އިންސާނީ ހައްގުތައް ރައްކާތެރި ކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ މަސައްކަތް ކުރިޔާ އަޅާބަލާއިރު މިހާރު ބޮޑު ކުރިއެރުން ލިބިފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު އުމަރު މިހެން ވިދާޅުވީ އަނިޔާ ކުރުމާއި އެހެނިހެން ދަށުދަރަޖައިގެ އަމަލު ހިންގުމާއި ނުހައްގު އަދަބު ދިނުމާއި ދެކޮޅު މުއާހަދާ، ނުވަތަ ކޮންވެންޝަން އެގެއިންސްޓް ޓޯޗާ (ކެޓް) އަދި އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އެގެއިންސްޓް ޓޯޗާ (އޮޕްކެޓް) ކޮމިޓީގެ މެމްބަރުންނަށް ހާއްސަކޮށްގެން ފެށި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމައްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ 2004 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހި ދައުލަތުގެ އަގު އުފުލިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މީގެ އިތުރަށް ގައުމެއް ކުރިއަރައި ދާނީ އެހެން ގައުމުތައްވެސް ގަބޫލުކުރާ ހަމަތަކާއި އުސޫލުތަކަށް މަސައްކަތް ކޮށްގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ޖަލުތަކުގައި ކެމަރާ ހަރުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށާއި، އެކަން ކުރަނީ ޖަލަކީ އާމާން މާހައުލަށް ކަށް ހެދުމުގެ މަގުސަދުގައި ކަމަށެވެ.

މީގެ އިތުރަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ކުށްވެރިއަކަށްވީ ނަމަވެސް އަދި އެހެން މީހަކަށްވީ ނަމަވެސް އެމީހަކަށް ގާނޫނީ ގޮތުން ލިބިދޭންޖެހޭ ފުރިހަމަ ހައްގު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.