އެމެރިކާގެ ސިޔާސީ އެންމެ ބޮޑު ދެޕާޓީގެ ރިޔާސީ ޕްރައިމެރީގައި އިއްޔެ ވޯޓުލުން ބޭއްވި ބޮޑެތި ސްޓޭޓްތަކުން ހިލަރީ ކްލިންޓަންއަށް ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންނެވިއިރު، ރިޕަބްލިކަން ޕާޓީގެ ޕްރައިމެރީގެ ވޯޓުތަކުން ޑޮނަލްޑް ޓްރަމްޕް ބޮޑު ކާމިޔާބީއެއް ހޯއްދަވައިފިއެވެ.

އެމެރިކާގެ ބިޔަ ސްޓޭޓެއް ކަމަށްވާ މިޗިގަން ޕްރައިމެރީން ހީވެސް ނުކުރާފަދަ ގޮތަކަށް ހިލަރީ ބަލިވެވަޑައި ގެންނެވިއިރު، ހިލަރީގެ ވާދަވެރިޔާ ބާރނީ ސޭންޑާރަސް އެ ސްޓޭޓްގެ ޕްރައިމެރީ ކާމިޔާބު ކުރެއްވީ ވޯޓްގެ 49.9 އިންސައްތަ ހޯއްދަވައިގެންނެވެ. މިޗިގަންއިން ހިލަރީއަށް ލިބިވަޑައިގެންނެވީ 48.2 އިންސައްތަ ވޯޓެވެ.

ނަމަވެސް، އެފްރިކާ ދަރިކޮޅުގެ ކަޅު ނަސްލުގެ މީހުންގެ އަޣުލަބިއްޔަތު އޮންނަ މިސިސިއްޕީގެ ޕްރައިމެރީ ކާމިޔާބު ކުރެއްވީ ހިލަރީއެވެ. މިސިސިއްޕީގައި ގިނަ އަދަދެއްގެ މީހުން ވޯޓްލާން ނުކުތް ކަމަށް ވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މައި ދެޕާޓީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅުން ކަނޑައެޅުމަށް ބާއްވަމުންދާ ޕްރައިމެރީގައި، ވެރިކަންކުރާ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން މިހާތަނަށް 22 ސްޓޭޓްގައި ޕްރައިމެރީ ބާއްވާފައި ވާއިރު ހިލަރީ ކްލިންޓަންވަނީ 13 ސްޓޭޓް ކާމިޔާބު ކުރައްވާފައެވެ. ހިލަރީއާއެކު ޑިމޮކްރަޓިކް ޓިކެޓަށް ވާދަކުރައްވަނީ ބާރނީ ސޭންޑާރސްއެވެ.

އިދިކޮޅު ރިޕަބްލިކަން ޕާޓީން 24 ސްޓޭޓްގައި ޕްރައިމެރީ ބާއްވާފައި ވާއިރު، ޓްރަމްޕް ވަނީ 15 ސްޓޭޓް ކާމިޔާބު ކުރައްވާފައެވެ. ޓްރަމްޕްއާއެކު ޓެޑް ކްރޫޒްގެ އިތުރުން، މާރކޯ ރޫބިއޯއާއި، ޖޯން ކަސިޝް ވާދަކުރައްވައެވެ.

އެމެރިކާގެ ސިޔާސީ ޕާޓީތަކުގެ ނިޒާމު އިންނަ ގޮތުން، ރިޔާސީ ޕްރައިމެރީއަށްފަހު ޕާޓީގެ ޓިކެޓް ލިބިވަޑައިގަންނަވާނީ، ރިޔާސީ އިންތިޚާބުގައި ވޯޓްލާން އެ ކެންޑިޑޭޓަކަށް ކާމިޔާބު ކުރެއްވޭ ޑެލިގޭޓުންގެ ނިސްބަތަށް ބަލައި ޕޮއިންޓް ދީގެންނެވެ. އެގޮތުން، ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވުމަށް ކޮންމެ ކެންޑިޑޭޓަކުވެސް 2،382 ޑެލިގޭޓުން ކާމިޔާބު ކުރައްވަން ޖެހިވަޑައިގަންނަވާއިރު، އެކަމަށް ބޭނުންވާ ޕޮއިންޓްގެ ދެބައިކުޅަ އެއްބަޔާ ގާތަށް ހިލަރީ ވަނީ ޖެހިވަޑައިގެންފައެވެ.

ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމެރީގައި މިހާތަނަށް ނުކުތް ނަތީޖާއިން، ޕާޓީގެ ޓިކެޓް ހިލަރީ ކާމިޔާބު ކުރައްވަފާނެ ކަމުގެ އުންމީދުތަކެއް ކުރެވުނު ނަމަވެސް، ބާރނީ ސޭންޑާރސްއަށްވެސް އުންމީދު ކުޑަ ނޫންކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

އެމެރިކާގެ ސެނޭޓްގައި ވާރމޮންޓް ތަމްސީލު ކުރައްވާ ސޭންޑާރސް ގެންދަވަނީ، ރިޔާސީ ޕްރައިމެރީގެ ކެމްޕެއިންގައި އެމެރިކާގެ ޒުވާނުންގެ ހިތްތައް ފަތަހަ ކުރައްވަމުންނެވެ. ޚާއްސަކޮށް އިގްތިސާދީ ހަމަހަމަކަން ގާއިމްކުރެއްވުމަށް ސޭންޑަރސް ގޮވާލައްވާތީ އޭނާއަށް ތާއީދު ދަނީ އިތުރު ވަމުންނެވެ.

އަނެއްކޮޅުން، ދެކޮޅުވެރި އިދިކޮޅު ކެމްޕެއިނާއި، ރިޕަބްލިކަން ޕާޓީގެ މައި މުގޫތަކުން ޑޮނަލްޓް ޓްރަމްޕަށް ފުރުސަތު ނުދޭން ގަދައަޅައި ކުރަމުންދާ މަސައްކަތްތަކާ އެކުވެސް، އިއްޔެގެ ޕްރައިމެރީ ޓްރަމްޕްވަނީ ފަސޭހަކަމާއެކު ކާމިޔާބު ކުރައްވާފައެވެ. އެގޮތުން، މިޗިގަން އަދި މިސިސިއްޕީގެ ވޯޓްވެސް ކާމިޔާބު ކުރެއްވީ ޓްރަމްޕެވެ. އޭގެ އިތުރުން، ހަވާއީގެ ވޯޓްވެސް އޭނާ ވަނީ ކާމިޔާބު ކުރައްވާފައެވެ.

ނަމަވެސް، އިޑަހޯގެ ޕްރައިމެރީ ކާމިޔާބު ކުރައްވާފައިވަނީ ޓްރަމްޕާއި އެންމެ ގާތުން ވާދަކުރައްވާ ޓެޑް ކްރޫޒެވެ.

ތަޖުރިބާކާރުން ވިދާޅުވަނީ، އިދިކޮޅު ފަރާތްތަކުންނާއި އަދި ޕާޓީ ތެރެއިން ޓްރަމްޕްއާ ދިމާއަށް "ކޮންމެ އެއްޗެއް އެއްލިޔަސް" އެޔަކުން އޭނާއަށް އަސަރެއް ކޮށްފާނެ ކަމަށް ނުބެލެވޭ ކަމަށެވެ.