ކ. ފުށިދިއްގަރު ފަޅު ސިންގަޕޫރުގެ ކުންފުންޏަކަށް ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމައިފި އެވެ.

އޭސީސީ އިން މިގޮތަށް ނިންމާފައިވާ ކަމަށް ބުނެފައިވަނީ ފުށިދިއްގަރު ކިޔާ ފަޅެއް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބޭރުގެ ބަޔަކަށް ދިން ކަމަށް ބުނެ އޭސީސިއަށް ހުށަހެޅުނު މައްސަލައެއް ތަހުގީގުކުރުމަށްފަހު މިއަދު ނެރުނު ބަޔާނެއްގަ އެވެ.

ދިވެހި ސަރުކާރު ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗަ އުސޫލުން ކުންފުންޏެއް އުފައްދައިގެން ފުށިދިއްގަރު ފަޅު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ބޭރުގެ ކުންފުންޏަކަށް ދިނުމަށް ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށްވީ ނަމަވެސް އެ ފަޅު ސިންގަޕޫރު ކުންފުންޏަކަށް ކުއްޔަށް ދޭން ނިންމާ އެކަމުގެ އެއްބަސްވުމުގައި 2013 ވަނަ އަހަރުގެ ތެރޭގައި ސޮއިކޮށްފައިވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

އޭސީސީ އިން މިއަދު ބުނީ ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށް ނެޝަނަލް ޕްލޭނިން ކައުންސިލަށް 2011 ވަނަ އަހަރު ހުށަހެޅި ޕްރޮޖެކްޓް ޕްރޮޕޯސަލްއާކާ ގުޅިގެން އެ ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވާ ފަދައިން ދިވެހި ސަރުކާރުން ހިއްސާވާ ޖޮއިންޓް ވެންޗައެއްގެ ދަށުން ފުށިދިއްގަރުފަޅު ކުއްޔަށް ދިނުމަށް ނިންމާފައިވަނީ ނެޝަނަލް ޕްލޭނިން ކައުންސިލުންނާއި 29 ނޮވެމްބަރު 2011 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ނިންމައިގެން ކަން މިނިސްޓްރީ އޮފް ފިނޭންސްގެ ސިޓީއަކުން އިނގޭ ކަމަށެވެ.

އޭސީސީ އިން ބުނީ ފުށިދިއްގަރު ފަޅު ކުއްޔަށް ދޫކޮށްފައިވަނީ ޓޫރިޒަމާ ބެހޭ ގާނޫނާ އެއްގޮތަށް އެއްބަސްވުމެއްގެ ދަށުންކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމުގައި ބުނެފައިވާ ޖޮއިންޓް ވެންޗާ ކުންފުނި ރަޖިސްޓްރީ ކުރީ އެކަން ކުރަން ޝަރުއީ ކޯޓަކުން އަމުރުކުރުމުން ކަމަށްވާތީ މިކަމުގައި ކޮރަޕްޝަންގެ ކަމެއް އުޅޭ ކަމުގެ ހެކި ލިބިަފައި ނެތް ކަމަށްވެސް ބަޔާނުގައިވެ އެވެ.

"ކ.ފުށިދިއްގަރު ފަޅު ކުއްޔަށްދިނުމަށް ދިވެހި ސަރުކާރާއި އެ ކުންފުންޏާ ދެމެދު 18 ޖަނަވަރީ 2013 ގައި ވެފައިވާ ޖޮއިންޓް ވެންޗަ އެއްބަސްވުމުގެ ދަށުން އުފައްދަންޖެހޭ ޖޮއިންޓް ވެންޗަ ކުންފުނި ރަޖިސްޓްރީކުރުން ލަސްވުމާ ގުޅިގެން އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ޖޮއިންޓް ވެންޗަ ކުންފުނި ރަޖިސްޓްރީކުރުމަށް ސިވިލް ކޯޓުން ޙުކުމް ކުރުމާގުޅިގެން ކ.ފުށިދިއްގަރު ފަޅު ކުއްޔަށް ދިނުމަށް ދިވެހި ސަރުކާރާއި އެ ކުންފުންޏާ ދެމެދު ވެފައިވާ ޖޮއިންޓް ވެންޗަ އެއްބަސްވުމުގެ ދަށުން އުފައްދަންޖެހޭ ޖޮއިންޓް ވެންޗަ ކުންފުނި ރަޖިސްޓްރީކޮށްފައިވާ ކަން ފާހަގަކުރެވެ އެވެ. އެގޮތަށް ޖޮއިންޓް ވެންޗަ ކުންފުނި ރަޖިސްޓްރީކުރުމުގެ ކުރިން ޖޮއިންޓް ވެންޗަ ކުންފުނި ރަޖިސްޓްރީކުރުމާ ގުޅޭގޮތުން ރައީސުލްޖުމުހޫރިއްޔާގެ ހުއްދަ ހޯދާފައިވާކަން ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ސީޓީއަކުން އެނގެ އެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.

އޭސީސީ އިން ބުނީ ފުށިދިއްގަރުފަޅު ކުއްޔަށް ދިނުމަށް ދިވެހި ސަރުކާރާއި އެ ކުންފުންޏާ ދެމެދު ސޮއިކުރަންޖެހޭ މާސްޓަ ލީސް އެގްރިމަންޓުގައި ދިވެހި ސަރުކާރުން މިހާތަނަށް ސޮއިކޮށްފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ. މި އެގްރިމަންޓްގައި ސޮއިކޮށްފައި ނުވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބައެއް ކަންތައްތަކާއި ގުޅިގެން ދެފަރާތަށް އެކަންތައްތަކަށް އެއްބަސްވުމަކަށް އާދެވިފައި ނުވާތީ ކަން ތަހުގީގަށް ލިބިފައިވާ މައުލޫމާތުން އިނގޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.

އޭސީސީގެ ބަޔާނުގައިވަނީ ފުށިދިއްގަރު ފަޅުގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި އެއްވެސް އެއްޗެއް ދައުލަތަށް ދައްކަން އެއްބަސްވުމުގައި ހިމަނާފައި ނެތް ނަމަވެސް އިކިއުޒިޝަން ކޮސްޓް ގޮތުގައި ސިންގަޕޫރު ކުންފުނިން ދައުލަތަށް ފައިސާ ހޯދަން އަންގާފަ އެވެ. އަދި އެގޮތަށް އަމަލުނުކުރަނީސް އެ ފަޅު ކުއްޔަށް ދޫނުކުރަން ވެސް އޭސީސީ އިން ވަނީ ދިވެހި ސަރުކާރަށް އަންގާފަ އެވެ. އެގޮތަށް އަންގާފައިވަނީ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ފުށިދިއްގަރު ފަޅު ތަރައްގީކުރަން ނިންމީ އެކަމަށް އުފައްދާ ކުންފުނީގައި ދިވެހި ސަރުކާރުގެ 50 ޕަސަންޓް ހިއްސާވާ ގޮތަށް އޮވެފައި 2012 ވަނަ އަހަރުގެ ތެރޭގައި ސަރުކާރު ބަދަލުވެ އެ ކުންފުނީގައި އޮތް ސަރުކާރުގެ ހިއްސާ 25 ޕަސަންޓަށް ކުޑަކޮށްފައިވަތީ ކަމަށްވެސް ބަޔާނުގައިވެ އެވެ. އެގޮތަށް ސަރުކާރުން އަމަލުކުރީ 2012 ގައި ސަރުކާރު ބަދަލުވެ ފަޅުތައް ކުއްޔަށް ދޭއިރު އިކުއިޒިޝަން ކޯސްޓެއް ނަގާގޮތަށް ނިންމުމުން ކަމަށް މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރި ބޭފުޅާ ވިދާޅުވެފައިވާ ކަމަށްވެސް އޭސީސީ އިން ބުނެ އެވެ.

ކޮރަޕްޝަންގެ އަމަލުތަކެއްގެ ތެރެއިން ފުށިދިއްގަރު ފަޅު ބޭރުގެ ބަޔަކަށް ދިނުމަށް ނިންމާ އެކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް މި ދެ ބޭފުޅުން ވަނީ އެކަމާ ދެކޮޅު ހައްދަވާފަ އެވެ. އަދި މިފަޅުގެ މައްސަލާގައި އޭސީސީއިން މި ދެ ބޭފުޅުންނާ ސުވާލުކުރައްވާފައިވެ އެވެ.