(8 މާރޗް 2016 އާ ގުޅޭ)
"ރީން... ދަރިފުޅާ... ރީން..." ރޮމުންދިޔަ ޝަމްޢާނު ނަގާ އުރާލައިގެން އެކުއްޖާ މަސަލަސްކުރަމުން ޒޫރިންއަށް ރޭޝްމާ ގޮވާލީ އިންތިހާއަށް ކަންބޮޑުވެފައި ހުރެއެވެ.
ހާސްވެފައި ހުރެ ޝަމްޢާނު އުރާލައިގެން ރޭޝްމާ އައިސް އޭނާގެ ކޮޓަރިއަށް ވަދެ ތަހުސީނަށް ގޮވިއެވެ. ޒޫރިން އަނގައިން ނުބުނުމުން އޭނާއަށް ކަމެއްވެއްޖެކަމުގައި ތަހުސީނުގެ ގާތުގައި ރޭޝްމާ ބުނެލީ ނުހަނު ކަންބޮޑުވެފައި ހުރެއެވެ. އެއާއެކު ތަހުސީނު ނިކަން އަވަހަށް އައިސް ޒޫރިންގެ ކޮޓަރިއަށް ވަނެވެ. އޭރު ހިލައިގެ ބުދެއްހެން އެނދުގައި އިށީދެގެން ޒޫރިން އިނެވެ.
"ރީން... ދަރިފުޅާ... ބަލާބަލަ މިކޮޅަށް..." ހާސްވެފައި ހުރި ތަހުސީނު ވާހަކަދައްކަމުން ޒޫރިންގެ ކުރިމަތީ ހުރެ އޭނާގެ މޫނުގައި ދެއަތުން ހިފައި ތަހުސީނާ ދިމާއަށް އުފުލާލިއެވެ. އެއްވެސް އަސަރެއް ޒޫރިންގެ މޫނުމައްޗަކުން ނުފެނުނެވެ. އެންމެ ކުޑަމިނުން ނަޒަރު ސީދާކޮށްލުމަށް ޒޫރިންގެ ކަޅި ވެސް ހިންގާނުލިއެވެ. ޝޮކެއްޖެހި އެކަމުގައި ގަބުވެފައި އިން ކަހަލައެވެ.
"ބަލަ ރީން! އަނގައިން ބުނެބަލަ..." ތަހުސީނުގެ ވާހަކައަށް ޒޫރިންގެ ފަރާތުން އެއްވެސް އިޝާރާތެއްނުވުމުން ދަރިފުޅުގެ ގައިގާ ހިފައި ތަޅުވައިގަތެވެ. ހަމަ އެހިނދު ބަލަން ނުހުރެ އެނދުގެ އަރިމަތީ ކަބަޑުމަތީގައި ހުރި ފެންޖަގުން ފެންތަށްޓެއް އަޅާލުމާއެކު ތަހުސީނު އައިސް އެ ފެންތަށިން އަތަށް އަޅާލި ފެންފޮދު ޒޫރިންގެ މޫނުގައި ހާކާލިއެވެ. އެވަގުތު ޒޫރިން ދެ ލޯ މަރާލިއެވެ. އެ ކުޑަކުޑަ ހަރަކާތް ވެސް ތަހުސީނުގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ. އަވަހަށް ފެންތަށި ޒޫރިންގެ ތުނބުގައި ޖައްސާލާފާއި އެ ބޯން ދިނުމަށް ތަހުސީނު އުޅުނެވެ.
އެތައް އިރަކު ތަހުސީނު މަސައްކަތް ކުރިފަހުން ޒޫރިން ވާހަކަދެއްކިއެވެ. އޭނާގެ ފުރަތަމަ ސުވާލަކަށް ވެސް ވީ ހައްދު ޖެހުމަކީ ވޭން ހުރި ކަމެއްތޯއެވެ. އަދި ހައްދު ޖަހަނީ ކިހިނެއްކަމެވެ. އެވަގުތު ތަހުސީނު ދަރިފުޅު ގެނެސް ގަޔާ ކައިރިކޮށްލިއެވެ. އޭނާއަށް އެނގިފައިވާ މިންވަރުން ޒޫރިންއަށް ކަންކަން އޮޅުން ފިލުވައިދޭން ފެށިއެވެ. ހިތަށް ކޮށްފައިވާ އަސަރަކާއެކު ވެސް ޒޫރިންއަށް ހަޤީޤަތް އޮޅުން ފިލުވައިދޭން ތަހުސީން ބޭނުންވީއެވެ. ހަމައެއާއެކު ތަހުސީނު އިނީ އީތަންދެކެ އިންތިހާއަށް ފޫހިވެ ރުޅި އައިސްފައެވެ. މިއަދު ޒޫރިންއަށް ކުރިމަތިވަމުން އެދާ ހިތްދަތިކަމާއި ވޭނުގައި ޚިއްޞާވާން ޖެހޭ މީހަކީ އީތަންއެވެ. ނަމަވެސް އޭނާ އެ ވަނީ އަނދިރިކަމުގެ ތެރެއަށް ޒޫރިން ގެނބިގެންދާން ދޫކޮށްލާފައެވެ. މި ހުރިހާ ކަމަކާހުރެ ޒޫރިންއަށް ތަހުސީނު ވިސްނައިދެމުން ދިޔައީ ކޯޓަށް ހާޟިރުކޮށް ދަރިފުޅުގެ ބައްޕައާ މެދު ސުވާލުކުރުމުން އެމީހުންނަށް އެއްވެސް ކަމެއް ސިއްރު ނުކުރުމަށެވެ. އީތަންގެ ވާހަކަތައް ކިޔައިދިނުމަށެވެ. އެ ވާހަކަތައް އަޑުއަހަން ހުރި ރޭޝްމާއަށް ތަހުސީނުގެ ވާހަކަތަކަށް އެއްބާރުލުން ދޭކަށް ނުކެރުނެވެ. ޒޫރިންގެ ވިސްނުން ހުރި ގޮތް މާކުރިން ވެސް ރޭޝްމާއަށް އެނގޭތީއެވެ. އޭރު ތަހުސީނުގެ ވާހަކަތައް އަޑުއަހަން ޒޫރިން އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން އިނެވެ.
* * * *
ރޭޝްމާ އާއި ތަހުސީނަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ގޮތަކަށް ޒޫރިންއަށް އެހީތެރިވަމުން އޭނާއަށް ހިތްވަރު ދެމުން ދިޔައެވެ. ކޯޓުގެ މަރުހަލާތައް ނިމިގެން ދިޔައީ ޒޫރިންގެ ހިމޭންކަމާއެކުއެވެ. ޤާޟީގެ ހުކުމް އިއްވި ވަގުތު ރޭޝްމާ އާއި ތަހުސީނުގެ ދެ ލޯ ކަރުނުން ތެމިގެން ދިޔައެވެ. ދަރިފުޅުގެ މައްޗަށް ސަތޭކެ އެތިފަހަރުން ހައްދު ޖެހުމާއެކު އެއް އަހަރު ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމުގެ ހުކުމް ޒޫރިންގެ މައްޗަށް ތަންފީޒު ކުރަން ފަށާނޭ ދުވަސް ކަނޑައަޅައި ޤާޟީ އިއްވިއެވެ. ހުރިހާ ކަމެއް ނިމެގެން ދިޔައިރު ޒޫރިން ހުރީ އިސްޖަހާލި ގޮތަށެވެ. ދަރިފުޅުގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރެ ރޭޝްމާ ކޯޓުން ނުކުތެވެ.
އެރޭގެ އެންމެ ވަގުތުކޮޅަކަށް ވެސް ޒޫރިން ލޮލުފިޔަ ޖެހޭ ގޮތެއް ނުވިއެވެ. ލޯ މެރިލާ ނިދީގެ ތެރެއަށް ވަދެވޭހާއިރަށް މީހާ ސިއްސައިގެން ގޮސް ތެދުވެވެނީ ނުބައި ހުވަފެނެއް ފެނިގެންނެވެ. ހިތާއި ސިކުނޑި ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ވީއިރު ޒޫރިންއަށް ހަމަޖެހިލައިގެން ނިދޭނީ ކިހިނެއް ހެއްޔެވެ. އެރޭ ޒޫރިންގެ ހާލާ މެދު ކަންބޮޑުވެފައި އިން ރޭޝްމާ ނިދީ ޒޫރިންގެ ކޮޓަރީގައެވެ. އޭނާއަށް ވެސް ނިދިޖެހުނީ އެތައް އިރަކު ހޭލާ އޮތުމަށްފަހުއެވެ. ޒޫރިންއަށް ހިތްހަމަޖެހުމެއް ލިބިދާނޭ ކަމަށް ޝަމްޢާނު އޮތީ ބޮޑުއެނދުގައި ޒޫރިންގެ ގާތުގައި ބާއްވަފައެވެ. އެ ދަރިފުޅަށް ބަލަހައްޓައިގެން ޒޫރިން އޮތްއިރު އެ ހިތުގައި އީތަންއަށްޓަކައި އެތައް ޝަކުވާއެއް ވިއެވެ.
* * * *
"ކީއްވެ އެއްޗެއް ނުބުނީ..." ފޯނު ކަންފަތުގައި ޖައްސާލައިގެން ކޮޓަރި ތެރޭ ދެކޮޅަށް ހިނގަމުން ދިޔަ ޖަޒްލާގެ މޫނުމަތީގައިވަނީ ހާސްކަމެވެ.
"މާދަމާ އޮފީސް ބްރޭކް ގަޑީގައި ދާނަން. ފިހާރައިގަ ދޯ އުޅޭނީ" ޖަޒްލާގެ ކަންފަތުގައި އީތަންގެ އަޑުޖެހުނެވެ. އަވަސް އަވަހަށް އޭނާ އެއްބަސްވެލިއެވެ.
އީތަންއަށް ގުޅީ ޖަޒްލާއެވެ. އީތަންއާ ބައްދަލުކުރަން ބޭނުންވެގެންނެވެ. ވާހަކަނުދައްކާ އެތައް ދުވަހަކު ތިބުމަށްފަހު ދެ މީހުން ވާހަކަދެއްކި އިރު ހީވެސް ނުކުރާ ވަރުގެ ދުރުކަމެއް ދެމީހުންގެ ދެމެދަށް ވަނީ އައިސްފައެވެ. ހިތަށް އަރާ ފައިބަމުން ދިޔަ ހުރިހާ ވާހަކައެއް ފޯނުން ބުނަން ޖަޒްލާ ހުރީ ޖެހިލުންވެފައެވެ. އީތަންގެ ވާހަކަދެއްކުމުގައި ހުރި ދުރުކަން އޭނާއަށް ވަރަށް ރަނގަޅަށް ނަގައިގަނެވުނެވެ. އެކަމުން ޖަޒްލާގެ ހިތަށް ބަޔާންކުރަން ދަތި ގޮތްތަކެއް ވެގެން ދިޔަކަން ގައިމެވެ. ނަމަވެސް އޭނާގެ މޫނުމައްޗަށް އަރާފައިބާ ކުލަތަކާއި ގެންނަ ކުއްލި ހަރަކާތްތަކެއް ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަމުން ދިޔަ އީތަންއަށް އެއްގޮތަކަށް ވެސް ނޭނގެއެވެ.
"ބޭރުންތަ ވާހަކަދައްކާނީ. އެކަމަކު ފިހާރަ ދޮށުގައެއްނޫން..." ޖަޒްލާ ބުނެލިއެވެ.
"އެހެންވީރު ޖޭޒް ބޭނުން ތަނެއް ހަމަޖައްސާ، އަހަރެން އެތަނަކަށް ހިނގައިދާނަން، އެކަމަކު ގެއަކަށް ނުދެވޭނެ" އީތަން މިހެން ބުނުމާއެކު ޖަޒްލާ ހަމަޖެއްސީ އާންމުކޮށް އީތަންއާއެކު އެންމެ ގިނައިން ދާ ރެސްޓޯރެންޓުން ދެ މީހުން ބައްދަލުވުމަށެވެ. އަދި އީތަން ބޭނުންވިހެން މެންދުރުގެ ވަގުތަށެވެ.
"އިތުރުވާހަކައެއް ބުނަން ނެތިއްޔާ ދެން ބާއްވަނީ... އޮފީހުގައި މި އިނީ" ޖަޒްލާގެ ފަރާތުން ހިމޭންކަމެއް އައުމާއެކު އީތަން ބުނެލިއެވެ.
ފޯނުކޯލު ކެނޑުމާއެކު ފުންނޭވާއެއް ޖަޒްލާ ލިއެވެ. އަދި އަތުގައި އޮތް މޯބައިލް ފޯނަށް ބަލާލަމުން ތިރީ ތުންފަތުގައި ދަތްއަޅާލިއެވެ. އެ ސިކުނޑީގައި ނޭނގޭ ޚިޔާލުތަކެއް އެނބުރެމުން ދަނީއެވެ. އީތަންއާ ބައްދަލުވުމުން އޭނާއާ ދައްކާނެ ވާހަކައެއް މިހާރުއްސުރެން ޖަޒްލާ ރާވަނީ ކަހަލައެވެ. ވަކިވާން ބޭނުންވެ އެގޮތަށް ކަންތައް ކުރުމަކުން ވަކި ޖަޒްލާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އީތަންގެ ހަނދާންތަކާ ދުރަކަށް ވެސް ނުދެވުނެވެ. އަލުން އީތަންއާ ގުޅެން އޭނާ ވިސްނަނީ އެހެންވެއެވެ. ދެ މީހުން ބައްދަލުވެ ވާހަކަދައްކާލަނިކޮށް މިހާރު އެ ދެމެދަށް އައިސްފައިވާ ދުރުކަން ނެތިގެން ހިނގައިދާނޭކަމުގައި ޖަޒްލާއަށް ޤަބޫލުކުރެވެއެވެ. އެ ދެމެދަށް އައިސްފައިވާ ދުރުކަމަކީ ޖަޒްލާގެ ސަބަބުން އައިސްފައިވާ ދުރުކަމެއްކަން ވެސް ޚުދު ޖަޒްލާއަށް ޤަބޫލުކުރެވެއެވެ. އީތަންގެ ޚިޔާލު ހުރި ގޮތެއް އެނގުމުން ލަސްނުކޮށް ހުއްޓިފައިވާ ކައިވެންޏާއިގެން ކުރިއަށް ދިއުމަށް ޖަޒްލާ ބޭނުންވެއެވެ. ނަމަވެސް ޖަޒްލާގެ ހިތަށް ނޭނގޭ އުނދަގޫތަކެއް ވަމުން ދިޔައެވެ. އީތަންގެ ވާހަކަ ހުންނާނޭ ގޮތެއް އެއްގޮތަކަށް ވެސް ނޭނގޭތީއެވެ. އޭނާއަށް އީތަންގެ ގޮތް އެނގޭ ކަމުގައި މީގެ ކުރިން ހީކުރެވުނަސް މިހާރު އެއީ ކުށްހީއެއްކަން ޖަޒްލާއަށް ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. ލޯތްބަކީ ފާޑެއްގެ އެއްޗެކެވެ. ޖަޒްލާގެ ހިތުގައިވާ ލޯބި އީތަންގެ ކުށަށް މާފުދޭން ބޭނުންވެއެވެ. ދުރުގައި ހުރުމަށްވުރެ އީތަންއާ ގާތުގައިވުން ޖަޒްލާގެ ހިތް އެދޭތީއެވެ.
މަސައްކަތަށް އެނބުރި ދިއުމުގެ ބަދަލުގައި ކޮމްޕިއުޓަރުގެ އިސްކުރީނަށް ނަޒަރު ހުއްޓާލައިގެން ކީބޯޑުގައި އިނގިލިތައް ޖައްސާލައިގެން އީތަންއަށް އިނދެވުނެވެ. ޖަޒްލާއާ ބައްދަލުކުރަން އޭނާ ވެސް ނިންމައިގެން ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެންނަމަވެސް ބައްދަލުވެފައި ދައްކަން ނިންމައިގެން ހުރި ވާހަކައިގެ ގޮތުން ފަސްޖެހެވިފައި ހުރީއެވެ.
"އީތަން، އެއްކަލަ ލިޔުން ހޯދާލައިފިންތަ؟ އިރުކޮޅަކުން ދާންޖެހޭނެއެއްނު" ކެބިންއިން ނުކުން ނުފެއިލު ބުނެލިއެވެ. އެއާއެކު ޚިޔާލަށް ގެއްލިފައި އިންނާނޭ ވަގުތެއް އީތަންއަކަށް ނުލިބުނެވެ. ނުފައިލްއަށް ޖަވާބުދީފައި އަވަހަށް ކުރަން އިން މަސައްކަތަށް ސަމާލުވެވޭތޯ އީތަން ބެލިއެވެ.
އިރުއޮއްސި ހަތެއްޖެހިފަހުން ނުފައިލްއާއެކު ބައްދަލުވުން ނިންމާފައި އީތަން އައިސް އޭނާގެ ގެއަށް ވަނެވެ. ދެ ނަމާދު ދޭތެރެއަށްވާތީ ސިޓިންރޫމުގައި މީހަކު ފެންނާކަށް ނެތެވެ. ކޮޓަރިއާ ދިމާއަށް ދަމުން ފަޓުލޫނު ޖީބުގައި އޮތް ފޯނު ނަގާ ޝައުންއަށް އީތަން ގުޅާލިއެވެ.
"ޝޯން... ކަލޭ ކޮބާތަ؟ ޚަބަރެއް ވެސް ނުވަމެއްނު..." ޝައުންއާ ވާހަކަދައްކަމުން އީތަން އައިސް ކޮޓަރިއަށް ވަނެވެ.
"ބޭރަށް ނުނިކުންނާތީ ޚަބަރެއް ނުވެވުނީ"
"ކިހިނެއްވީ؟ ބަލީތަ؟" ޝައުންގެ އަޑުގައި އެއްވެސް ޖޯޝެއް ނެތުމުން އީތަން ސުވާލު އުފެދުނެވެ. އޭރު އޭނާގެ ކޮޓަރިއަށް ވަދެ ދޮރުލައްޕާލައިފިއެވެ.
"ކަމެއްނުވޭ... މިރެއަކު ނޫން ދޯ ދިމާވާނީ" ފަރުވާކުޑަގޮތަކަށް ޝައުން ބުނެލިއެވެ.
"ކަމެއްނުވެޔޭ ބުންޏަސް ހާދަ ޤަބޫލުކުރަން ދައްޗޭ. އަހަރެން އެބައޮތް ވާހަކައެއް ބުނަންވެފައި. އަދި ތަހުސީނު ދޮންބެގެ ކައިވެނީގެ ވާހަކަ ވެސް ކިޔައި ނުދެމެއްނު. އެރެއަށްފަހު ތިއުޅެނީ ފިލައިގެން..." އީތަން ކޮނޑާއި ކަންފަތާ ދޭތެރޭ ފޯނު ހިފަހައްޓާލައިގެން ހުރެ އޮފީސް ހެދުން ބަދަލު ކުރަން ފެށިއެވެ.
"ނިދަން މިއޮތީ... އަހަރެން ހޭލާފައި ގުޅަންތަ؟" ޝައުންގެ އަޑުގައި ހުރި ފޫހިކަން އީތަން ހައިރާންކުރުވިއެވެ. އެހެންނަމަވެސް އެކުވެރިޔާގެ ނިންމުމަށް އިޙުތިރާމް ކުރިއެވެ.
ރޭގަނޑުގެ ކެއުމުގައި ކައިލަންގެ ދަޢުވަތަށް ޖަޒްލާ އިނީ އެގެއަށް އައިހެވެ. އޭރު ކައިލަންގެ ބައްޕަ ވެސް ކާމޭޒު ދޮށުގައި އިންނެވިއެވެ. ޖަޒްލާ އާއި ކައިލަން އެކުގައި އެގެއިން އެ ފެނުނީ ވަރަށް ދުވަސް ފަހުންނެވެ. އެކަމާ އަފީފު އިންނެވީ ނުހަނު އުފާވެފައެވެ. އޭނާގެ ސިކުނޑީގައި ޚިޔާލެއް އެނބުރޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ޚާއްޞަކޮށް ކައިލަންގެ ހިތުގެ ތެޅުން އަފީފަށް އެނގެން ފެށި ދުވަހުން ފެށިގެންނެވެ. ނަމަވެސް އޭނާގެ ޚިޔާލު ތަކަށް ޢަމަލީ ސިފައެއް ނައީ ކުއްލިއަކަށް ޖަޒްލާގެ ކައިވެނީގެ ވާހަކަ އިވުމުންނެވެ. އެ ކައިވެނި ކުރެވުމުގެ ކުރިން ހުއްޓުމަކަށް އައިސްފައިވާކަން ވެސް އެނގުނީ ކައިލަންގެ ފަރާތުންނެވެ. ފަހިވެފައި އޮތް ރަނުގެ ފުރުޞަތު ގެއްލިދާނޭތީ އެކަމާ އަފީފު ވަރަށް ވިސްނައެވެ. ކާމިލުގެ ގާތަށް އޭނާގެ ސިކުނޑީގައިވާ ޚިޔާލު ހުށަހެޅުމަށް ދާނޭ ދުވަހަކާއި ވަގުތެއް އަމިއްލަ ސިކުނޑީގެ ތަވާލުގައި ނޯޓުކޮށްލީ ކާމޭޒު ދޮށުގައި އިނދެފައެވެ. ކައިލަން އާއި ޖަޒްލާގެ ގާތްކަން ފެނި އިތުރު ހިތްވަރެއް އޭނާއަށް ލިބުނީއެވެ.
"ޖޭޒް، ދަރިފުޅު މާ މަދީއޭ މިގެއަށް އަންނަލެއް" އަފީފު ގާތްކަމާއެކު ބުނެލިއެވެ. އަފީފުގެ ހިތުގައި ޖަޒްލާއަށް ދަރިއެއްގެ މަޤާމު ދެވިފައިވާތީ "ދަރިފުޅު" ކިޔައިގެން ވާހަކަދެއްކުމަކީ އޭނާގެ އާދައެކެވެ. އަފީފުގެ ގާތްކަން ކައިލަންގެ ހިތަށް ހަމަޖެހުން ލިއްބައިދެއެވެ. އޭނާ ނުބުނި ކަމުގައި ވިޔަސް ބައްޕައަށް އޭނާގެ ހިތުގައިވާ އެއްޗެއް އެނގޭ ކަމުގައި ޚުދު ކައިލަންއަށް ހީވާތާ ދުވަސްތަކެއް ވެއްޖެއެވެ. އެއީ ވެސް އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.
"ކައިލަން، ބައްޕަ މިއުޅެނީ މާދަމާ މެންދުރު މާހިރުމެންގެ ރިސޯޓަށް ދާންވެގެން. ޖޭޒް ގޮވައިގެން ދަރިފުޅު އެކޮޅަށް ޖައްސާލަންވީނު. އެ ރަށް ވަރަށް ރީތިވާނެ. ދަރިފުޅުމެން ބޭނުމިއްޔާ މޫދުކޮޓަރިއަށް ވެސް ހަމަޖައްސައިދީފާނަން. ވަރަށް ހިތްފަސޭހަވާނެ" އަފީފު މިހެން ބުނެލިއިރު އޭނާގެ ހިތާއި ސިކުނޑީގައި އެހެން ބޭނުމެއް ވެސް ފޮރުވިފައި އޮތް ކަހަލައެވެ.
"އާނއެކޭ ބުނާނީ އަޅުގަނޑެއް ނޫނެއްނެއްނޫންތޯ" ޖަޒްލާއަށް ކަތި ނަޒަރަކުން ބަލާލާފައި ހިނިތުންވެލަމުން ކައިލަން ބުނެލިއެވެ.
"މިހާރު ވަރަށް ދުވަސްވެއްޖެ ރިސޯޓަކަށް ނުދާތާ... އެކަމަކު ވަރަށް ދެރަ. މާދަމާ މެންދުރު މީހަކާ ބައްދަލުކޮށްލަން ބުނެފައި އޮންނާނީ. މާދަމާ ނޫންނަމަ ތިކަމާ ވިސްނާލެވުނީސް" މޭޒު ދަށުން ޖެހިގެން އިން ކައިލަންގެ އަތުގައި ވިކައިގަންނަމުން އަފީފަށް ބަލަން އިނދެ ޖަޒްލާ ބުނެލިއެވެ.
"ބައްޕަ އެކޮޅުގައި ދެ ދުވަހު ހުރެފައޭ އަންނަނީ. ޖޭޒް ތިބުނާ މީހަކާ ބައްދަލުކޮށްލާފައި އަންނަންވީނު. މާހިރު ގާތު ބުނެގެން ދަރިފުޅުމެން ބަލާ އަންނަން ލާންޗު ހަމަޖައްސަ ފާނަން" އަފީފު ބާރު އެޅިއެވެ. އެހެންވެ ނޫނެކޭ ބުނާކަށް ޖަޒްލާއަކަށް ނުކެރުނެވެ. އެހެން އިނދެ އަފީފަށް ބޯޖަހާލާފައި ކައިލަންއަށް ބަލާލިއެވެ. އޭރު އޭނާ ހިނިތުންވެފައި އިންވަރުން ދަތްތައް ވެސް ފެންނަން ހުއްޓެވެ.
ކާމޭޒު ދޮށުން އަފީފު ތެދުވެގެން ދިއުމާއެކު ކައިލަން އާއި ޖަޒްލާ ވެސް ތެދުވެގެން ނުކުތީ ބެލްކަންޏަށެވެ. ރެއިލިންގައި ދެއަތް އަޅުވާލައިގެން ޖަޒްލާ މަޑުކޮށްލުމުން އޭނާ ފެންނާނޭހެން ކައިލަން މަޑުކޮށްލައިގެން ހުއްޓެވެ. އެއްޗެއް ބުނަން ބޭނުންވެފައި އެހެންނަމަވެސް މަޑުކޮށްލައިގެން ހުރި ފަދަ ގޮތަކަށެވެ. އެހެން ހުންނަތާ އިރުކޮޅެއް ވީއިރު ޖަޒްލާއަށް ވެސް ކައިލަން ބަލާކަން ފާހަގަކުރެވިއްޖެއެވެ. އެންމެ ފަހުން ނުހުރެވިގެން ކައިލަންއާ ދިމާއަށް ޖަޒްލާ އެނބުރިލިއެވެ.
"ކިހިނެއްތަވީ؟ ކީއްވެތަ ތިހާ ވަރަށް ތި ބަލަނީ؟"
"ޖޭޒް، މިރޭ ހާދަ ތަފާތުހެން ހީވެޔޭ" އިރުކޮޅަކު ހުރެލާފައި ކައިލަން ބުނެލިއެވެ.
"އަހަރެން ވާހަކައެއް ބުނިއްޔާ ރުޅި އަންނާނަންތަ؟" ޖެހިލުންވެފައި ހުރެ ދުރުބަލަމުން ޖަޒްލާ ބުނެލިއެވެ.
"ބުނެބަލަ... އޭރުންތާ އެނގޭނީ ރުޅި ނާންނަން ވެސް"
"ކައިލް ޕްލީޒް... އިހަށް ބުނޭ ރުޅި ނާންނާނަމޭ. އޭރުން ބުނާނީ" ތުންފަތަށް ގޮތެއް ހަދާލަމުން ޖަޒްލާ ލޯ ހިމަކޮށްލިއެވެ.
"އޯކޭ... ނާންނާނަން... އެހެންނޫނަސް ކޮންއިރަކުތަ އަހަރެން ޖޭޒްދެކެ ރުޅި އައިސްފައި ހުރީ" ޖަޒްލާއާ ކައިރިއަށް ކައިލަން ޖެހިލިއެވެ.
"އަހަރެން... އަހަރެން މިއަދު އީތަންއަށް ގުޅިން..." ކައިލަންގެ މޫނަށް ބަލަމުން ޖަޒްލާ ބުނެލިއެވެ. ކައިލަންގެ މޫނަށް އަރާ ފައިބާ އަސަރުތައް ދެނެގަންނަން ޖަޒްލާ ބޭނުންވިޔަސް ކައިލަން އިސްޖަހާލުމުން އޭނާގެ މޫނު ފެންނަގޮތެއް ނުވިއެވެ. މަޑުކޮށްލައިގެން ހުރީ ކައިލަން އެއްޗެއް ބުނޭތޯއެވެ.
"އޭނާއާ ދޯ ބައްދަލު ކުރަންވެފައި އޮތީ" މިހެން ބުނިއިރު ކައިލަންގެ އަޑު ބަދަލުވެއްޖެއެވެ. ކުރިން ހުރި ގާތްކަމާއި ސަމާސާ ގޮތް މުޅިން ކެނޑިއްޖެއެވެ.
"ހޫމް! ކައިލް... އަހަރެން ބޭނުން އީތަންއާ ވާހަކަދައްކަން. އަހަރުމެން ދެމީހުންގެ ދެމެދުގައި އޮތް ގުޅުން އަދިވެސް މުޅިން ކެނޑިގެނެއްނުދޭ. ދެ މީހުން ވާހަކަދައްކައިގެން ނޫނީ ވަކިގޮތެއް ނުނިންމޭނެ"
ޖަޒްލާގެ ވާހަކައަށް ކައިލަން އިތުރަށް އެއްވެސް އެއްޗެއް ނުބުންޏެވެ. ޖަޒްލާ އެކިއެކި ސުވާލު ކުރުމުން ވެސް ޖަވާބު ދޭން ކައިލަން ބޭނުންނުވާތީ އޭނާ ފަށަނީ މުޅިން އެހެން ވާހަކައެކެވެ. އެހެންވެ ޖަޒްލާއަށް ޖެހުނީ ދައްކަމުން ދިޔަ ވާހަކަ ހުއްޓާލާށެވެ. އީތަންގެ ވާހަކައަކީ އެއްގޮތަކަށް ވެސް ކައިލަން މިހާރު އަޑުއަހަން ބޭނުންވާ ވާހަކައެއް ނޫނެވެ. އެ ނޫން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ކައިލަންގެ ފުރިހަމަ ސަމާލުކަން ޖަޒްލާއަށް އޭނާ ދޭނެއެވެ.
* * * *
ހެނދުނުގެ ވަގުތެވެ. ދުއްވާ އެއްޗެހިންނާއި ހެނދުނު އޮފީހަށްދާ މީހުންނާއި ސުކޫލުތަކަށް ދާ ދަރިވަރުންނާއި ބެލެނިވެރިންނާއިގެން މަގުތައް ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ. ޓްރެފިކު ލައިޓުގައި ޖެހިފައި ސައިކަލުގައި އިން އީތަން އެހާ ހެނދުނާ ވެސް އިނީ ޚިޔާލަކަށް ގެއްލިފައެވެ. މިއަދަކީ ޖަޒްލާއާ ބައްދަލުކުރަން އެއްބަސްވެފައި އޮތް ދުވަސްކަން އޭނާގެ ޟަމީރު އިރުއިރުކޮޅާ ހަނދާންކޮށްދެމުން ދިޔައެވެ. ޚިޔާލަށް ގެއްލިފައި އިންދާ އީތަން ސިހުނީ ބަރުގޮނުތަކުގެ އަޑުންނެވެ. ކުރިއަށް ދުއްވާލުމާއެކު ސައިކަލުގެ މިސްރާބު ހުރީ އީތަން މަސައްކަތް ކުރާ އޮފީހާ ދިމާއަށެވެ.
ހެނދުނު އެގާރަޖަހާ ދިޔަފަހުން އީތަންއަށް ޝައުން ގުޅިއެވެ. ރޭގައި ގުޅާނަމޭ ޝައުން ބުނެފައި ވެސް އީތަންއަށް ނުގުޅުނީތީ އޭނާ ފުރަތަމަ ވެސް ދެއްކީ އެވާހަކައެވެ. އެއަށްފަހު ވަރަށް މުހިންމު ވާހަކައެއް ބުނަންވެފައި އޮތީތީ އޭނާއާ ބައްދަލުކުރަން އީތަންގެ ގާތުގައި އެދުނެވެ.
"ވަރަށް އެހެންކަހަލަ ކަމެއްވެގެން މިއުޅެނީ... ބްރަދަރ ޕްލީޒް... ފޯނުން ކިޔައެއް ނުދެވޭނެ. ނުކުމެބަލަ... ބްރޭކެއް ނުލިބޭނެތަ" ޝައުން އާދޭސްކޮށްލިއެވެ.
ނުފައިލު ގާތުގައި ބުނެލާފައި އީތަން އޮފީހުން ނުކުންއިރު ކާރުގައި ޝައުން އައިސް އިނެވެ. މަޑުކޮށްލުމެއްނެތި އީތަން ކާރަށް އެރިއެވެ. ދެމީހުން ވާހަކަދައްކާލުމަށް އެންމެ ކައިރިން ޖެހުނު ރެސްޓޯރެންޓުގެ މަތީފަންގިފިލާއަށް އެރިއެވެ.
"އީތަން. އެނގޭތަ ތަހުސީނު ދޮންބެ މެރީ ކުރީ ކާކާކަން" ޝައުން މިހެން ބުނުމާއެކު އީތަން ދެފަރާތަށް ބޫހޯރާލީ ނޭނގެއޭ ބުނާފަދައިންނެވެ.
"އީތަންއަށް ހަނދާންނައްތާނުލެވިގެން ތިއުޅޭ ރީންގެ މަންމައާ"
"ކީކޭ..."
"އާން! އަޑުތިއިވުނީ ހަމަ ރަނގަޅަށް. ތަހުސީނު ދޮންބެ މެރީ ކުރީ ރީންގެ މަންމަ ރޭޝްމާއާ"
"އޭނާއަށް ޝޯން ފެނުނުތަ؟"
"އާން! ފެނުނު.... މަ ވަރަށް އަނގަސަކަރާތްވި... ވަރަށް ރުޅި ވެސް އައި"
"ދެން ޝޯން ކިހިނެއް ހެދީ... ކީކޭ އޭނަ ބުނީ. ރީން ދުށިންތަ؟" ކުއްލިއަކަށް އީތަންގެ ކެތްތެރިކަން ކުޑަވެގެން ދިޔައެވެ.
"ނޭނގެ. ފެނިފައި ހުންނާނީ... ރީންއަށްވުރެ އޭނާގެ މަންމަ ފެނުނީމާ އަހަރެން ހުރީ މާ ހާސްވެފައި. ވަރަށް ތަފާތު އޭނަ. އަހަރެން އެއްޗެއް ބުނާނީ ކިހިނެއް.. އޭނާ ބުނެފި ތަހުސީނު ދޮންބެއަށް އެއްވެސް ކަމެއް ސިއްރެއްނުކުރަމޭ. އެހެންނޫނަސް މަށަކަށް ނުކެރޭނެ އަހަރެން ކުރި ކަންތަކުގެ ވާހަކަ ތަހުސީނު ދޮންބެ ގާތު ދައްކާކަށް. މަންމަމެންނަށް އެނގިއްޖެއްޔާ ކިހިނެއްވާނީ...."
"ދެނޯ... ދެން ކިހިނެއް ހަދަނީ... އޭރު ވެސް މަ ބުނީމެއްނު ޝޯން ގާތުގައި ކުރަން ތިއުޅެނީ ރަނގަޅުކަމެއް ނޫނޭ. މަށަށް ލާހިކެއްނޫން ބޭބެގެ އަނތްބަކަށް އަހަރެން ގާތްވި މީހަކު ވާތަން ދުށުމަކަށް"
"ސީރިއަސްކޮށް މަށަށް ހެދުނު ވަރަށް ބޮޑު ގޯހެއް އެއީ. އެކަން މިހާރު ޤަބޫލުކުރެވޭ... އެކަމާ ހެދި ގެއިން ނުކުންނަ ހިތް ވެސް ނުވެފައި މިހުންނަނީ. ރޭޝްމާ ވަރަށް ދެރަވެ އޭނާ ރޮއެފައި ބުނީ އެއީ ހެދުނު ވަރަށް ބޮޑު ގޯހެއްކަމުގައި. އެކަމާ އޭނާ ވަރަށް ލަދުގަންނަކަމުގައި އަދި އޭނާ އެދުނީ އެކަމުގެ މަތިން ހަނދާންނައްތާލުމަށް... އަހަރެން ވެސް މިހާރު ބޭނުންވަނީ އެގޮތް..."
"ލައިފްގައި ސީރިއަސްވާކަށް އަދިވެސް ނުވޭތަ؟" އީތަން އިރުކޮޅަކު އިނދެފައި ބުނެލިއެވެ.
"ތެދުވާހަކައެއް ރޭޝްމާ ބުނީ... އަސްލު މަ ވެސް ލަދުގަތް. އަޙުލާޤީ ގޮތުން ހައްދުފަހަނައަޅައި ގޮސްފައިކަން އެނގޭ އަހަރެންގެ ޢަމަލުތައް ހުރީ... އެކަމާ ވަރަށް ވިސްނޭ. ރަނގަޅުވާން ބޭނުން... އީތަންގެ އެންމެ ގާތް ރަޙުމަތްތެރިޔާއަށް އަހަރެން ވާއިރު މިހާތަނަށް ދެވިފައި ހުރީ ރަނގަޅު ޚިޔާލުތަކެއް ނޫން..."
"ޝޯން... އައި އެމް ސޮރީ. މިހެން އިނދެވޭކަށްނެތް. ޖޭޒް މަށަށް ގުޅި. މިއަދު އޭނައާ ބައްދަލުކުރަން ބުނެފައި އޮތީ. މިހާރު ބާރަޖަހަނީ އެއޮތް" އީތަން އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި ކަމެއް ހަނދާންވެގެން ބުނެލިއެވެ.
"ޖޭޒް ގުޅީއޭ... އަނެއްކާ ތި ދެ މީހުން އަލުން ގުޅެނީތަ؟" ޝައުން ސުވާލުކޮށްލީ ޤަބޫލުކުރަން ދަތިވެގެންނެވެ.
"ނޫން! އެކަމަކު އޭނާ ބުނަނީ ކީކޭތޯ އަޑުއަހަންވާނެއެއްނު. އެހެންނޫނަސް އަހަރެން ވެސް އޭނާއާ ބައްދަލުކުރަން ބޭނުންވެފައި ހުއްޓާ އެ ގުޅީ... ޝޯން... އަހަންނަށް ވެސް ކަންތައްކުރެވުނީ ވަރަށް ގޯސްކޮށް. ތެދަށް ބުނަންޏާ އަހަންނަށް ރީންގެ ޚިޔާލުތަކާ ވަތްކެއްނުވެވުނު... އަހަންނަށް... އަހަންނަށް ރީން ދެކެ ލޯބިވެވިއްޖެ... ވަރަށް ބޮޑަށް އޭނާދެކެ ލޯބިވޭ... ދަރިފުޅު ދުށުމަށް ވަރަށް ބޭނުންވެފައި މި ހުންނަނީ. އެގޭ ދޮށުން ކިތައް ފަހަރުކަމެއް ނޭނގެ ދެވުނީ... ޝޯން... އަހަރެން ބޭނުންވަނީ ޖޭޒްއަށް ހުރިހާ ވާހަކައެއް ކިޔައިދޭން. އެތައް އަހަރެއް ޖޭޒްއާއެކު ހޭދަވެގެން ދިޔައިރު އަހަންނަށް ޖޭޒްދެކެ ލޯތްބެއް ނުވެވުނު... ރީންގެ ހުންނަ ޚާއްޞަގޮތެއް ޖޭޒްގެއެއް ނުހުރޭ... ރީން ފެންނަ ކޮންމެ ފަހަރަކު އަހަންނަށް އެވާ ގޮތްތައް ޚުދު އަހަންނަށް ވެސް ނޭނގޭ... އަހަރެން ވަރަށް ދެރަވޭ ރީންއާ މެދު ކަންތައްކުރެވުނު ގޮތުން... ޖޭޒްއަށް ވެސް އޮޅުވާލުމަށްވުރެ ހަޤީޤަތް ކިޔައިދިނުން މާ ރަނގަޅުވާނެ. ޝޯން... އަހަންނަށް މިކަމުގައި އެހީވެދީބަލަ"
"ރީންއާ މެދު އީތަންއަށް ކަންތައްކުރެވުނީ ވަރަށް ނާއިންސާފުން. އޭނާ މިއަދު އެވަނީ ވަރަށް ބޮޑަށް ބަދުނާމުވެފައި. މަށަށް ފެންނަނީ ތަހުސީނު ދޮންބެ ގާތުގައި ހުރިހާ ވާހަކައެއް އީތަން ކިޔައިދޭން... ނޫނީ ރީން ހޯދަން އެގެއަށް ދާންވީނު"
އީތަން އާއި ޝައުން ވާހަކައިގައި ތިއްބާ އީތަންގެ ފޯނަށް ޖަޒްލާ ގުޅިއެވެ. ދެ އެކުވެރިންގެ ވާހަކަ މެދުކަނޑާލަން ޖެހުނީ އެހިސާބުންނެވެ.
"ހިނގާ ތިބުނާ ހިސާބަކަށް ގެންގޮސްދޭނަން، ނިމުނީމަ ގުޅާލާ... އޭރުން އަންނާނަން އޮފީހަށް ވައްޓާލަން" މޭޒު ދޮށުން ތެދުވެގެން އީތަންއާއެކު ހިނގައިގަންނަމުން ޝައުން ބުނެލިއެވެ. އީތަން ފޯނަށް ބަލަން ހުރެ ބޯޖަހާލިއެވެ.
ކާރުގައި ދިޔަ ޝައުން އާއި އީތަންއަށް ޖަސްޓިސް އިމާރާތް ކައިރިއަށް މީހުން އެއްވެފައި ތިބިތަން ފެނިފައި ވެގެން އުޅޭގޮތެއް އޮޅުން ފިލުވާލަން ކާރު މަޑުކޮށްލާ އެ ހިސާބުން މީހެއްގެ ގާތުގައި އަހާލިއެވެ. ސިޔާސީ ހަލަބޮލިކަމެއް އައިސްގެން އުޅެނީކަމުގައި ހީވެގެންނެވެ.
"ޒިނޭކޮށްގެން ހައްދުޖަހަނީނު... އަންހެނުންގެ ނުބައިކަން..." އުމުރުން ދުވަސްވީ މީހަކު ނުރުހިފައި ބުނެލިއެވެ.
"ހިނގާބަލަ ބަލާލަން... މަށެއް ދުވަހަކު ވެސް ނުދެކެން ހައްދުޖަހަނިކޮށް، ނުވާނެ ގިނައިރެއް. ހަމަ ބަލާލާފައި ދާނީ" ޝައުން ކުއްލިއަކަށް ބުނެލިއެވެ.
"އެކަމަކު މަށަށް ވަރަށް ލަސްވޭ... އެ މަންޒަރު ބަލާހިތެއް ވެސް އަސްލުނުވޭ. އަހަންނަކީ ވެސް އެ ފަދަ ކުށްވެރިއެއް ނޫންތަ؟" އީތަންގެ ހިތަށް އުނދަގޫވިއެވެ. ނަމަވެސް ޝައުން ކާރު އެއްފަރާތުގައި ޕާކުކޮށްލާފައި ކާރުން ފައިބައިގެން މީހުންގެ ގަނޑުގެ ތެރެއަށް ހިނގައިގަތެވެ. އެހިނދު އެތަން ބަލަން އިނދެފައި އީތަން ވެސް ކާރުން ފައިބައިގެން އައެވެ.
މީހުންގަނޑުގެ ތެރެއިން ޝައުން އާއި އީތަން ކުރިއަށް ޖެހިލާ އިމާރާތުގެ އެއްފަރާތުގައި އޮތް ހުސްބިމުގައި ހުރި އަންހެންކުއްޖާއަށް ދެ މީހުން ބަލާލިއެވެ. ކަކުލަށްވުރެ ދިގުކޮށް ހުރި ކަޅު ހެދުން ގަޔަށް ކިތަންމެ ދޫކަމުގައި ވިޔަސް އޭނާގެ ހަށިގަނޑުގެ އަނަރޫފަކަން ފާޅުވެއެވެ. ދެ ކޯތާފަތް އަޑިވެފައި ހުއްޓެއްކަމަކު ހަމުގެ ކުލަ އަލިވެފައި ކަޅުކަން ގަދަ ދިގު އިސްތަށިގަނޑު ގަތާލާފައި އެއްފަރާތުން ކުރިމައްޗަށް ގެނެސްފައި އޮތެވެ. އިސްއޮބާލައިގެން ހުރިލެއް ބޮޑުކަމުން މޫނުވަކިވާގޮތެއް ނުވެއެވެ. އެހެންނަމަވެސް އީތަން އާއި ޝައުންއަށް ކުއްލި ސިހުމެއް ގެނުވީ އެތަނުގައި ހުރި އަންހެންކުއްޖާގެ އެއްފަރާތުގައި މަޑުކޮށްލައިގެން ތިބި ތަހުސީނާއި ރޭޝްމާ ފެނިފައެވެ. އޭރު ރޭޝްމާގެ އަތުގައި ތުއްތު ކުއްޖަކު އޮތެވެ. ވަގުތުން އީތަންއަށް ބަލާލެވުނީ ޝައުންއަށެވެ. އޭނާއަށް ވެސް އެވަގުތު ބަލާލެވުނީ އީތަންގެ މޫނަށެވެ. އެނބުރި ދެ މީހުންގެ ނަޒަރު ވެސް އަމާޒުވީ ރޭޝްމާ އާއި ތަހުސީނަށެވެ. ދުރުގައި ތިއްބެއް ކަމަކު އެމީހުންގެ ނަޒަރު ހުއްޓިފައިވަނީ ޒޫރިންއަށެވެ.
ދުއްރައިގެ އެތިފަހަރު ޒޫރިންގެ ބުޑާދިމާއަށް އެރި ވަގުތު އީތަންގެ ދެ ލޯ ބޮޑުވެ ދެއަތްތިލަ މުއްކެވިގެން ދިޔައެވެ. ހަމައެއާއެކު ސިހުމުގެ އަޑުކަމެއް ނޫނީ ހިތަށް ލިބިގެން ދިޔަ ވޭނު އަޑުކަމެއް ނޭނގެއެވެ. ޔަޤީނުން ވެސް އޭނާގެ އަނގައިން އެވަގުތު އާހެއްގެ އަޑު ބޭރުވެގެން ދިޔައެވެ. ޒޫރިންގެ ގައިގާ ތަޅާ މަންޒަރު ދުށުންވީ އީތަންއަށް ކެތްކުރެވޭ ވަރު މަންޒަރަކަށް ނޫނެވެ. އޭރު ރޭޝްމާއަށް ރޮވެނީއެވެ. އޭނާ އިރުއިރުކޮޅާ ދެ ލޯ ފުހެލައެވެ. ޒޫރިންގެ ހާލު ފެނި އީތަންގެ ހިތް ނޭނގޭ ބާރަކުން އެއްވެސް ރަޙުމަތްނެތި އިރާލި ކަހަލައެވެ. ދެފަޅިއަކަށް ނޫނެވެ. އެތިކޮޅުކޮޅަށް ވީދާ ކުދިކުރަމުން ދިޔަ ފަދައެވެ. ލިބެމުންދިޔަ ވޭނަށް ކެތްކުރަމަށްޓަކައި ދެ ދަތްޕިލާ ޖައްސާ ބާރުކޮށްލައިގެން އީތަންއަށް ހުރެވުނެވެ. އެހެން ހުއްޓާ ދުއްރައިގެ އެތިފަހަރަކާއެކު ކުއްލިއަކަށް ޒޫރިން ކުރިއަށް ދާގޮތްވިއެވެ. އެހިނދު ބޭއިޚްތިޔާރުގައި ޒޫރިންގެ އިސް އުފުލިގެން ދިޔައެވެ. އަދި މީހުން ގަނޑުގެ ތެރެއިން ފުރޭނިގެން ކަހަލަ ގޮތަކަށް ޒޫރިންގެ ނަޒަރު ސީދާ ވެގެން ދިޔައީ އީތަންއާއެވެ.
ވަޅުވަދެ އަޅިކުލަ ވެރިވެފައިވާ ބޮޑު ދެ ލޮލުން އެސްފިޔަ ޖަހަން ވެސް ހަނދާންނެތިފައި ޒޫރިން ބަލަން ހުރި އިރު އެ ދެލޮލަށް ބޮނޑިވެފައިވާ ކަރުނަތައް ނުހިފެއްޓިގެން ބަންޑުން ވެދާނޭހެން ހީވާ ކަހަލައެވެ. އެހެންމީހުންނަށް ނުފެންނާނޭ ފަދަ ގޮތަކަށް ޒޫރިންގެ ތޫނުކަޅިރަވައިން އީތަންގެ މުޅި ނަފްސުގެ ލޭ ކޮށާލައިފިއެވެ. ޔަޤީނުން ވެސް އެއީ ދުނިޔެ އެ ދެ މީހުންނަށް ވެސް ކުރިމަތި ކުރުވި އަނިޔާވެރި ވަގުތުކޮޅެކެވެ. އެހާލުގައި ޒޫރިން ވަނިކޮށް އީތަންއަށް ފެންނާކަށް އޭނާ ބޭނުމެއްނޫނެވެ. ހަމައެއާއެކު ޒޫރިން އެހާލުގައި ހުއްޓާ ދުށުމަކަށް ވެސް އީތަންގެ ހިތާއި ފުރާނަ ނޭދެއެވެ. ނަމަވެސް ނުދެނެތިއްބާ ކުއްލިއަކަށް މި ދިމާވި ދިމާވުމެއްގެ ސަބަބުން ދެ މީހުންގެ ހަށިގަނޑާއި ފުރާނަ ވެސް ގަޑުވެއްޖެއެވެ. ހީވަނީ މަރާއި ހަނގުރާމަކޮށްކޮށް ތިބި ދެ ޒުވާނުންހެންނެވެ. ޒޫރިންގެ މޫނުމަތިން ފާޅުވޭވޭ ހުރި ވޭނީ އަސަރުތައް އީތަންއަށް ސިއްރެނުވިއެވެ. ނޭނގުހުއްޓާ އެރި ދުއްރައިގެ އެތިފަހަރާއެކު އަނގަވަތަށް ޒޫރިން ވެއްޓުނު ވަގުތު އީތަންގެ މުޅި ހަށިގަނޑަށް ވެސް ލޮޅުން އަރައިގެން ދިޔައެވެ. އީތަންގެ ވުޖޫތައް ވޭނުގެ އެތިފަހަރެއް އެރިއެވެ. މުޅި މީހާ ތުރުތުރު އަޅައިގެން ދިޔައެވެ. އެވަގުތު އޭނާގެ އަތުގައި ޝައުން ނުހިފޭއްޓިނަމަ ވާނޭ ގޮތެއް ވެސް ނޭނގެއެވެ. އެ ދިމާއަށް ރޭޝްމާ ދުއްވައިގަތުމާއެކު އޭނާ ހިފެހެއްޓީ ތަހުސީނެވެ. މަޑުމަޑުން ޒޫރިން ތެދުވެ ކޮޅަށް ހުއްޓުނެވެ. އެތަން ފެނި ބޭއިޚްތިޔާރުގައި ކުރިމަތީ ހުރި ފާރުގައި އީތަންގެ މުއްކަވާލި އަތުން ޖެހިއެވެ. ނަމަވެސް އެ އަތަށް ވީ ތަދުވެސް ހިތަށް ލިބެމުންދިޔަ ވޭނަށްވުރެ އެންމެ ތަންކޮޅެއް ވެސް ބޮޑެއްނޫނެވެ. ދެން ވެސް ޒޫރިން ބަލަން ހުރި ގޮތުން އެ ނަޒަރުގެ ތޫނުކަމުން އީތަންގެ ހިތާއިމޭ ތޮރުފާލިއެވެ. ބޭވަފާތެރިކަމުގެ ސާލަކަށް އީތަންލާ އޮޅާލި ކަހަލައެވެ. އެއާއެކު ނޭފަތުގެ ހިނދުރީގައި ނޭވާތާށިވެ ހާސްވާގޮތްވިއެވެ. (ނުނިމޭ)