މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ތެރޭގައި ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް މިނިވަންކަމާއި އެކު މަޖިލިސްގެ ތެރެއިން ބެލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.

މި ގަރާރަށް މެންބަރުން ބަހުސް ކުރެއްވުމަށްފަހު މި ގަރާރު މަޖިލީހަށް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓް ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން މި ގަރާރު ބަލައިގަތުމަށް ތާއީދުކުރައްވާ ވޯޓް ދެއްވީ 22 މެންބަރުންނެވެ. އަދި މި ގަރާރު ބަލައިގަތުމާ ދެކޮޅަށް 39 މެންބަރުން ވޯޓް ދެއްވާފައިވާތީ ރިޔާސަތުން ވަނީ މި ގަރާރު މަޖިލީހުގެ ނިޒާމުން ބޭރުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.

ރޮޒައިނާ ހުށަހެޅުއްވި ގަރާރާ ގުޅިގެން ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން މިއަދު ޖަލްސާގައި ވަނީ ރޮޒައިނާގެ އާއިލާއަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތަކާއި ގުޅިގެން ރޮޒައިނާއަށާއި އެމްޑީޕީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފަ އެވެ. އަދި އިކޮޅު މެންބަރުން ވަނީ ކެނޑިނޭޅި ރައީސް އަބްދުﷲ ޔާމިނަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ. އަދި އެއް މެންބަރަކު އަނެއް މެންބަރަކަށް ވަރަށް ބޮޑަށް ޒާތީވެ ވަޑައިގެން ބަހުގެ ހޫނު ހަމަލާތައް ވެސް ދެއްވާފައިވެ އެވެ.

އިދކޮޅު ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ޕާޓީ ބަދަލުކުރި ބައެއް މަޖިލިސް މެންބަރުން ޕީޕީއެމްއަށް ސޮއިކުރެއްވީ އެމްއެމްޕީއާރްސީގެ ތެރޭގައި ހިޔާނާތުގެ އަމަލުތައް ހިންގާ އަދީބް ހޯދި ކަމަށް ބުނާ ފައިސާ މެންބަރުންނަށް ހަދިޔާކުރެއްވުމުންނެެވެ

ރޮޒައިނާގެ ގަރާރުގައި މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން އޮޑިޓާ ޖެނަރަލްގެ އޮފީހުން ކޮށްފައިވާ ތަހުގީގާއި މެދު ސުވާލު އުފެދޭ ކަމަށް ބުނެ މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ދެފުށް ފެންނަ ގޮތަކަށް ރައްޔިތުންނަށް އިތުބާރުކުރެވޭ ވަރުގެ ހުޅުވާލެވިފައިވާ އިންކުއަރީއެއް ހެދުމަށެެވެ.

އެމްއެމްޕީއާރްސީ އޮޑިޓް ކުރުމަށްފަހު މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އޮޑިޓާ ޖެނަރަލް ނެރުއްވި އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އަގު 79 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.

ހިޔާނާތްވި ފައިސާގެ ތެރޭގައި ހިމެނެނީ ލީސް އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން އަމިއްލަ ފަރާތްތަކެއްގެ އެކައުންޓަކަށް ޖަމާކޮށްފައިވާ 65.01 މިލިއަން ޑޮލަރާއި، ޑޮލަރު ގަނެވިއްކުމުގެ ނަމުގައި ހިންގި މުއާމަލާތްތަކެއްގެ ތެރެއިން އަމިއްލަ ކުންފުނިތަކަށް ދޫކުރި ފައިސާ އިން އަނބުރާ ހޯދަން ޖެހޭ 6.31 މިލިއަން ޑޮލަރާއި، ލޯން ދިނުމުގެ ނަމުގައި އެމްއެމްޕީއާރްސީން އަމިއްލަ ކުންފުނިތަކަށް ދޫކުރި ފައިސާއިން އަނބުރާ ހޯދަންޖެހޭ 6.15 މިލިއަން ޑޮލަރާއި، ކޮންކަމަކާ ގުޅިގެން ދީފައިވާ ފައިސާއެއްކަން އިނގެއްނެތި އަމިއްލަ ކުންފުނިތަކެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ 1.90 މިލިއަން ޑޮލަރެވެ.

ދައުލަތަށް ހޯދަން ޖެހޭ ފައިސާގެ ތެރޭގައި ހިމެނެނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ހޯދަންޖެހޭ 70.17 މިލިއަން ޑޮލަރާއި، މިލޭނިއަމް ކެޕިޓަލް ޑިވެލޮޕްމަންޓުން ހޯދަންޖެހޭ 7.50 މިލިއަން ޑޮލަރާއި، މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ހޯދަންޖެހޭ 1.15 މިލިއަން ޑޮލަރާއި އެހެން އަމިއްލަ ދެ ކުންފުންޏަކާއި ފަރުދެއްގެ އެކައުންޓް ތަކަށް ޖަމާކޮށްފައިވާ 550000 ޑޮލަރެވެ.

މިލޭނިއަމް ކުންފުންޏަކީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ އާއިލީ ބޭފުޅެއް ކަމަށްވާ އަދި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް)ގެ ކުންފުންޏެކެވެ. އެސްއޯއެފްއާއި މޮންޓިލިއަން ކުންފުންޏަކީ ވެސް ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ ގާތް ބޭފުޅެއް ކަމަށްވާ އަދި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެން ހޯދަން އިއުލާންކޮށްފައިވާ މުހައްމަދު އައްލާމް ލަތީފު (މޮހޯ)، މ، ސެސްނާގެ ހިއްސާ އޮންނަ ކުންފުނިތަކެކެވެ.