ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް ބުނެ އެމްޑީޕީން ހުށައަޅާފައިވާ މައްސަލަ އަނބުރާ ނެގުމަށް އެމްޑީއޭގެ ނާއިބް ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ގޮވާލައްވައިފިއެވެ.

ވީޓީވީގެ މަޖިލީސް ޕްރަގްރާމް "ބޮޑުފެންޑާ"ގައި ވާހަކަފުޅު ދައްކަވަމުން އާމިރު ވިދާޅުވީ މިއީ އަނެއްކާވެސް އެމްޑީޕީން ލަދުގަނުވާލާނެ ފަހަރެއް ކަމަށެވެ. މަޖިލީސްތެރޭގައި އެމްޑީޕީން ބޭނުންވާ މިޒާތުގެ އެއްވެސް ކަމެއް ނުކުރެވޭނެކަމަށާ ލަދުގަންނަވާލުމުގެ ކުރިން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓް އަނބުރާ ގެންދިއުމަށް ގޮވާލާކަމަށް އާމިރު ވިދާޅުވިއެވެ.

"ހަމަ ހިލާ މިވޯޓް އެމްޑީޕީއަށް ކާމިޔާބެއް ނުވާނެ. އަޅުގަނޑު ދަންނަވާލަން އޮތީ ލަދުގަންނަވާލުމުގެ ކުރިން އަވަހަށް އިތުބާރު ނެތްކަމުގެ ގަރާރު މަޖިލީހުން ނަންގަވާށޭ." އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށައަޅާފައިވަނީ ކުރާނެކަމެއް ނެތިގެންކަމަށެވެ. އެއީ އެއްވެސް އަސްލެއް އަދި އަސާސެއްގެ މައްޗަށް ބިނާކޮށް ހުށައަޅާފައިވާ މައްސަލައެއް ނޫންކަމަށް އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ މަޖިލީހުގެ ރިޔާސަތަށް ބަދަލް ގެންނަން ޖެހުމުން އެނގޭނީ އެމްޑީޕީއަށް ނޫންކަމަށާ، މަޖިލީހުގެ ރިޔާސަތަށް ގެންނަންޖެހޭ ބަދަލްތައް ގެންނާނީ މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީތަކުންކަމަށެވެ.

"މަޖިލީހުގެ ރައީސްވެސް ދުރުކުރަންޖެހުނީމަ ދުރުކުރާނެ. އަޅުގަނޑުމެން ނޫންތޯ ދެ ނާއިބް ރައީސުންވެސް މި ވަކިކުރީ. އަދި އޮޑިޓަރ ޖެނެރަލް ވަކިކޮށް އައު ބޭފުޅަކަށް ރުހުންވެސް މިދިނީ. އަދި ޕީޖީވެސް މަގާމުން ދުރުކުރީ. އެހެންވީމަ މިކަންވެސް ކުރަންޖެހުނީމަ ކުރާނީ އަޅުގަނޑުމެއް. ތިޔަ 22 މެންބަރުން ތިއްބަވާ." އެމްޑީޕީން ހުށައެޅި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި 22 މެންބަރުންނަށް އިޝާރާތްކުރައްވާ އާމިރު ވިދާޅުވިއެވެ.