ލުބުނާނުގެ ހިޒްބުﷲ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެގޮތުގައި އަރަބި ލީގުން ކަނޑައަޅައިފިއެވެ.

އަރަބި ލީގުން މިގޮތަށް ކަނޑައެޅީ، ގާހިރާގައި މިއަދު ބޭއްވި އަރަބި ލީގުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއްގައެވެ.

އަރަބި ލީގުގައި ހިމެނޭ ލުބުނާން، އިރާގު ފިޔަވައި އެހެން ހުރިހާ ގައުމަކުން މިކަމުގެ ގަރާރަށް ތާއީދުކޮށް ވޯޓްދީފައި ވެއެވެ.

އަރަބި ލީގުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލުބުނާނާއި އިރާގުން ގަރާރުގައި ސޮއިކުރުމަށް ޝަރުތުތަކެއް ކުރިމަތިކޮށްފައިވާ ކަމަށެވެ.

ހިޒްބުﷲ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެގޮތުގައި އަރަބި ލީގުން ކަނޑައެޅިއިރު، އެ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެގޮތުގައި ގަލްފްގެ އަރަބި ގައުމުތަކުންވެސް ކުރިން ކަނޑައަޅާފައި ވެއެވެ.

ޝީއީ ހަރުކަށި ވިސްނުމުގެ ހިޒްބުﷲ ޖަމާއަތަކީ ކުރިން ހަތިޔާރު އެޅި ޖަމާއަތެއް ނަމަވެސް، އެޖަމާއަތް މިހާރު ލުބުނާނުގެ ސިޔާސީ މައިދާނުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.

1985 ވަނަ ވުޖޫދަށް އައި ހިޒްބުﷲ ގެ މިހާރުގެ ވެރިޔާ އަދި ސެކްރެޓަރީ ޖެނެރަލްއަކީ ޝައިޚް ހަސަން ނަސްރުﷲއެވެ.