ވީނުވީއެއް ނޭނގި ގެއްލިފައިވާ މެލޭޝިޔަން އެއަރލައިންގެ އެމްއެޗް 370 ގެ ބައެއް ކަމަށް ބެލެވޭ ބައި އިތުރު ތަހުލީލަށް މެލޭޝިޔާއަށް ގެންގޮސްފިއެވެ.

މެލޭޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރ ލިއޯވް ޓިއޯންގް ލާއީ ވިދާޅުވެފައިވަނީ، މޮޒަމްބީކް ކައިރިއަށް ލައްގާފައި އޮއްވާ ފެނުނީ ގެއްލިފައިވާ އެމްއެޗް 370 މަރުކާގެ ބޮއިން 777 ގެ ބޯޓެއްގެ ބައެއްކަމަށް "ވަރަށް ބޮޑަށް" ބެލެވޭ ކަމަށެވެ.

މޮޒަމްބީކަށް ލައްގާފައި އޮއްވާ ފެނިފައިވަނީ، މަތިންދާ ބޯޓްގެ ޓެއިލްއާ ގުޅިފައި ފިޔަގަނޑެއްގޮތަށް ހަރުކޮށްފައި އިންނަ ބައިން ނެއްޓިފައިވާ ބައެކެވެ. މިބައިގެ ދިގުމިން އެއް މީޓަރު ހުއްޓެވެ.

މިބައި ފެނިފައިވަނީ މޮޒަމްބީކްގެ އައްސޭރި ފަށުގެ ވިލަންކުލޯ އަވަށް ކައިރީގައި އޮންނަ ސޭންޑްބޭންކެއްގައި ހިގާލަން ގޮސްއުޅުނު ފަތުރުވެރިޔަކަށް ކަމަށް މޮޒަމްބީކްގެ ސިވިލް އޭވިއޭޝަން އިންސްޓިޓިއުޓުން ބުނެފައި ވެއެވެ.

ލައްގާފައި އޮއްވާ ފެނުނު ބޯޓްގެ ބައިގެ ފޮޓޯތައް ބެލި އެމެރިކާ، މެލޭޝިޔާ އަދި އޮސްޓްރޭލިއާގެ ތަހްގީގުކުރާ ފަރާތްތަކާ ހަވާލާދީ އެމެރިކާގެ ޚަބަރު ވިއުގަ، އެންބީސީން ބުނެފައިވަނީ، މިއީ އެމްއެޗް 370 ގެ ބައެއްކަމަށް ވެދާނޭ ކަމަށެވެ.

މޮޒަމްބީކުން ފެނުނު މަތިންދާ ބޯޓްގެ ބައި މެލޭޝިޔާއަށް ގެނައި ނަމަވެސް، އޭގެފަހުން އެބައި ފޮނުވުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާއަށް ކަމަށް މެލޭޝިޔާގެ ޑިޕާޓްމަންޓް އޮފް ސިވިލް އޭވިއޭޝަންގެ ވެރިޔާ އަޒްހަރުއްދީން އަބްދުއް ރަހްމާން ވިދާޅުވެފައި ވެއެވެ. އެމްއެޗް 370 ހޯދުމުގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރަމުން ދަނީ އޮސްޓްރޭލިއާއިންނެވެ.

އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ޑާރަން ޗެސްޓަރ ވިދާޅުވީ، އަލަށް މިފެނުނު މަތިންދާ ބޯޓްގެ ބައި ތަހުލީލު ކުރާނީ، އޮސްޓްރޭލިއާ، މެލޭޝިޔާގެ އޭވިއޭޝަން ތަޖުރިބާކާރުން ގުޅިގެން ކަމަށާއި، މިބަޔަކީ ސީދާ ކޮން ބޯޓެއްގެ ބައެއްކަން ކަށަވަރު ކުރުމުގެ ތަހުލީލުގައި ބޮއިން ކުންފުނީގެ ތަޖުރިބާކާރުންވެސް ބައިވެރިވާނޭ ކަމަށެވެ.

މޮޒަމްބީކް ކައިރިން ފެނުނު ބޮއިން 777 ގެ މަތިންދާ ބޯޓްގެ ބަޔަކީ، މެލޭޝިއަން އެއަރލައިންގެ ގެއްލިފައިވާ އެމްއެޗް 370 ބައެއްކަން ކަށަވަރު ވެއްޖެނަމަ މިއީ، އެމްއެޗް 370 ބައިތަކެއް ފެނުނު ދެވަނަ ފަހަރަށް ވެގެންދާނެއެވެ.

އިންޑިއާ ކަނޑުގެ ޖަޒީރާ ރަށެއް ކަމަށްވާ ރީޔޫނިއަންގެ ގޮނޑުދޮށަށް މިދިޔަ އަހަރުގެ ޖުލައިމަހު ލައްގާފައި އޮއްވާ، ރީޔޫނިއަންގެ މީހަކަށް ފެނުނު މަތިންދާ ބޯޓެއްގެ ފިޔަގަނޑުގެ ބަޔަކީ އެމްއެޗް 370 ގެ ބައެއްކަން ތަޖުރިބާކާރުން ވަނީ ކަށަވަރު ކޮށްދީފައެވެ. އެއީ، މެލޭޝިޔާގެ ބޯޓާ ބެހޭގޮތުން މިހާތަނަށް ހޯދިފައިވާ ހަމައެކަނި ހޯދުމެވެ.

ފަސިންޖަރުންނާއެކު މެލޭޝިޔާގެ ކުއާލަލަމްޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިންގަށް ދަތުރު ކުރަނިކޮށް ބޯޓް ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ މާޗްމަހުގެ 8 ވަނަ ދުވަހުއެވެ.

އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލުން ވެފައިވަނީ ދުނިޔޭގެ ވައިގެ އުދުހުންތަކުގެ ތާރީޚްގައި ހިނގާފައިވާ އެންމެ ގޮތްނޭނގޭ ހާދިސާއަށެވެ.