ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމަށް ލުޔެއް ދިނުމާ ގުޅޭ ގޮތުން ސަރުކާރާއި އެމްޑީޕީން މަޝްވަރާ ކުރަމުން އަންނަ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރާއްޖެއިން ބޭރުގައި ވިދާޅުވެފައިވާ ކަމަށް ބުނާބުނުން ޕީޕީއެމުން ދޮގުކޮށްފިއެވެ.

ޕީޕީއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިންޑިއާގެ މަޝްހޫރު ތިންކް ޓޭންކް، އޮބްޒާވާ ރިސާޗު ފައުންޑޭޝަންގެ ދައުވަތަކަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ކުރެއްވި ދަތުރުފުޅުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ މެދު ސަރުކާރުން އަމަލުކުރަމުންދާ ގޮތާ މެދު އިތުރުފުޅު ހައްދަވާފައިވާ ކަަމަށް ބުނެ އެމްޑީޕީން ނެރެފައިވާ ބަޔާނަކީ ރައީސް މައުމޫން ދެއްކެވި ވާހަކަފުޅު އޮޅުވާލުމުގެ މަގުސަދުގައި އެޕާޓީގެ ފަރާތުން ނެރެފައިވާ ކަނޑައެޅިގެން ދޮގު ބަޔާނެއް ކަމަށެވެ. އަދި އެކަން އެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެފައި ވެއެވެ.

ރައީސް މައުމޫން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި "އިސްލާމްދީނަކީ ސުލްހައިގެ ދީނެއް" މި މައުލޫއުގައި ތަގުރީރުކުރެއްވުމަށް ފަހު އޮތް ސުވާލާއި ޖަވާބުގެ ވަގުތުގައި ބައެއް ނޫސްވެރިން ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގާ ކަންތައްތަކާ މެދު ސުވާލު ކުރިކަން ޕީޕީއެމްގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އެގޮތުން ނޫސްވެރިޔަކު ކުރީގެ ރައީސް ނަޝީދާ މެދު ކުރި ސުވާލަށް ރައީސް ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ގެންދާ ކަަމަށާއި ސުޕްރީމް ކޯޓުން ޖިނާއީ ކޯޓުގެ ހުކުމް ބާތިލް ނުކުރާނަމަ، ޖިނާއީ ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރަން ޖެހޭނެ ކަމަށް މައުމޫން ވިދާޅުވެފައިވާ ކަމަށް ޕީޕީއެމުން ބުނެއެވެ. އަދި ބުނެފައިވަނީ ނަޝީދުގެ ހުކުމަށް ލުޔެއް ހޯދޭނެ ގޮތަކާ މެދު އެމްޑީޕީއާއި ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ނުވާނެ ކަމަށެވެ.

"ރައީސް މައުމޫން ވިދާޅުވެފައިވަނީ ނަޝީދުގެ ހުކުމަށް ދައުލަތުގެ ފަރާތުން ލުޔެއް ހޯދޭނެ ގޮތަކާ މެދު އެމްޑީޕީއާ އެކު ވަކިން މަޝްވަރާކުރުމަށް އެދި އެޕާޓީއަށް ސަރުކާރުން ހުށަހަޅާފައިވާ ކަމަށެވެ. އެއްވެސް ހާލެއްގައި އެމްޑީޕީއާއެކު މަޝްވަރާ ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވެފައެއް ނުވެއެވެ" ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

ޕީޕީއެމްގެ ބަޔާނުގައި އިތުރަށް ބުނަނީ އެޕާޓީއާއި ޕާޓީގެ ރައީސް އަދި ސަރުކާރު ބަދުނާމުވާގޮތަށް ހަގީގަތާ ޚިލާފު ބަޔާންތައް ނެރުމުގެ ބަދަލުގައި ކަންބޮޑުވާ އެއްވެސް މައްސަލައެއް އޮތް ނަމަ އެމައްސަލައަކަށް ސުލްހަވެރި ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން އެމްޑީޕީއަށް ދީފައިވާ މަޝްވަރާ ކުރުމުގެ ފުރުސަތުގެ ބޭނުން ހިފުމަށް ގޮވާލާ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހުކުމަށް ލުޔެއް ހޯދުމާ ގުޅޭގޮތުން އެމްޑީޕީއާއެކު ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ރައީސް މައުމޫން ވިދާޅުވެފައި ނުވާ ކަމަށް ޕީޕީއެމުން ބުނި ނަމަވެސް، އެމްޑީޕީއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް މައުމޫން ވިދާޅުވި ކަމަށް ބޭރުގެ ބައެއް ނޫސްތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.

ޕީޕީއެމުން މިއަދު އެވާހަކަތައް ދޮގުކޮށް ބަޔާނެއް މިނެރުނީ ރައީސް ނަޝީދާ ގުޅޭގޮތުން މައުމޫން ދެއްކެވި ކަމަށް ބުނާ ވާހަކަތައް ކުށްވެރިކޮށް އެމްޑީޕީން ބަޔާން ނެރެފައި ވަނިކޮށެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނަނީ ރައީސް މައުމޫންގެ ވާހަކަފުޅުގައި ރައީސް ނަޝީދުގެ ޖަލު ހުކުމާ ގުޅޭގޮތުން ސަރުކާރުން އެމްޑީޕީއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވެފައި ވީނަމަވެސް އެއީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އަދި އިދިކޮޅު ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް ސަރުކާރުން އަރުވާފައިވާ ދައުވަތާ މެދު އެމްޑީޕީއާއި އަދާލަތު ޕާޓީގެ ނިންމުމަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަން އެޕާޓީން ވަނީ ތަކުރާރުކޮށްފައެވެ.