އެމެރިކާގެ ނާއިބް ރައީސް ޖޯ ބައިޑެން ފަލަސްތީނު – އިސްރާއީލަށް ވަޑައިގަތުމާ ދިމާކޮށް މަސްރަހް އިތުރަށް ގޯސްވެއްޖެއެވެ.
އެމެރިކާގެ ނާއިބް ރައީސް ރޭގައިވަނީ އިސްރާއީލަށް ވަޑައިގެންފައެވެ.
ބައިޑެން އިސްރާއީލަށް ވަޑައިގަތުމުގެ ކުޑައިރުކޮޅެއް ކުރިން ފަލަސްތީނު ބަޔަކުވަނީ، އިސްރާއީލުގެ ވެރިރަށް ތެލްއަވީވާއި، އިސްރާއީލުން ގަދަބާރުން ހިފައިގެން އުޅޭ އިރުމަތީ ގުދުސްގައި އިސްރާއީލުގެ ބަޔަކަށް ހަމަލާދީފައެވެ.
އެމެރިކާގެ ނާއިބް ރައީސް ޖޯ ބައިޑެން އިސްރާއީލުގެ ޖައްފާއަށް ވަޑައިގެން އިސްރާއީލުގެ ކުރީގެ ރައީސް ޝިމޯން ޕެރޭޒްއާ ބައްދަލު ކުރައްވަމުން ގެންދަވަނިކޮށް އެ އަވަށުގައިވެސް ފަލަސްތީނުގެ ބަޔަކުވަނީ އިސްރާއީލުގެ ބަޔަކަށް ހަމަލާދީ އެކަކު މަރާލައި، އިތުރު ފަސްމީހުން ޒަޚަމް ކޮށްލާފައެވެ.
މި ދެހާދިސާގެ ތެރޭގައިވެސް އިސްރާއީލު ސިފައިން ވަނީ ފަލަސްތީނު ދެމީހުންގެ ގަޔަށް ބަޑިޖަހާ ޝަހީދު ކޮށްލާފައެވެ.
އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގައި ބަޑިޖެހުމުގެ ހާދިސާތަކެއްވެސް ވަނީ ހިނގާފައެވެ. މިކަންކަން ހިނގާ މިދިޔައީ، އެމެރިކާގެ ނާއިބް ރައީސް އިސްރާއީލަށް ވަޑައިގަތުމާ ދިމާކޮށް ސަލާމަތީ ފިޔަވަޅުވެސް ވަރަށް ވަރުގަދަ ކޮށްފައި ވަނިކޮށެވެ.
އެމެރިކާގެ ނާއިބް ރައީސް ޖޯ ބައިޑެން މިއަދުގެ ވަގުތެއްގައި އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ބޮޑުވަޒީރު ނަތަންޔާހޫއާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، މިރޭގެ ވަގުތެއްގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލު ކުރައްވާނެއެވެ.
އިސްރާއީލުން ފަލަސްތީނު މީހުން ޝަހީދުކުރަމުން ދިއުމާއި، އިތުރު ބިންތައް ފޭރުން އިތުރުވުމާއި، ސުލްހައަށް އެއްވެސް އުންމީދެއް ނެތުމުން އެކަމުގެ މައްޗަށް ވަރަށް ބޮޑަށް ނާއުންމީދުވެ ފަލަސްތީނުގެ ޒުވާނުން ގެންދަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލު ސިފައިންނާއި ކުރިމަތިލަމުންނެވެ.
މިކުރިމަތިލުންތަކުގެ ތެރޭގައި، އެކިއެކި ހުއްޖަތް ދައްކައިގެން އިސްރާއީލު ސިފައިންވަނީ މިހާތަނަށް ފަލަސްތީނުގެ 188 މީހުންގެ ގަޔަށް ބަޑިޖަހާ ޝަހީދު ކޮށްލާފައެވެ. މީގެ ތެރޭގައި ގިނައީ ޒުވާން ކުދިންނެވެ.