އަމީނީ މަގުގައި ހަދާފައިވާ ރެހެންދި ފްލެޓް އެކެއްގެ ފްލެޓެއް 2.2 މިލިއަން ރުފިޔާ އަށް އަދި ރެހެންދި ތިނެއްގެ ފްލެޓެއް ދެ މިލިއަން ރުފިޔާއަށް ވިއްކަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

މި ފްލެޓް ތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހައުސިން މިނިސްޓްރީން މިއަދު 11:00 ޖެހިއިރު ބައްދަލުވުމެއް ބާއްވާފައިވާއިރު ބައްދަލުވުމަށް ދިޔަ ފަރާތްތަކަށް ދޫކުރި ޝީޓެއްގައިވާ ގޮތުން ރެހެންދި ފްލެޓް އެކެއްގެ ފްލެޓެއް 2.2 މިލިއަން ރުފިޔާ އަށް އަދި ރެހެންދި ތިނެއްގެ ފްލެޓެއް ދެ މިލިއަން ރުފިޔާއަށް ވިއްކަން ހައުސިން މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

އަމީނީމަގު ޓީވީ ކޮށީގައި ހަދާފައިވާ ރެހެންދި ފްލެޓް އެކަކުން އެއް ފްލެޓް އަދި އަލަށް ހަދަމުންދާ ރެެހެންދި ފްލެޓް ތިނަކުން ސަރުކާރަށް ލިބިފައިވާ 10 ފްލެޓް ވިއްކަން ނިންމާ، ފްލެޓަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީން ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ރެހެންދި ފްލެޓްތަތަކަކީ އެފްޑަބްލިޔޫ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނާއި ފޯ ޕަލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިމާރާތް ކޮށްފައިވާ ފްލެޓްތަކެކެވެ.

މި ފްލެޓްތައް ގަތުމަށް ޝައުގުވެރިވެ މިއަދު މައުލޫމާތު ސާފުކުރި ފަރާތްތަކަށް އަންދާސީހިސާބު ހުށަހަޅަން ފުރުސަތު ދީފައިވަނީ މިމަހުގެ 31 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ޖަހާއިރު އެވެ. ފްލެޓްތަކަށް ހުށަހަޅާ އަންދާސީހިސާބުތައް ބަލައިގަތުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައި ހުށަހަޅުއްވާ ގަޑީގައި ކަމަށްވެސް ހައުސިން މިނިސްޓްރީން މީގެ ކުރިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވެ އެވެ.

ކޮންމެ މީހެއްގެ ނަމުގައި ގަތުމަށް ހުށަހެޅެނީ އެއް ފްލެޓަށެވެ.

ފްލެޓް ގަތުމަށް އެދޭ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކަށް ބަލާއިރު ފްލެޓް ގަތުމަށް ހުށަހަޅާ ފަރާތުގެ ނަމުގައި މާލެ، ހުޅުމާލެ އަދި ވިލިނގިލީ އަވަށުގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ނެތުމާއި، ޑައުންޕޭމަންޓްގެ ގޮތުގައި މަދުވެގެން ފްލެޓްގެ އަގުގެ 25 ޕަސަންޓް ދެއްކޭނެ ފަރާތަކަށް ވުމަށް ލާޒިމްކޮށްފައިވެ އެވެ.

ފްލެޓް ގަތުމަށް ހުށަހަޅާ އަންދާސީހިސާބުތައް އިވެލުއޭޓް ކުރުމުގައި ފްލެޓްގެ އަގު އެއްފަހަރާ ދައްކަން ހުށަހަޅާ ފަރާތްތަކަށް އެންމެ ބޮޑަށް އިސްކަންދޭނެ ކަމަށާއި ފްލެޓްގެ އަގު އެއްފަހަރާ ދެއްކެން ނެތް ފަރާތްތަކުގެ ތެރެއިން ޑައުންޕޭމަންޓްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކަން ހުށަހަޅާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް އިއުލާންގައިވެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ޑައުންޕޭމަންޓް ދައްކަން ހުށަހަޅާނީ އެއްފަހަރާ ކަމަށާއި އަދި ބާކީ ފައިސާ ފްލެޓް ގަންނަން ހުށަހަޅާ ފަރާތުގެ ނަމުގައި ސަރުކާރަށް ދެއްކުމަށް ގެރެންޓީ ދޭ ބޭންކެއް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓެއްގެ ލިޔުން ހުށަހަޅަންޖެހޭނެ ކަމަށެވެ.

ފްލެޓް ގަތުމަށް ހުށަހަޅާ އަންދާސީހިސާބުތަކަށް ޕޮއިންޓް ދިނުމުގައި ޑައުންޕޭމަންޓް 25 ޕަސެންޓަށް ވުރެ ދަށުން ދެއްކުމަށް ހުށަހަޅާ މީހުންނަށް ސުން ޕޮއިންޓް އަދި ޑައުންޕޭމަންޓް 25 ޕަސެންޓުން ފެށިގެން 100 ޕަސެންޓާ ދޭތެރޭގައި ދެއްކުމަށް ހުށަހަޅާ ޕަސެންޓަކާ އެއްވަރަށް ޕޮއިންޓް ދިނުމަށް ވަނީ ނިންމާފަ އެވެ. އެ ގޮތުން ޕޮއިންޓް ދޭނީ 25 ޕޮއިންޓުން ފެށިގެން 100 ޕޮއިންޓާ ދެމެދުގެ އަދަދަކަށް ކަމަށް ވެސް އިއުލާންގައިވެ އެވެ.

ހައުސިން މިނިސްޓްރީން އިތުރަށް ބުނީ ޕޮއިންޓް އުސޫލުން މާކްސް ދިނުމަށްފަހު ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅާނީ އެންމެ ގިނަ ޕޮއިންޓް ލިބޭ ތަރުތީބަށް އިސްކަންދީގެން ކަމަށެވެ. ފްލެޓްގެ އަގު އެއްފަހަރާ ދައްކަން ހުށަހަޅާ ފަރާތްތައް ވިއްކަން ކަނޑައަޅާފައިވާ ފްލެޓަށް ވުރެ ގިނަނަމަ ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށްވެސް އިއުލާންގައިވެ އެވެ.