ބައިނަލްއަގްވާމީ އެންމެ ބޮޑު އިޤްތިސާދާއި އެކު ރާއްޖެ ފަދަ ކުޑަ މިނިވަން އިގްތިސާދަކާ ދެމެދު ވިޔަފާރީގެ އެއްބަސްވުމަކަށް އާދެވުމަކީ ރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަހުރެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ސައީދު މިހެން ވިދާޅުވީ މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މިއަހަރުގެ ޖޫން މަހުގެ 13 އިން 17 އަށް ޗައިނާގެ ކުންމިންގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސައުތު އޭޝިއާ އެކްސްޕޯ 2016" އާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.

އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ފްރީ ޓްރޭޑް އެގްރިމެންޓާއި ގުޅޭ ދެ މަޝްވަރާ ބައްދަލުވުމެއް މީގެ ކުރިން ބާއްވާ ނިންމާލެވިފައިވާ ކަމަށާއި، މި މަޝްވަރާ ބައްދަލުވުންތައް ވަރަށް ކާމިޔާބު ކަމަށެވެ.

މީގެ އިތުރަށް ކުންމިން ފެއާގެ "ކަންޓްރީ އޮފް އޮނާ"ގެ މަގާމު މިއަހަރު ދިވެހިރާއްޖެއަށް ލިބިގެން ދިއުމަކީ ފްރީ ޓްރޭޑް އެގްރީމަންޓެއް އެކުލަވާލުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމުގައިވެސް ވިދާޅުވި އެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ދެގައުމުގެ ދެމެދުގައި މަޝްވަރާ ކުރެވިގެން ފްރީ ޓްރޭޑް އެގްރިމްންޓްގައި ސޮއިކުރެވޭނެ ކަމަށް މިނިސްޓަރު ސައިދު ވިދާޅުވި އެވެ.

ސައިދު ވިދާޅުވީ ކުންމިންގައި ބާއްވާ އެކްސްޕޯއަކީ ރާއްޖޭގައި އަތްތެރި މަސައްކަތް ކުރައްވާ ބޭފުޅުންގެ ހުނަރުވެރިކަން ދައްކާލުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމާށައި، މިއެކްސްޕޯގައި ބައިވެރިވެ ރާއްޖެ ތަމްސީލްކުރަން ޖެހޭ ކަމަށެވެ. އަދި މި ފެއާގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ބޮޑެތި ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސައިދު އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގައި އަތްތެރި މަސައްކަތުން އުފައްދާ ކޮންމެވެސް ފަސް ޕްރޮޑަކްޓެއް ލާޖް ސްކޭލް ޕްރޮޑަކްޝަން ލައިނެއްގެ ތެރެއިން އުފެއްދޭ އެއްޗަކަށް ހެދުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޕްރޮޑަކްޓެއް ކަން އަންގައިދޭ މަރުކާއެއް ތައާރްފްކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ސައިދު އިތުރަށް ވިދާޅުވީ ދިވެހި އުފެއްދުންތަކަށް ހާއްސަ ޕްރޮޑަކްޝަން ހައުސްއެއް ވެސް އުފެއްދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ ބޮޑެތި މާކެޓްތަކަށް ހާއްސަކޮށްގެން ގިނަ އުފެއްދުންތައް އުފެއްދުމުގެ ނިޔަތުގައި ހުޅުވާ ޕްރޮޑަކްޝަން ހައުސްއެއް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.