އަނިޔާ ކުރުމާއި އެހެނިހެން ދަށުދަރަޖައިގެ އަމަލު ހިންގުމާއި ނުހައްގު އަދަބު ދިނުމާއި ދެކޮޅު މުއާހަދާ ނުވަތަ ކޮންވެންޝަން އެގެއިންސްޓް ޓޯޗާ (ކެޓް) އަދި އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އެގެއިންސްޓް ޓޯޗާ (އޮޕްކެޓް) ކޮމިޓީގެ މެމްބަރުންނަށް ހާއްސަކޮށްގެން ފެށި ތަމްރީނު ޕްރޮގްރާމް ނިންމާލައިފި އެވެ.
ދެ ދުވަހުގެ މުއްދަތަށް ދަރުބާރުގޭ ހަކުރާ މާލަމުގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނަށް ހަދާނީ ލިޔުން ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރިއާ އަޅާބަލާއިރު މިހާރު އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތް މިހާރު ވަރަށް ބޮޑު ތަން ރަގަޅު ކުރެވިއްޖެ ކަމަށެވެ.
"މިކަމުގެ ސަބަބުން ބައިނަލްއަގްވާމީ ގައުމުތަކުގެ ކުރިމަތީގަައި ދިވެހި ދައުލަތުގެ އަގު އުފުލިގެންދާނެ،" އުމަރު ވިދާޅުވި އެވެ.
މި ތަމްރީނު ޕްރޮގްރާމްގައި 14 މުއައްސަސާގެ ފަރާތުން މެމްބަރުން ވަނީ ބައިވެރިވެފަ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނީ މިޕްރޮގްރާމަކީ ކެޓް އަދި އޮޕްކެޓް ކޮމެޓީގެ މެމްބަރުން އަދާކުރަންޖެހޭ ޒިންމާތަކަށް އަހުލުވެރި ކުރުވުމަށް ކުރިއަށް ގެނަދިޔަ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ބައްދަލުވުމުގައި އެ ދެ މުއާހަދާއާ ގުޅޭ މުހިއްމު މައުޟޫތަކަކަށް ވާހަކަދެކެވި މަޤްސަދު ހާސިލް ވެއްޖެ ކަމަށްވެސް އެޗްއާރްސީއެމް އިން ބުނެ އެވެ.