ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ނައިބް ލީޑަރު ރިޔާޒު ރަޝީދުގެ މެރީޑިއަމަށް ތޮޔޮ ދޫކުރުމަށް ހަމަޖައްސާފައި އޮތް ކްރެޑިޓް ލިމިޓް ކުޑަކޮށް އެ ކުންފުނިން އެސްޓީއޯ އަށް ފައިސާ ދައްކަން ދީފައި އޮތް މުއްދަތު ކުޑަކުރި މައްސަލާގައި މެރީޑިއަމްއާ ދެކޮޅަށް ސިވިލް ކޯޓާއި ހައި ކޯޓުން ކުރި ހުކުމްތައް ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން މިގޮތަށް ނިންމާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތިންވަނަ ދުވަހު މެރީޑިއަމްއާއި ދެކޮޅަށް ސިވިލްކޮޓާއި ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން އެކޯޓުން އެ މައްސަލަ ބެލުމަށްފަހުއެވެ.

މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނިންމާފައިވާ މިމައްސަލާގައި ބުނެފައިވަނީ އެސްޓީއޯ އިން އެއްބަސްވުމަށް ގެނައި ބަދަލަކީ ޝަރުއީ އަދި ގާނޫނީ ހަމަލަތަކާ އެއްގޮތްވާ ސައްހަ ބަދަލެއް ނޫން ކަމަށެވެ. އަދި ސިވިލްކޯޓާއި، ހައިކޯޓުން މިމައްސަލާގައި ކޮށްފައިވާ ހުކުމްތައް ބާތިލްކޮށް އެއްބަސްވުމަށް ބަދަލުގެނައި ތާރީހުން ފެށިގެން އެއްބަސްވުމާ އެއްގޮތަށް އަމަލުކުރެވިފައި ނުވާތީ ދެ ފަރާތުން އެއްބަސްވެފައިވާ ގޮތަށް އެއްބަސްވުމަށް އަމަލުކުރުމަށް އެސްޓީއޯ އަށް އަންގާކަމަށެވެ.

އެސްޓީއޯ އާއި މެރީޑިއަމްއާ ދެމެދު އެންމެ ފުރަތަމަ ހެދި އެއްބަސްވުމުގައިވާ ގޮތުން މެރީޑިއަމަށް ކްރެޑިޓް ސްކީމުގެ ދަށުން މަހަކު 20 މިލިއަން ރުފިޔާގެ ތެޔޮ ލިބޭއިރު ފައިސާ ދައްކަން ދީފައި ހަމަޖައްސާފައި އޮތީ 40 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް 2010 ވަނަ އަހަރުގެ ތެރޭގައި މި އެއްބަސްވުމަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ފަހުން ގެނެވުނު ބަދަލުގައިވާ ގޮތުން ކްރެޑިޓް ސްކީމުގެ ދަށުން މަހަކު ދޫކުރެވޭނީ 10 މިލިއަން ރުފިޔާގެ ތެޔޮ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި ފައިސާ ދައްކަން ދީފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ.

މިމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ނިންމީ އެސްޓީއޯ އިން މެރީޑިއަމް އާއި އެކު ހަދާފައިވާ އެއްބަސްވުމަށް ގެނައި ބަދަލަކީ އެއްބަސްވުމާ ހިލާފް ނިންމުމެއް ނޫން ކަމަށާއި އެއީ އެސްޓީއޯ އަށް ގެނެވިދާނެ ބަދަލެއް ކަމަށެވެ. ފަހުން ހައިކޯޓުން ވެސް ވަނީ މިމައްސަލާގައި ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށް މައްސަލަ ނިންމާފަ އެވެ.

މެރީޑިއަމަށް ތޮޔޮ ދޫކުރުމަށް ހަމަޖައްސާފައި އޮތް ކްރެޑިޓް ލިމިޓް ކުޑަކޮށް އެ ކުންފުނިން އެސްޓީއޯ އަށް ފައިސާ ދައްކަން ދީފައި އޮތް މުއްދަތު ކުޑަކުރި މައްސަލަ މެރީޑިއަމްއައި އެއްކޮޅަށް ނިންމާފައިވާއިރު، އެސްޓީއޯ އިން މިހާރުވެސް ވަނީ މެރީޑިއަމާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ. އެއީ އެކުންފުންޏަށް ލިބެންޖެހޭ 19 މިލިއަން ރުފިޔާ މެރީޑިއަމްގެ ފަރާތުން ނަގައިދިނުމުގެ މައްސަލަ އެކެވެ.