ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ހިލާލީގެއަށް މިއަދު ބަދަލުވެވަޑައިގެންފި އެވެ.
ރައީސް އަބްދުﷲ ޔާމިން ވެރިކަމުގެ ހުވާކުރެއްވި ފަހުން މިއަދާ ހަމައަށްވެސް ރައީސް ދިރިއުޅުއްވަމުން ގެންދެވީ އެމަނިކުފާނުގެ އަމިއްލަ ގެކޮޅު، ގ. ދޫވެހީގަ އެވެ.
ރައީސްގެ ދެކަނބަލުންނާއި ހަގު ފިރިހެން ދަރިކަލުން މިއަދު ހިލާލީގެއަށް ބަދަލުވެވަޑައިގެންނެވި ނަމަވެސް ރައީސް އޮފީހުން މިކަމުގައި ވަކިއެއްޗެއް އަދި ބުނެފައެއް ނުވެ އެވެ.
ވީނިއުސް އަށް އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދެއްވި ގޮތުގައި ރައީސްގެ ދެކަނބަލުން ހިލާލީގެއަށް ބަދަލުވެވަޑައިގެންނެވީ ދޫވެހި މަރާމާތުކުރަން ނިންމާފައިވާތީ އެވެ.
ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގަތުމުގެ ކުރިން އެތަން ވަރަށް ބޮޑަށް މަރާމާތުކޮށް އެތައް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެ އެވެ.
ރައީސް ޔާމިން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ހިލާލީގޭގައި އުޅުއްވީ އެމަނިކުފާނުގެ ފުރަތަަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލްގެ އާއިލާ އެވެ.
ރައީސް ޔާމިންގެ ކުރިން ވެރިކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު ވަހީދު، އެމަނިކުފާނުގެ ރައީސް ކަމާއި ނައިބް ރައީސް ކަމުގެ ދުވަސްވަރު ދިރިއުޅުއްވީ ވެސް ހިލާލީގޭގަ އެވެ.
ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހިލާލީގެ ބޭނުން ކުރެއްވީ ސަރުކާރުގެ ގެސްޓް ހައުސްއެއްގެ ގޮތުގަ އެވެ.