ބަނގްލަދޭޝްގެ ރަސްމީ ދީނަކީ އިސްލާމްދީން ކަމަށް އޮތް އޮތުން އުވާލަން އެގައުމުގެ ހައި ކޯޓުން އެއްވެސް މަސައްކަތެއް ކުރާނަމަ މުޅި ގައުމު މުޒާހަރާގެ ތެރެއަށް ވައްޓާލާނެ ކަމަށް ބުނެ ވަރުގަދަ އިންޒާރުތަކެއް ދީފިއެވެ.
މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ބަނގްލަދޭޝްގެ ހައި ކޯޓަށް މިއިންޒާރު ދިނީ، އެގައުމުގެ އިސްލާމީ ޖަމާއަތްތަކުންނެވެ.
ބަނގްލަދޭޝްގެ އާބާދީގެ %90 އަކީ މުސްލިމުންނެވެ. ބައިމަދު އެހެން ދީންތަކުގެ ތެރޭގައި ހިމެނެނީ ހިންދޫންނާއި ބުދިސްޓުންނެވެ.
1971 ވަނަ އަހަރު އެކަށައެޅި މިނިވަންކަމުގެ ޗާޓަރުގައި ކަނޑައަޅާފައިވަނީ ބަނގްލަދޭޝްއަކީ ސެކިއުލަރ ދައުލަތެއް ކަމަށެވެ. މާނައަކީ ދީނީ މިނިވަންކަން އޮންނަ ގައުމެއް ކަމަށެވެ.
ނަމަވެސް، 1988 ވަނަ އަހަރު ގެނައި އަސްކަރީ އިންގިލާބަށްފަހު ބަނގްލަދޭޝްގެ ރަސްމީ ދީނަކީ އިސްލާމްދީން ކަމަށް ކަނޑައަޅާފައި ވެއެވެ.
ބަނގްލަދޭޝްއަކީ ސެކިއުލަރ ދައުލަތެއް ކަމަށް މިނިވަންކަމުގެ ޗާޓަރުގައި ކަނޑައަޅާފައި އޮވެފައި، ރަސްމީ ދީނަކީ އިސްލާމްދީން ކަމަށް ކަނޑައަޅާފައި އޮތުމަކީ ފުށުއެރުމެއް ކަމަށާއި، އެއީ މުސްލިމް ނޫން މީހުންނާމެދު ތަފާތުކުރުންތަކެއް ކަމަށް ބުނެ، ބަނގްލަދޭޝްގެ ހައި ކޯޓަށް ޕެޓިޝަނެއް ވަނީ ހުށަހެޅިފައެވެ. މި ޕެޓިޝަން ހުށަހެޅީ ސެކިއުލަރިސްޓުންނެވެ.
ބަނގްލަދޭޝްގެ ހައި ކޯޓުން މިހާރު ގެންދަނީ މި ޕެޓިޝަނާމެދު ގޮތެއް ކަނޑައެޅުމަށް މަޝްވަރާކޮށް ވިސްނުންތައް ވިސްނަމުންނެވެ. މީގެ ފުރަތަމަ އަޑުއެހުން ބޭއްވުމަށް ތާވަލް ކޮށްފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.
ބަނގްލަދޭޝްގެ އިސްލާމީ ހަރުކަށި ޚިޔާލުގެ ޖަމާއަތްތަކުންނާއި، މީހުން ގެންދަނީ މި ޕެޓިޝަން ހައި ކޯޓުން ބޭރުކުރުމަށް ގޮވާލަމުންނެވެ. އަދި ބަނގްލަދޭޝްގެ ރަސްމީ ދީނަކީ އިސްލާމްދީން ކަމަށް އޮންނަ އޮތުން ބަދަލުކުރުމަށް ހައި ކޯޓުން އެއްވެސް ފިޔަވަޅެއް އަޅާނަމަ މުޒާހަރާތައް ފަށާނޭ ކަމަށްވެސް އިންޒާރު ކުރަމުން ގެންދެއެވެ.
"ޕެޓިޝަންއާ ގުޅިގެން ހައި ކޯޓުން އެއްވެސް ފިޔަވަޅެއް ކުރިއަށް އަޅަންޏާ އެކަން ވެގެންދާނީ އިސްލާމްދީނަށް ކުރެވޭ ފުރައްސާރައަކަށް. ބަނގްލަދޭޝްގެ އިސްލާމީ ޕާޓީތަކުންނާއި، އިލްމުވެރިންނާއި، އާންމު ރައްޔިތުންވެސް މިކަމާ ދެކޮޅު ހަދާނެ" ބަނގްލަދޭޝްގެ ސިޔާސީ އިސްލާމީ ޕާޓީއެއް ކަމަށްވާ އިސްލާމިކް އޯކިޔާ ޖޯތޭގެ ސެކްރެޓަރީ ޖެނެރަލް މުފްތީ މުހަންމަދު ފާއިޒުﷲ ވިދާޅުވިއެވެ.
ދީނީ މައްސަލަތަކެއްގައި ދާދިފަހުން ބަނގްލަދޭޝްގައި ވަނީ މީހުން މެރުމުގެ ހާދިސާތަކެއްވެސް ހިނގާފައެވެ. އެގޮތުން، އިސްލާމްދީނަށް ފުރައްސާރަކޮށް ލިއުނު ލިއުންތަކާ ގުޅިގެން އިސްލާމީ ހަރުކަށި ޚިޔާލުގެ މީހުންވަނީ އެއްވެސް ދީނެއް ގަބޫލުނުކުރާ ބްލޮގަރުންތަކެއް މަރާލާފައެވެ. އެނޫންވެސް، ދީނީ މައްސަލަތަކެއްގައި މީހުންތަކެއް މަރާލާފައި ވެއެވެ.
ނަމަވެސް، ބަނގްލަދޭޝްގެ އިސްލާމީ ޕާޓީތަކުން ބުނަނީ، މިފަދަ މައްސަލަތަކާހެދި ސަރުކާރުންވެސް އަދި ޝަރުޢިއްޔާއިންވެސް އެމީހުންގެ ބިރުދެއްކުންތަކަށް ބޯލަނބައިގެން ނުވާނެ ކަމަށެވެ.
"ސަރުކާރާއި ޖޫޑިޝަރީން އެމީހުންގެ (ސެކިއުލަރިސްޓުންގެ) ބިރުދެއްކުންތަކަށް ބޯލަނބާނަމަ ބަނގްލަދޭޝްގެ ހުރިހާ މުސްލިމުން މަގުތަކަށް ނުކުންނާނެ. މުޅި ގައުމުގައި ދެކޮޅުވެރިކަމުގެ އަލިފާންގަނޑެއް ރޯކޮށްލާނެ" ހިފާޒަތުލް އިސްލާމް ނަމަކަށްކިޔާ ޖަމާއަތަކުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.