ތ. ވިލުފުށީގެ ގެއަކުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާތަކެއް ހޯދައި ވައްކަންކުރިކަމުގެ ތުހުމަތުގައި ކުޑަކުއްޖަކާއި 18 އަހަރުގެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކުޑަކުއްޖާއާއި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި މަހުގެ ދެވަނަ ދުވަހުގެ 18:30 ހާއިރު ވިލުފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ވައްކަމުގެ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
ފުލުހުން ބުނީ މިމައްސަލާގައި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 56،000 ރުފިޔާ ފެނިފައިވާ ކަމަށެވެ. މި ފައިސާތައް ފެނިފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތިން މީހުންގެ ތެރެއިން 18 އަހަރުގެ އެކަކު ދިރިއުޅެމުންދާ ގޭގެ ކޮޓަރިއެއްގައި ހަރުކޮށްފައިހުރި ސީލިން ފަންކާގެ ތަށިތެރެއަށް ލައި ފޮރުވާފައިވަނިކޮށް ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ތ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކުޑަ ކުއްޖާ ގޭބަންދުގައި ބަހައްޓަން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި އަދި 18 އަހަރުގެ ދެ މީހުންނަށް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ތ. ވިލުފުށި ޕޮލިސް ސްޓޭޝަނުންނެވެ.