ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް މެންބަރުންނަށް ބެއްސެވި ކަމަށް ބުނާ ފައިސާ ހިފައިގެން މެންބަރުންގެ ގާތަށް ވަޑައިގެންނެވި ކަމަށް ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މެންބަރު މުހައްމަދު އިސްމާއިލް މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އެމައްސަލަ މިނިވަންކަމާއި އެކު މަޖިލިސްގެ ތެރެއިން ބެލުމަށް ގޮވާލާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގައި އިދިކޮޅު މެންބަރުންނާއި ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންނާ ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވަނިކޮށް ނިޒާމީ މައްސަލަ ނަންގަވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މުހައްމަދު އިސްމާއިލް ވިދާޅުވީ މެންބަރުންނަށް ބެއްސެވި ކަމަށް ބުނާ "ލާރި ގޯނި ހިފައިގެން އެބޭފުޅުންގެ ގާތަށް ދިޔައީ އަޅުގަނޑު" ކަމަށެވެ. އެގޮތަށް ވިދާޅުވިއިރު މަޖިލިސް ތެރޭގައި އަޑުގަަދަ ކަމުން މުހައްމަދު އިސްމާއިލްގެ ނިޒާމީ މައްސަލައިގެ ބާކީ ބައިގައި ވިދާޅުވި އެއްޗެއް ސާފުވެފައެއް ނުވެ އެވެ. ލާރި ހިފައިގެން މެންބަރުންގެ އަރިހަށް ވަޑައިގެންނެވި ކަަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި ނަމަވެސް އޭނާ ލާރި ހިފައިގެން ވަޑައިގެންނެވީ ކޮން ޕާޓީއެއްގެ މެންބަރެއްގެ އަރިހަށް ކަމެއް ވިދާޅުވެފައެއް ނުވެ އެވެެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ތަކުރާރުކޮށް ރައީސް އަބްދުﷲ ޔާމިނަށް ބޮޑެތި ތުހުމަތުކުރައްވަމުން ގެންދަވަން ފެއްޓެވުމުން ދެވަނަ ނިޒާމީ މައްސަލައެއް ނަންގަވާ މުހައްމަދު އިސްމާއިލް ވިދާޅުވީ އެމްއެމްޕީއާރްސީގެ ތެރޭގައި ހިޔާނާތުގެ އަމަލުތަކެއް ހިންގައިގެން ގެއްލުނު ފައިސާގެ 60 ޕަސަންޓް "ކާލީ" އަހްމަދު މަހްލޫފް ކަމަށެވެ.