އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކް ފައިސާދީގެން ބަޔަކު ހަމަލާދޭން އުޅޭކަމަށް ދެކެވޭ ވާހަކަތައް ނިހާން ދޮގުކުރައްވަފިއެވެ.

ނިހާން ފައިސާދީގެން ރޮޒައިނާއަށް ހަމަލާދޭން ބަޔަކު މަސައްކަތް ކުރަމުންގެންދާކަން އެނގިފައިވާކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަމުގެ މަގާމްގައި ހުންނެވި ނިހާން ވިދާޅުވީ އޭނާއާއި ގުޅޭގޮތުން ރޮޒައިނާ ދައްކަމުން ގެންދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަމަށެވެ. އަދި އެފަދަ މައުލޫމާތެއް ރޮޒައިނާއަށް ލިބިފައިވާކަމަށް ފުލުހުންގެ އިދާރާއަށް އެކަން އެންގުމަށްވެސް ނިހާން ވަނީ އެދިވަޑައިގެންފައެވެ.

"މިއީ ރޮޒޭނާ ހަދާ ކަނޑައެޅިގެން ދޮގެއް. ތިޔަފަދަ މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސްއެއްވީއަށް އަވަހަށް ހުށައަޅާ." މެންބަރު ނިހާން ވިދާޅުވިއެވެ.

ރޮޒައިނާއަށް ހަމަލާދޭން ބަޔަކު މަސައްކަތް ކުރަމުންގެންދާކަން ހާމަކުރައްވާ މެންބަރު ރޮޒައިނާ ވިދާޅުވީ ރޮޒައިނާށާއި އޭނާގެ އާއިލާއަށް ބަޔަކު ހަމަލާދިނުމަށް މަސައްކަތް ކުރަމުންދަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާނު ފައިސާ ދީގެންކަމަށެވެ. އަދި އޭނާއަށް ސެކިއުރިޓީ ހަމަޖައްސައިދިނުމަށްވެސް ރޮޒައިނާ ވަނީ މަޖިލީހުގެ އިދާރާގައި އެދިވަޑައިގެންފައެވެ.

ރޮޒައިނާއާއި ނިހާންގެ ގުޅުންގޯސްވެ ދެބޭފުޅުންގެ މެދުގައި ބަހުގެ ހޫނުގަދަ ހަމަލާތަކެއް ބަދަލްކުރަމުން މިގެންދަނީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ނިހާންގެ އަގައިން ރޮޒައިނާގެ މޫނަށް ފެންޖެހި މައްސަލައަށްފަހުގައެވެ. ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ނިހާން ވަނީ ނިހާން ވަނީ އޭނާގެ މޭޒުކޮޅުގެ މަތީގައި ހުރި ފެންތަށި ނަންގަވާ ފެންފޮދެއް ހިތްޕެވުމަށްފަހު ރޮޒައިނާގެ މޫނަށް ފެންޖައްސަވާފައެވެ. ބަދަލުގައި ރޮޒައިނާ ވަނީ ނިހާންގެ މޭޒުކޮޅު މަތީގައި ހުރި ފެންތަށި ނަންގަވައި ނިހާންގެ ހަށިކޮޅަށް ފެން ޖަހާފަ އެވެ.