މާލެ އިން ފޮނުވާ އާންމު ބަލި ތަކުގެ ޑޮކްޓަރަކީ ޕާކިސްތާންގެ ޑޮކްޓަރުގެ ބަދަލުގައި ފޮނުވާ ޑޮކްޓަރެއް ކަމަށް ބެލެވޭ ކަމަށްވެސް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް އިތުރަށް ވިދާޅުވީ އެ ހޮސްޕިޓަލަށް އާންމު ބަލި ތަކުގެ ޑޮކްޓަރުންގެ ދަތި ކަމެއް ނެތް ކަމަށާއި ނަމަވެސް ސްޕެޝަލިސްޓް ޑޮކްޓަރުން ލިބުގައި ދަތިވާ ފަހަރުތައް ދިމާވާ ކަމަށެވެ.