އައްޑޫ ސިޓީ ހިތަދޫ އާއި ގަން އަދި ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާ މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރު ބައްދަލުކުރައްވައިފި އެވެ.

ހުޅުމީދޫ ޕޮލިސް ސްޓޭޝަން އަދި އައްޑޫ ސިޓީގައި ހުންނަ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ ކެމްޕަސްގައި މި މާޗް މަހުގެ އަށްވަނަ ދުވަހުގެ ރޭ އަދި ނުވަވަނަ ދުވަހު ވަކިވަކިން ބޭއްވި ބައްދަލުވުންތަކުގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި އައްޑޫ ސިޓީގައި ކުށްކުރުން އިތުރުވެފައިވާކަން ފާހަގަކުރައްވައި ކުށްމަދު ކުރުމަށް ހުރިހާ ފުލުހުންވެސް މިހާރަށް ވުރެ ބޮޑަށް އިތުރު މަސައްކަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގަތެވެ. އަދި ފުލުހުންގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް ރަނގަޅުކުރުމަށް ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި ފުލުހުންގެ ހިޔާލު ހޯއްދެވި އެވެ.