ޝަރުއީ ދާއިރާ އާއި ބައެއް މީޑިއާތަކާ ދެމެދު އޮތް ނުތަނަވަސް ކަމަށް ހައްލެއް ހޯދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ސުޕްރީމް ކޯޓާ މަޝްވަރާކޮށްފި އެވެ.

ސުޕްރީމް ކޯޓުގައި މިއަދު އޮތް ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި އެ ކޯޓުގެ އަނެއް ތިން ފަނޑިޔާރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރައްވާފައި މިވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ބައެއް މީޑިއާތަކަށް ނުވަދެވޭ ގޮތަށް ހަމަޖައްސާފައިވާތީ މީޑިއާ ތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގަ އެވެ.

މިބައްދަލުވުމާ ގުޅޭގޮތުން ބްރޯޑްކާސްޓިންް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކޯޓުތަކުގައި ހިނގާ ޝަރީއަތްތައް ކަވަރު ކުރުމަށް ނޫސްވެރިންނަށް ނުވަދެވޭ ގޮތަށް ބައެއް ކޯޓް ތަކުން ނިންމުންތައް ނިންމަމުންދާތީ އެއީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅޭ ހުރަހެއް ކަމަށެވެ. އަދި އެއީ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް މި ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ސުޕްރީމް ކޯޓުގައި ވިދާޅުވި ކަމަށްވެސް ބަޔާނުގައިވެ އެވެ.