މިޔަންމާގެ އާ ރައީސްކަމަށް އަންގް ސަން ސޫކީގެ ކުރީގެ ޑްރައިވަރު އަދި ސޫކީގެ އިސް އެހީތެރިއެއް ކަމަށްވާ ޔޫ ހްޓިން ކިޔައުގެ ނަން ހުށަހަޅައިފިއެވެ.
ސޫކީގެ ނޭޝަނަލް ލީގް ފޮރ ޑިމޮކްރަސީ ޕާޓީން މިކަން އިޢްލާން ކުރީ، މިޔަންމާގެ ޕާލަމެންޓްގެ ދަށުގޭގައެވެ. ޕާލަމެންޓްގެ ދަށުގެއިން ރައީސްކަމަށް ބޭފުޅަކު ނޮމިނޭޓް ކުރިއިރު، ޕާލަމެންޓްގެ މަތިގެއިންވެސް އެޕާޓީން ކެންޑިޑޭޓެއްގެ ނަން ހުށަހަޅާނެއެވެ.
ނޭޝަނަލް ލީގް ފޮރ ޑިމޮކްރަސީ ޕާޓީން ޕާލަމެންޓްގެ ދަށުގެއިން ރައީސްކަމަށް ހުށަހެޅި އުމުރުފުޅުން 69 އަހަރުގެ ޔޫ ހްޓިން ކިޔައުއަކީ އަންގް ސަން ސޫކީއާ އެއް ސްކޫލެއްގައި، އެކުގައި ކިޔަވާވިދާޅުވާން އުޅުއްވި ބޭފުޅެކެވެ. ސޫކީގެ ކުރީގެ ޑްރައިވަރުގެ އިތުރުން، ސޫކީގެ ހިލޭ އެހިދޭ ފައުންޑޭޝަން ހިންގަވަނީވެސް އޭނާއެވެ. އަދި އޭނާއަކީ ނޭޝަނަލް ލީގް ފޮރ ޑިމޮކްރަސީ ޕާޓިގެ މަރުކަޒީ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރެއްވެސް މެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މިޔަންމާގައި ބޭއްވި އާންމު އިންތިޚާބުގައި ސޫކީގެ ޕާޓީން ވަނީ 390 ގޮނޑި ކާމިޔާބުކޮށް، ޕާލަމެންޓްގެ އަޣުލަބިއްޔަތު ހޯދާފައެވެ.
މިނަތީޖާއާއެކު، 2011 ވަނަ އަހަރުން ފެށިގެން އެގައުމުގައި ހިނގަމުން އައި އަސްކަރީ ވެރިކަމަށް ނިމުން އައިސް، ނޭޝަނަލް ލީގް ފޮރ ޑިމޮކްރަސީން މިހާރު ތައްޔާރު ވަމުންދަނީ ވެރިކަމާ ހަވާލުވާށެވެ.
އާ ޕާލަމެންޓްގެ ފުރަތަމަ މަސައްކަތަކަށް ވާނީ މިޔަންމާގެ މިހާރުގެ ރައީސް ޖެނެރަލް ތެއިން ސެއިންގެ ބަދަލުގައި އާ ރައީސަކު އިންތިޚާބު ކުރުމެވެ. މިކަން މިމަހު އޮންނާނެއެވެ.
އަސްކަރީން ފާސްކޮށްފައިވާ ގާނޫނުއަސާސީގެ ދަށުން، މިޔަންމާގެ ރައީސްކަމަށް ސޫކީއަކަށް ވަޑައެއް ނުގެންނެވެއެވެ. ސަބަބަކީ، ބޭރު ގައުމަކަށް ނިސްބަތްވާ އާއިލާގެ ގާތް މެމްބަރުން ތިބި މީހަކަށް ރައީސްކަން ނުކުރެއްވޭނޭ ކަމަށް ގާނޫނުއަސާސީގެ މާއްދާއެއްގައި ކަނޑައަޅާފައި އޮތުމުންނެވެ.
އަން ސަން ސޫކީގެ އަވަހާރަވެފައިވާ ފިރިކަލުންނާއި އަދި ސޫކީގެ ދެ ފިރިހެން ދަރިކަލުންނަކީ އިނގިރޭސި ރައްޔިތުންނެވެ.
އެހެންކަމުން، ކުރިންވެސް ހީކުރެވުނު ގޮތަށް ސޫކީގެ ވިސްނުން މިހާރު ހުރީ ގާނޫނުއަސާސީ އިސްލާހް ކުރެވެންދެން "ޕަޕެޓް" ރައީސެއް އައްޔަންކޮށް "ރައީސަށްވުރެންވެސް މަތިން" ސީދާ ސޫކީގެ ނުފޫޒު ހިނގާ ވެރިކަމެއް ގާއިމްކުރެއްވުމަށެވެ.
ސޫކީއަށް އިތުބާރު ކުރެއްވޭ ގާތް ބޭފުޅެއް ކަމަށްވާ ކުރީގެ ޑްރައިވަރު ރައީސްކަމަށް ހުށަހެޅުއްވީވެސް އެހެންވެގެން ކަމަށް މުރާސިލުން ބުނެއެވެ.
މިޔަންމާގެ ރައީސްކަމަށް ނޭޝަނަލް ލީގް ފޮރ ޑިމޮކްރަސީން ދެ ކެންޑިޑޭޓުން ހުށަހަޅާއިރު، ޕާލަމެންޓް މެމްބަރުންގެ ފަރާތުންވެސް ދެގެއިން ދެ ކެންޑިޑޭޓުން ނެރޭނެއެވެ. އަދި ޕާލަމެންޓްގައި ހިމެނޭ އަސްކަރީން ތަމްސީލު ކުރާ މެމްބަރުންގެ ފަރާތުންވެސް ދެ ކެންޑިޑޭޓުން ނެރޭނެ ކަމަށް ޚަބަރުތައް ބުނެއެވެ.
އަސްކަރީން ފާސްކޮށްފައިވާ ގާނޫނުއަސާސީގެ ދަށުން، ޕާލަމެންޓްގެ ހަތަރުބައިކުޅަ އެއްބަޔަކީ އިންތިޚާބުނުކޮށް ތިއްބަވާ ސިފައިންނެވެ. އެހެން ނަމަވެސް، ޕާލަމެންޓްގެ އަޣުލަބިއްޔަތު މިހާރު އޮތީ ސޫކީގެ ޕާޓީއަށެވެ.