މޯބައިލް ފޯނުގެ ނަންބަރު ބަދަލުނުކޮށް ހިދުމަތް ހޯދާ ނެޓްވޯކް ބަދަލުކުރެވޭ ހިދުމަތް ނުވަތަ "މޯބައިލް ޕޯޓެބިލިޓީ"ގެ ހިދުމަތް މިއަދު ދޭން ފަށައިފި އެވެ.
ހޮޓެލް ޖެންގައި މިދިޔަ ބުރާސްފަތި ދުވަހު އޮތް ރަސްމިއްޔާތެއްގައި މޯބައިލް ޕޯޓެބިލިޓީގެ ހިދުމަތް ތައާރަފްކޮށްދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު އެދުވަހު ވިދާޅުވީ މިހިދުމަތް ތައާރަފްވެގެން ދިއުމާއިއެކު ރާއްޖޭގެ މުއާސަލާތީ ހިދުމަތުގެ ތާރީހުގައި ފާހަގަކޮށްލެވޭ ދުވަހަކަށް އެދުވަސް ވެގެން ގޮސްފައިވާ ކަމަށެވެ.
އުމަރު ވިދާޅުވީ ޕޯޓެބިލިޓީ ހިދުމަތް ތައާރަފްކުރުމަށް ހިދުމަތްދޭ ކުންފުނިތަކުން ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރު އިންވެސްޓްކުރި ކަމަށެވެ. މިހިދުމަތަކީ މިސަރަހައްދުގެ މަދު ގައުމެއްގައި ލިބޭ ހިދުމަތެއް ކަމަށާއި، އަދި ދުނިޔޭގެ 70 ވަރަކަށް ގައުމުގައި މިހިދުމަތް ލިބޭއިރު އޭޝިއާގައި މިހިދުމަތް ދެމުންދަނީ ހަތް ގައުމެއްގައި ކަމުގައިވެސް ވިދާޅުވި އެވެ.
މި ހިދުމަތަށް 200 ރުފިޔާގެ ފީއެއް ނަގާނެ ކަމަށާއި ހިދުމަތަށް އެދޭތާ ދެ ދުވަސް ތެރޭ ނެޓްވޯކުގެ ހިދުމަތް ލިބެން ފަށާނެ ކަމަށްވެސް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއިން ބުނެ އެވެ.
މިހިދުމަތަށް އެދި މި ހިދުމަތް ހޯދުމަށް "PORT" ޖެހުމަށްފަހު 234 އަށް އެސްއެމްއެސް ކުރުމަށްފަހު، ނަމްބަރު ބަދަލުކުރަން ބޭނުންވާ އޮޕަރޭޓަރަކަށް ހިދުމަތަށް އެދި ފޯމް ހުށަހެޅުމުން ޕޯޓްކުރެވޭ ނަމަ 48 ގަޑިއިރުގެ ތެރޭގައި އެސްއެމްއެސް މެދުވަރިކޮށް ޕޯޓް ކުރެވޭކަން އަންގާނެ އެވެ. ޕޯޓްކުރުމުން އާ ސިމް ކާޑެއް ލިބޭނެ އެވެ. އަދި ސިމް އެކްޓިވޭޓް ވާނީ ދަންވަރު 12:00-2:00އާ ދެމެދު އެވެ. ޕޯސްޓްޕެއިޑް ކަސްޓަމަރެއް މޯބައިލް ޕޯޓެބިލިޓީގެ ހިދުމަތް ބޭނުންކުރުމުގެ ކުރިން ހުރިހާ ބިލެއް ދައްކާ ނިންމަން ޖެހެ އެވެ.
ޕޯޓްކުރުމަށްފަހު އެހެން އޮޕަރޭޓަރަކަށް ބަދަލުވެވޭނީ 90 ދުވަސް ފަހުންނެވެ.
ކުރިން މިއަދު މެންދުރު 12:00 ޖަހާއިރު މިހިދުމަތްދޭ ގޮތަށް އޮތް ނަމަވެސް ދިމާވި ޓެކްނިކަލް ކަމެއްގެ ސަބަބުން މި ހިދުމަތް ދޭން ފެށިފައިވަނީ މިއަދު މެންދުރު 1:00 ޖެހިއިރު އެވެ.