ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުހްތާޒް މުހްސިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން މުހުތާޒުގެ މައްޗަށް އިތުރު ދެ ދައުވާއެއް ވެސް އުފުލާފައިވެ އެވެ. އެއީ ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްހަ ނޫން ގޮތަކަށް ދެއްކުމުގެ ދައުވާ އާއި ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދައްކަން ލިޔުމެއް އުފެއްދުމުގެ ދައުވާ އެވެ.

މިދައުވާތައް މުހުތާޒުގެ މައްޗަށް އުފުލާފައިވަނީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކ. މާފުށީ ކޯޓުން އަމުރެއް ނެރެފައިވާ ކަން ދައްކަން އެ ކޯޓުގެ ނަމުގައި ލިޔުމެއް ތައްޔާރުކުރި ކަމުގެ ތުހުމަތުގަ އެވެ.

މީގެ ކުރިން މުހުތާޒުގެ މައްޗަށް ދައުވާކުރަން ފޮނުވިއިރު ޓެރަރިޒަމްގެ ދައުވާ ހިމެނިފައެއް ނުވެ އެެވެ. މިއަދު އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރީ ކުރިން އޭނާގެ މައްޗަށް އުފުލި ތިން ދައުވާގެ ތެރޭގައި ހިމެނުނު ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓަން އުޅުމުގެ ދައުވާ އަނބުރާ ގެންދިއުމަށް ފަހު އެވެ.

ދައުވާތަކުގެ ޝަރީއަތް މިއަދު މެންދުރުފަހު ފަށާ ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން މުހުތާޒު ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.

ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދައުވާތަކަށް އިންކާރުކުރައްވާ ވަކީލަކު ހަމަޖައްސަން މުހުތާޒު ފުރުސަތަކަށް އެދިވަޑައިގަތުމުން ކޯޓުން ވަނީ ވަކީލަކު ހަމަޖައްސަން ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މުހުތާޒުގެ މައްޗަށް މިއަދު އަލަށް އުފުލާފައިވާ ޓެރަރިޒަމްގެ ކުށް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ސައްހަ ނޫން ލިޔުން ތައްޔާރުކުރި މައްސަލާގައި މުހުތާޒުގެ އިތުރުން އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ، ގއ. މާމެންދޫ، ވީނަސް، އަހްމަދު ނިހާން (30އ) ހައްޔަރުކޮށް އޭނާގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލާފަ އެވެ. ނަމަވެސް އޭނާގެ މައްޗށް އުފުލި ދައުވާތަކުގެ ތެރެއިން އަޑުއެހުމެއް މިހާތަނަށް ބާއްވާފައިވަނީ ތިން ދައުވާއެއްގަ އެވެ.

ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ނިހާން ވެސް ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.