އަންހެނުންގެ ކޮމިޓީތަކަށް ގާނޫނީ ބާރުތަކެއް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ލާމަރުކަޒީ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދާމް އެވެ.

މިގާނޫނަށް ރޮޒައިނާ އިސްލާހު ހުށަހަޅުއްވާފައިވަނީ ރަށު ކައުންސިލް ތަކާއި ސިޓީ ކައުންސިލް ތަކުގެ ބެލުމުގެ ދަށުގައިވާ އަންހެނުންގެ ކޮމިޓީތަކުގެ ރައީސް ރަށު ކައުންސިލްގެ މެންބަރެއްގެ ގޮތުގައި އޮޓެމެޓިކުން ހަމަޖެހިގެންދާ ގޮތަށެވެ. އަދި ރަށު ކައުންސިލްތަކަށް މެންބަރުން ހޮވުމަށް އިންތިހާބު އިއުލާންކުރާއިރު ކައުންސިލްގައި އެއް ގޮނޑި އަންހެނުން ކޮމިޓީ ތަކުގެ ރައީސުންނަށް ރިޒާވް ކުރަން ވެސް ވަނީ ހުށަހަޅާފަ އެވެ.

މި ބިލްގައިވާ ގޮތުން އަންހެނުންގެ ކޮމިޓީތަކަށް މެންބަރުން ހޮވާނީ އެރަށެއްގެ އަންހެނުންގެ މެދުގައި ވޯޓެއް ނަގައިގެންނެވެ. ރަށެއްގައި ނަމަ އަންހެނުންގެ ކޮމިޓީގައި މެންބަރުން ހިމެނެނީ ރަށު ކައުންސިލްގެ އަދަދަށެވެ.

ބިލްގައިވާ ގޮތުން އަންހެނުންގެ ކޮމިޓީގެ ރައީސް އަކަށް ވާނީ ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމަށް ނަގާ ވޯޓުގައި އެންމެ ގިނަ ވޯޓް ލިބޭ ފަރާތެވެ.

މި ބިލް ހުށަހެޅި ސަބަބު ތަކުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ 50 އިންސައްތަ އަކީ އަންހެނުން ކަަމަށްވާތީ ގައުމުގެ ސިޔާސީ ނިންމުންތައް ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި އަދި ކައުންސިލް ތަކާއި އަންހެނުންގެ ކޮމިޓީތަކާއި ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް ކައުންސިލްތަކުން ނިންމާ ނިންމުންތައް ނިންމުމުގައި އަންހެނުންގެ ދައުރު މިހާރަށް ވުރެ ހަރުދަނާވެ ފުޅާކުރުން ހިމެނެ އެވެ. މީގެ އިތުރުން އަންހެނުންގެ ކޮމިޓީތައް ބާރުވެރިކުރުވާ އެ ކޮމިޓީތަކާއި ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރުމަށް ގާނޫނީ ގޮތުން އިސްލާހު ކުރަންޖެހޭ ކަންކަން ފާއިތުވި ދައުރުގެ ތަޖުރިބާ ބަލައި އިސްލާހުކުރުމަކީ ވެސް މިފަދަ ބިލެއް ހުށަހެޅި ސަބަބެއް ކަމަށް ބިލްގައިވެ އެވެ.