އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ދައްކާ ވާހަކަތައް ވެސް ބަލާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ މިނިވަންކަމާއެކު މަޖިލީހުގެ ތެރެއިން ބެލުމަށް ގޮވާލާ ގަރާރެއް ހުށަހަޅުއްވާފައެވެ.

އެ ގަރާރުގެ ބަހުސްގައި އިދިކޮޅު މެމްބަރުންނާއި ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ހިއްޕެވިކަމުގެ ތުހުމަތު އެކި މެމްބަރުންނަށް ކުރައްވާފައެވެ. ޖަލްސާ ހޫނުވެ އެއް މެމްބަރަކު އަނެއް މެމްބަރަކާ ދިމާއަށް ވަގަށް ގޮވާ ހިސާބަށް ވެސް ދިޔައެވެ. އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ ފައިސާ ހިއްޕަވައިގެން މެމްބަރުން އަރިހަށް ވަޑައިގެން ފައިސާ ބެއްސެވި ކަމަށް ވެސް މެމްބަރަކު ވިދާޅުވިއެވެ.

މަޖިލީހުގައި ދެކެވުނު ވާހަކަތަކާ ގުޅޭގޮތުން އޭސީސީގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ އެކޮމިޝަނުން ތަހުގީގު ކުރަމުން އަންނައިރު ލިބޭ ކޮންމެ މައުލޫމާތަކަށް ވެސް ބަލާނެ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި އެފަދަ ވާހަކައެއް ދެކެވުނަސް އެކަމުގެ ތެދުދޮގު ބަލާނެ ކަމަށް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ މަޖިލީހުގެ ތެރެއިން ބެލުމަށް ރޮޒައިނާ ގަރާރެއް ހުށަހެޅުއްވި ނަމަވެސް އެގަރާރު ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

އެމްއެމްޕީއާރްސީ އޮޑިޓް ކުރުމަށްފަހު މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އޮޑިޓާ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އަގު 79 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.