އިންޓަނެޓްގެ ހިދުމަތް ދެމުންގެންދާ ރާއްޖެ އޮންލައިން (އާރްއޯއެލް)ގެ ތަފާތު ހިދުމަތްތަކެއް ތައާރަފްކޮށް ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ރާއްޖެ އޮންލައިން ހިންގާ ކުންފުނި، ފޯކަސް އިންފޯކޮމް ޕްރައިވެޓް ލިމިޓެޑުން މިއަދު ބުނީ "ސްމާޓް ޕްރޮޖެކްޓް" ނަމުގައި ފަށާފައިވާ މަޝްރޫއުގެ ދަށުން ގިގާބިޓް ސްޕީޑުގައި ކަނެކްޓިވިޓީގެ ހިދުމަތް ދިނުމަށް ޒަމާނީ ފެންވަރުގެ ފައިބަ ވިއުގައެއް ގާއިމު ކުރާނެ ކަމަށެވެ.
ޒަމާނީ ފެންވަރުގެ ޖީޕޮން ރެޒިޑެންޝަލް ފައިބާ ޑިވައިސް މެދުވެރިކޮށް ކަނެކްޓިވިޓީ ވިއުގަ ގުޅުވާލާ ކަސްޓަމާ ޕްރެމިސް ޑިވައިސްތަކަކީ ތަފާތު ހިދުމަތްތަކަށް ބޭނުން ކުރެވޭނެ އިންގިލާބެއް ކަމުގައި ވެގެންދާނެ ކަމުގައި ރާއްޖެ އޮންލައިންގެ ބަޔާނުގައިވެ އެވެ. އެކަމަކު އަލަށް ފަށާ ހިދުމަތްތަކުގެ ތަފްސީލް އެކުންފުނިން ދީފައެއް ނުވެ އެވެ.
އާރްއޯއެލް އިން ބުނީ އަލަށް ތައާރަފް ކުރާ ވިއުގައިގާ ހާއްސަ ތިން ސިފައެއް ހުންނާނެ ކަމަށެވެ. އެއީ ބޭނުން ކުރުމަށާއި އިންސްޓޯލްކުރުމަށް ފަސޭހަވުމާއި، ދެވަނައެއް ނެތް "ސްމާޓް ހޯމް ޕްލެޓްފޯމް" އަކަށްވުމުގެ އިތުރުން ގިގާބިޓް ވިއުގައަށް ފަހި މާހައުލްއަކަށްވުން ކަމަށް ބުނެ އެވެ.
އާރްއޯއެލްގެ ސީއީއޯ ނަގީތު އަބްދުﷲ މިއަދު ވިދާޅުވީ އަލަށް ތައާރަފްކުރާ ވިއުގައަކީ އިންޓެނެޓްގެ މުސްތަގުބަލަށް ބަލައި ތައާރަފްކުރާ ވިއުގައެއް ކަމަށާއި މިފަދަ ވިއުގައެއް ތައާރަފް ކުރުމުގެ ބޭނުމަކީ ކުންފުނިން ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަނެޓްގެ ހިދުމަތްތައް ވީހާވެސް ފަސޭހަ ކޮށްދިނުން ކަމަށެވެ.
ރާއްޖެ އޮންލައިންގެ ތަފާތު ހިދުމަތްތަކެއް ތައާރަފްކޮށް ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާއިރު ރާއްޖެ އޮންލައިންގެ ހިދުމަތް ހޯދާ ފަރާތްތަކުން ބޭނުންވާ ކަންކަން ދެނެގަތުމަށްޓަކައި ރާއްޖެ އޮންލައިނުން ގޭގެއަށް ގޮސް ސާވޭ އެއް ކުރަމުންވެސް އެބަގެންދެ އެވެ. އަދި މާލޭގައި އިންޓަނެޓް ހިދުމަތް ދިނުމަށް އެކުންފުނިން ބޭނުން ކުރާ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ވެސް ރާއްޖެ އޮންލައިނުން ދަނީ ކުރަމުންނެވެ.