ލޯކަލް މާރުކޭޓް ސަރަހައްދުގައި މިއަދު ހިނގި މާރާމާރީގައި ޒަހަމްވި މީހާގެ ހާލު ސީރިއަސްކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފިއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އެހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ ޒަހަމްވެގެން ހޮސްޕިޓަލަށް ގެނެވުނު މީހާގެ ބޮލާއި ބުރަކައްޓަށް ޒަހަމްތަކެއް ލިބިފައިވާކަމަށެވެ. އަދި އޭނާގެ ހާލު ސީރިއަސްކަމަށް ޒީނަތު ވިދާޅުވިއެވެ.
މާރުކޭޓް ސަރަހައްދުގައި ހިނގި މާރާމާރީއަކާއި ގުޅިގެން ޒަހަމްވި މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު މެންދުރުފަހު ދެގަޑި ތިރީސް އެހާކަންހާއިރުއެވެ.
ފުލުހުންގެ އިދާރާއިންވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފައިވާކަމަށާ ޒަހަމްވި މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ފުލުހުންކަމަށެވެ. އަދި މިމައްސަލަ ބަލަމުން ގެންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ލޯކަލް މާރުކޭޓް ސަރަހައްދުގައި މިއަދު މާރާމާރީއެއް ހިނގަން މެދުވެރިވީ އެތަނުގެ 70 ނަންބަރު ގޮޅިން ވައްކަންކުރަން އުޅުމުން ވައްކަންކުރަން އުޅުނި މީހާއާއި، މާރުކޭޓްގައި ވިޔަފާރިކުރާ ތިން މީހަކާއި ދެމެދުކަމަށް ވަނީ އެނގިފައެވެ.
މަންޒަރުދުށް ބައެއް މީހުން ބުނީ ހަތްދިހަ ނަންބަރު ގޮޅިން ވައްކަންކުރަން އުޅުމުން ތިން މީހަކުވެެގެން ވައްކަންކުރަން އުޅުނު މީހާއަށް އަނިޔާކޮށްފައިވާކަމަށެވެ. އަދި އޭނާގެ ބޮލުގައި އެއްޗަކުންޖަހާ ވަރަށް ބޮޑަށް ބޯ ފަޅާލާފައިވާކަމަށެވެ. ވީނިއުސްގެ ރިޕޯޓަރަކު އެސަރަހައްދަށްދިޔައިރުވެސް ގިނަ އަދަދެއްގެ ލޭ މާރާމާރީ ހިނގި ތަނުގައި ހުއްޓެވެ. އަދި އޭނާގެ ބޯފަޅާލުމަށްފަހް އެމީހުން އޭނާ މޫދަށް އެއްލާފައިވާކަމަށް މަންޒަރު ދުށް ފަރާތްތަކުން ވަނީ ބުނެފައެވެ.