އައްޑޫ ސިޓީ ހިތަދޫން މަރާލާފައި އޮއްވާ ފެނުނު ވިޔަފާރިވެރިޔާ އަލީ އަބްދުﷲގެ ފިހާރައިން ވަގަށް ނަގާފައިވާ ފައިސާ ވަޅުލާފައި ހުއްޓާ ހޯދާފައިވަނިކޮށް، މިމައްސަލައާއި ގުޅިގެން ހަތަރުވަނަ މީހަކުވެސް ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަރުގެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި ތިންވަނަ މީހަކީ އުމުރުން 20 އަހަރުގެ ޒުވާނެއްކަމަށެވެ. އޭނާ ހައްޔަރުކުރީ މިއަދު ހަވީރުކަމަށެވެ. އަދި މީގެ ކުޑައިރުކޮޅެއް ކުރިން އުމުރުން 24 އަހަރުގެ އިތުރު މީހަކު ހައްޔަރުކޮށްފައިވާކަމަށް މީޑިއާ އޮފިސަރު ވިދާޅުވިއެވެ.
މަރުގެ މިމައްސަލައާއި ގުޅިގެން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނަނީ އަލީ އަބްދުﷲ ގެ މަރުގެ ހާދިސާގެ ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ.
ފުލުހުން ބުނީ މިހާދިސާއާ ގުޅިގެން 4 މީހަކު ހައްޔަރުކޮށް މީހުން ދިރިއުޅޭ ތަންތަނާއި، އެ މީހުންނަށް ނިސްބަތްވާ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރޭ އައްޑޫ ސިޓީގެ ގެއެއް ބަލައި ފާސްކޮށް، އެގޭ ތެރޭގައި ވަޅުލާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި މިއީ އަލީ ޢަބްދުﷲ މަރާލުމަށްފަހު، އޭނަގެ ފިހާރައިން ވަގަށް ނަގައިގެން ގެންގޮސް ވަޅުލާފައިވާ ފައިސާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ބަލައި ފާސްކުރަންޖެހޭ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ހުއްޓުމެއް ނެތި ކުރިޔަށް ގެންދާނެ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން އިއްޔެ ފުލުހުން ހައްޔަރުކޮށްފައިވާ ހިތަދޫ، ހެޕީ ފިއުޗަރ، އުމުރުން 39 އަހަރުގެ އަހުމަދު އިބްރާހިމް ދީދީއަކީ އަލީ އަބްދުﷲ އަށް ބޮޑުބޭބެ ކިޔާ މީހެކެވެ.
ހިތަދޫގައި ހިންގާ ޓޫވޭވް ފިހާރައިގެ ވެރިޔާ އަލީ އަބްދުﷲގެ މަރާ ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން އެންމެ ފުރަތަމަ ހައްޔަރުކުރީ އުމުރުން 24 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކޮށްފައިވެއެވެ.