މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ނުފޫޒެއް ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޒާ އައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.
އިއްޔެ ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވީ ޕީޖީގެ މަގާމު އަދާކުރަމުން ގެންދަނީ އެެއްވެސް ފަރާތެއްގެ ނޫފޫޒެއް ނެތި މިނިވަންކޮށްކަމަށެވެ.
އަދި މަގާމުގެ މަސްއޫލިއްޔަތު އަދާކުރަމުން ގެންދާނީވެސް މިނިވަންކަމާއެކުކަމަށް އެކަމަނާ ވިދާޅުވިއެވެ. ޕީޖީ ވިދާޅުވީ ނުފޫޒުން އެއްކިބާވެހުރެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާ ބޭފުޅަކަށް އޭނާ ވާނެކަމަށެވެ.
ނޫސްވެރިންގެ މި ބައްދަލްވުމުގައި ޕީޖީ ވަނީ ބައެއް ގާނޫންތައް ނެތުމުން ކުރިމަތިވާ ބައެއް މައްސަލަތައްވެސް ފާހަގަކުރައްވާފައެވެ.
ޕީޖީ ވިދާޅުވީ ހެއްކާއި ބެހޭ ގާނޫނެއް ނެތުމަކީ އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށާ ހެކިދޭ މީހާއަށް ރައްކާތެރިކަން ލިބޭނެ ގާނޫނެއް ނެތުމަކީވެސް މައްސަލައެއްކަމަށެވެ.
މިފަދަ ބިލްތައް ވީހާވެސް އަވަހަށް ފާސްކޮށްދިނުމަކީ ގާނޫނީ ނިޒާމް ފުރިހަމަކުރުމަށް ވަރަށް މުހިންމުކަމެއްކަމަށް ޕިޖީ ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވީ ގިނަ މައްސަލަތަކެއް މިދިޔަ އަހަރުވެސް ހުށައެޅިފައިވާއިރު، ޖާގައިގެ ދަތިކަމަކީވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށެވެ.
މިދިޔަ އަހަރު ޕީޖީ އޮފީހަށް 4509 މައްސަލައެއް ހުށައެޅިފައިވާއިރު، ޕްރޮސެކިއުޓަރުންގެ ނިސްބަތަކީވެސް އެކަށީގެންވާ އަދަދެއް ނޫންކަަމަށް އެކަމަނާ ވިދާޅުވިއެވެ.
ޕީޖީ އޮފީހަށް މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޕީޖީ އޮފީހުން މިދިޔަ އަހަރު ވަނީ 3191 މައްސަލައާއި މެދު ގޮތެއް ނިންމާފައެވެ. އެއީ 70.77 އިންސައްތަ މައްސަލައެވެ.
ޕީޖީ އޮފީހުން މިދިޔަ އަހަރު 1831 މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު އަލުން ހުށަހެޅުމަށްޓަކައި 241 މައްސަލަ މިދިޔަ އަހަރުގެ ތެރޭގައި ފޮނުވާލާފައިވެއެވެ.