ޕްރޮސެކިއުޓަ ޖެނަރަލްގެ އޮފީހަށް މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.

ޕްރޮސެކިއުޓަ ޖެނަރަލްގެ އޮފީހުން މިއަދު އާންމުކުރި އެ އޮފީހުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެ އޮފީހަށް ހުށަހެޅުނީ 4509 މައްސަލަ އެވެ. ނަމަވެސް 2014 ވަަނަ އަހަރު އެ އޮފީހަށް ހުށަހެޅުނީ 3396 މައްސަލަ އެވެ. އެހެންކަމުން 2014 ވަނަ އަހަރަށް ވުރެ އިތުރަށް 2015 ވަނަ އަހަރު 1113 މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅިފައިވެ އެވެ.

ޕީޖީ އޮފީހުގައި 2014 ވަނަ އަހަރު 995 މައްސަލަ ނުނިމި އޮތް ކަމަށް އަހަރީ ރިޕޯޓުގައިވާއިރު 2015 ވަނަ އަހަރު މިއަދަދުވެސް އިތުރުވެފަ އެވެ. އެގޮތުން 2015 ވަނަ އަހަރު ނިމިގެން ދިޔައިރު 1318 މައްސަލަ ޕީޖީ އޮފީހުގައި ނުނިމި އޮތް ކަމަށް ރިޕޯޓުގައިވެ އެވެ. މިއީ 2014 ވަނަ އަހަރާ އަޅާބަލާއިރު 323 މައްސަލަ އިތުރު އަދަދެކެވެ.

ޕީޖީ އޮފީހަށް މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޕީޖީ އޮފީހުން މިދިޔަ އަހަރު ވަނީ 3191 މައްސަލައާއި މެދު ގޮތެއް ނިންމާފަ އެވެ. އެއީ 70.77 އިންސައްތަ މައްސަލަ އެވެ.

ޕީޖީ އޮފީހުން މިދިޔަ އަހަރު 1831 މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު އަލުން ހުށަހެޅުމަށްޓަކައި 241 މައްސަލަ މިދިޔަ އަހަރުގެ ތެރޭގައި ފޮނުވާލާފައިވެ އެވެ. ހެއްކާއި ގަރީނާ ނެތިގެން އަނބުރާ 128 މައްސަލަ މިދިޔަ އަހަރު ފޮނުވާލާފައިވާއިރު، އެކި ސަބަބުތަކާއި ހުރެ މިދިޔަ އަހަރު އަނބުރާ ފޮނުވާލެވިފައިވަނީ 482 މައްސަލަ އެވެ. ޕީޖީ އޮފީހުގައި މިދިޔަ އަހަރު 406 މައްސަލަ ހިފެހެއްޓި ހުރި އިރު 101 މައްސަލައެއްގައި މިދިޔަ އަހަރު އިތުރު ފުރުސަތު ދީފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ދެ މައްސަލައެއްގެ މައުލޫމާތު ސާފު ކުރެވިފައިވާ ކަަމަށްވެސް މި ރިޕޯޓްގައިވެ އެވެ.

ޕީޖީ އޮފީހަށް މިދިޔަ އަހަރު މައްސަލަ ހުށަހެޅި ފަރާތްތަކަށް ބަލާއިރު އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ ފުލުހުންގެ އިދާރާއިންނެވެ. އެގޮތުން ފުލުހުންގެ އިދާރާއިން 4481 މައްސަލަ މިދިޔަ އަހަރު ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަަމަށް އަހަރީ ރިޕޯޓުގައިވެ އެވެ. މީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން 20 މައްސަލަ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަ މައްސަލަ، ޕޮލިސް އިންޓެގްރިޓީ (ޕީއައިސީ) އިން އެއް މައްސަލަ އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް އެއް މައްސަލަ މިދިޔަ އަހަރު ޕީޖީ އޮފީހަށް ހުށަހަޅާފައިވެ އެވެ.

ޕީޖީ އޮފީހުން މިދިޔަ އަހަރު ސުޕްރީމް ކޯޓަށް އަށް މައްސަލަ އަދި ހައިކޯޓަށް ވެސް އަށް މައްސަލައެއް ހުށަހަޅާފައިވާއިރު މިދިޔަ އަހަރު ޕީޖީ އޮފީހަށް އިސްތިއުނާފް ރައްދުވި 49 މައްސަލައެއް އޮތް ކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.