ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އަމިއްލަ އޮފިސަރުންނަށް، ވަޒީފާއަށް ނިކުންނަން އަދިވެސް ނާންގާ ކަމަށް، ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.
ވީނިއުސްއާ ވާހަކަ ދައްކަމުން މަޖިލީހުގެ އަމީން އާންމު އަހްމަދު މުހައްމަދު މިއަދު ވިދާޅުވީ، ސާޖެންޓް އެޓް އާމްސްގެ ދަށުން ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ހުރިހާ އޮފިސަރުންނަށް އޮފީހަށް ނުނިކުތުމަށް އެންގި އެންގުން އަދިވެސް އޮތީ އެގޮތުގައި ކަމަށެވެ. އަދި އެ އޮފިސަރުންނަށް އަލުން ވަޒީފާއަށް ނެރެން މަޖިލީހުން އަދި ނާންގާ ކަމަށެވެ.
ސާޖެންޓް އެޓް އާމްސްގެ ދަށުން މަޖިލީހުގެ އޮފިސަރުންގެ ގޮތުގައި ތިބި، 22 އޮފިސަރުން ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް އަންގާފައި ވަނީ، ހުސްވި ނޮވެންބަރު މަހުގެ 8 ވަނަ ދުވަހު އެވެ. އޮފީހަށް ނުނިކުތުމަށް އަންގާފައިވާ އޮފިސަރުންނަކީ އާންމުކޮށް އިއުލާންކޮށްގެން ކުރިމަތިލި މީހުންގެ ތެރެއިން، 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަޖިލީހުގެ ސެކިއުރިޓީންގެ ގޮތުގައި ހަމަޖައްސާފައިވާ ފަރާތްތަކެ ކެވެ. ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ އޮފިސަރުންނަށް ކަނޑައަޅާފައިވާ މުސާރައާއި އެލަވަންސާއެކު ކޮންމެ ސެކިއުރިޓީ އޮފިސަރަކަށް މަހަކު ޖުމްލަ 14،350ރ. ލިބޭނެ އެވެ.
މަޖިލީހުގެ އޮފިސަރުންނަށް ވަޒީފާއަށް ނިކުންނަން އަންގާފައި ނުވާއިރު، ވީނިއުސްއަށް މައުލޫމާތުދެއްވަމުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ވިދާޅުވީ، މަޖިލީހުގެ މެންބަރުންނަށް ސެކިއުރިޓީ ވަރަށް މުހިންމު ކަމަށެވެ. އަދި މެންބަރުންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަކީ ޤާނޫނު އަސާސީން ލާޒިމުކުރާ ކަމަކަށްވާއިރު، ފުލުހުން ނުވަތަ ސިފައިންވެސް މެދުވެރިކޮށްނަމަވެސް ސެކިއުރިޓީގެ ޚިދުމަތް މެންބަރުންނަށް ފޯރުކޮށްދެއްވަން ޖެހޭކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
މަޖިލީހަށް ގިނަ އަދަދެއްގެ ސެކިއުރިޓީ އޮފިސަރުން ހޯދަން އިއުލާންކޮށް 22 އޮފިސަރަކު އެ މަގާމުތަކަށް ހަމަޖެއްސީ 17ވަނަ ރައްޔިތުންގެ މަޖިލީހުގަ އެވެ.
އަދި އެ މައްސަލައިގައި އޭރު މަޖިލީހުގެ ރައީސްއަކަށް ހުންނެވި އަބްދުﷲ ޝާހިދަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް އެދުވަސްވަރު ވަރަށް ބޮޑަށް އަމާޒުވެގެން ދިޔަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ މިވަގުތު ބަލަމުންދަނީ ސިފައިން ނެވެ.