ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލާގައި އަންނަ އަންގާރަ ދުވަހު ހުކުމް ކުރަން ހައިކޯޓުން ނިންމައިފި އެވެ.

ހައިކޯޓުން މިގޮތަށް ނިންމީ މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގަ އެވެ. މިއަދުގެ އަޑުއެހުމުގައި އޮތީ ނާޒިމްގެ ގެއަށް ފުރަތަމަ ވަތް ސްވޮޓް ޓީމްގައި ހިމެނޭ ހަ ފުލުހެއްގެ ސިއްރު ހެކި ބަސް ނެގުމެވެ.

ހައިކޯޓުގައި ނާޒިމްގެ އިސްތިއުނާފްގެ އަޑުއެހުންތައް ކުރިއަށް ދިޔައިރު ޝަރީއަތުގެ ދެ އަޑުއެހުމެއް ސިއްރު ކޮށްގެން ކުރިއަށް ގެންގޮސްފައިވެ އެވެ. ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ އަޑުއެހުންތަކުގައި ވަނީ ނާޒިމްގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކި ބަހާއި ދައުލަތުން ހުށަހެޅި ސިއްރު ލިޔުމެއް ބަލައިގަތުމާ ގުޅޭ ކަންކަން ކުރިއަށް ގެންގޮސްފަ އެވެ.

ނާޒިމްގެ ވަކީލް އަދި ކުރީގެ ބަންޑާރަނައިބް ހުސްނުއް ސުއޫދު ވަނީ ނާޒިމަށް ހުކުމެއް ކުރާނަމަ އާ ގާނޫނުލް އުގޫބާތުގެ ދަށުން ހުކުމް ކުރުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ދައުލަތުން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ. އެގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ ނާޒިމަށް ދައުވާކޮށް އަދި ކްރިމިނަލް ކޯޓުން ހުކުމްކުރީ ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށްވާތީ އާ ގާނޫނުލް އުގޫބާތުގެ ދަށުން ނާޒިމްގެ މައްޗަށް ހުކުމް ނުކުރެވޭނެ ކަމަށެވެ.

އާ ގާނޫނުލް އުގޫބާތުގެ ދަށުން ނާޒިމަށް ހުކުމް ކޮށްފިނަމަ އޭނާއަށް މިހާރު އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ގާތްގަނޑަކަށް އެއް އަހަރަށް ކުޑަ ވެގެންދާނެ އެވެ.

ހައިކޯޓުގައި ނާޒިމުގެ އިސްތިއުނާފް އަޑުއެހުންތައް އެންމެ ފުރަތަމަ ފެށީ ފަސް ފަނޑިޔާރުންގެ ބެންޗަކުން ކަމަށް ވިޔަސް މިހާރު އަޑުއެހުންތައް ކުރިއަށް ގެންދަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ފަނޑިޔާރު އަބްދުއްރައޫފް ރިޔާސަތު ބަލަހައްޓަވާ ބެންޗުގައި ފަނޑިޔާރުގެ ރައޫފުގެ އިތުރުން މިހާރު ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރު އެވެ.

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ.