ދޮރޮބައިގެދަރު ފެހެލާނޑާއަކީ އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ކާފައެވެ. މި ބެއިކަލަކު ފުވައްމުލަކަށް ލެއްގީއެވެ. ކައިވެނި ބައްލަވައިގަތީ ދޮއްތޮޑަފި އެދުރު ތަކުރުފާނުގެ އެދުރު ދޮންތަކުރުފާނުގެ އެދުރު އަލި ތަކުރުފާނުގެ ސަންފާބީފާނުގެ އެދުރު އިސްމާއީލް ތަކުރުފާނުގެ ފާތިމާބީފާނު (ދޮރޮބައިގެދަރު ބީފާނު) އާއެވެ. މިއީ މިސްރުގެ ބެއިކަލެކެވެ.

މިބެއިކަލަކު ފުވައްމުލަކަށް ލެއްގި ގޮތާއި އޭގެފަހުން ކަންތައްވީ ގޮތާއިމެދު އަލްމަރުހޫމް ސިއްކަގޭ އަބްދުލްމަޖީދު ސަލީމު (ސިއްކަގޭ ދޮންމަނިކުފާނު) އާއި މަޝްހޫރު ތާރީޚު އިލްމުވެރިޔާ އަލްއުސްތާޒު މުހައްމަދު އިބްރާހިމް ލުތުފީ ލިޔުއްވާފައިވާ ލިޔުންތަކުގެ މައްޗަށް ބުރަވެ މިސްރުގެ އެޒަމާނުގެ ތާރީޚު ދިރާސާކުރުމުން ވަރަށް މުހިއްމު ތާރީޚީ ހަގީގަތެއް ހާމަވެގެންދެއެވެ.

ދޮން މަނިކުފާނުގެ ލިޔުން:

އިބުނުއްސުލްތާނުލް މިސްރީ ނުވަތަ މޮލަކު ދޮރޮބައިގެދަރު ފެހެލާނޑާ އަކީ މިސްރުގެ ބާޝާއެއްގެ ނުވަތަ ރަސްކަލެއްގެ ދަރިކަލެކެވެ. އެމަނިކުފާނުގެ އުމުރުފުޅުން ފަންސަވީހަކަށް އަހަރުގެ ތެރޭގައި ދުނިޔެ ބެއްލެވުމަށް ދަތުރެއް ކުރެއްވިއެވެ. ރާއްޖެތަކަށް ދަތުރުކުރައްވަމުން ޖިއްދާއިން އިރުމައްޗަށް ދަތުރުކުރެއްވިއެވެ. އެމަނިކުފާނު ދަތުރު ކުރެއްވި ނައު އައްޑޫ ކަނޑު ހުރަސްކުރަމުން އަންނަނިކޮށް ވަރަށް ނުރައްކާތެރި ތޫފާނެއްގައި ޖެހި ނައު ޣަރަގުވީއެވެ. އެއީ ރޭގަނޑެއްގެ ފަތިސްވަގުތެކެވެ. ނައު ޣަރަގުވީ މުލަކާއި ވަރަށް ކާރިއަށެވެ.

އެމަނިކުފާނު ސަލާމަތް ކުރެއްވުމަށް އިރާދަކުރެއްވިހިނދު އައްޑޫ ކަނޑު ތެރޭން ބެހިގެންދިޔަ ބޮޑު ފެހި ގަނޑެއްގެ ތެރެއަށް އެމަނިކުފާނަށް ވެއްނެވުނެވެ. ދެން އެމަނިކުފާނާއިގެން އެފެހިގަނޑު ދަތުރު ކޮށްފައި ގޮސް އިރު އެރިތަނާ ފުވައްމުލަކުގެ ރަސްގެފަންނު ގޮނޑު ދޮށަށް ލެއްގީއެވެ. ކަންދިމާވި ގޮތުން މޮލަކު ދޮރޮބައިގެދަރު އަންހެންކުއްޖަކު އަލަ ކެއްކުމަށްޓަކައި މޫދު ލޮނު ނަގަން އެވަގުތު އެދިމާލުން އަތިރި މައްޗަށް ފޭބިއެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ ފެހިގަނޑެއް ނުވަތަ ރަށުބަހުރުވައިން ފެހެލާނޑާއެއްގެ ތެރޭގައި އޮތް އިންސާނެކެވެ. ދެން ދުވެފައި ގެއަށްގޮސް މިވާހަކަ ބުނުމުން ގޭގެ އެންމެން އުނދޯއްޔެއް ހިފައިގެން އައިސް އެމަނިކުފާނު އުނދޯލީގައި ބާއްވައިގެން ދޮރޮބައިގެދަރަށް ގެންގޮސް ފަރުވާ ކުރަނިކޮށް ފުރާނަ ސަލާމަތް ކުރެވުނެވެ. ދެން އެމީހުން ބޭސްފަރުވާ ކުރުމުން ތިން ދުވަހެއްގެ ތެރޭގައި އެމަނިކުފާނަށް މުޅިން ފަސޭހަފުޅު ވެއްޖެއެވެ.

މުހައްމަދު އިބްރާހިމް ލުތުފީގެ ލިޔުން:

މުހައްމަދު އިބްރާހިމް ލުތުފީ ލިޔުއްވާފައިވާ ގޮތުގައި މުލަކު ހުކުރު މިސްކިތު ތެރޭގައި ހުރި ފެހެލާނޑާގެ މަހާނަ ގަލުގައި ލިޔެވިފައި ވަނީ މުހައްމަދު އިބުނު އައްސުލްތާނުލް މިސްރީ މިހެންނެވެ. ތާރީޚު ލިޔެފައިވާ ހިސާބާއި ކުރީގައި ލިޔެފައިވާ ބަޔާއި ވަނީ ކިޔަންނޭނގޭ ވަރަށް ހަލާކުވެފައެވެ.

ލުތުފީ ނަކަލު ކުރައްވައިފައި އޮތްއިރު ވެސް އަދި ސިއްކަގޭ ދޮންމަނިކުފާނުގެ ލިޔުމުގައިވެސް އޮތީ އެއީ މިސްރުގެ ރަސްދަރިކަލެއް ކަމުގައެވެ. އަދި މިއަދާއި ހަމައަށް ދޫދޫމަތިން ކިޔެމުން އަންނަނީވެސް އެއީ މިސްރު ރަސްގެފާނުގެ ފުތް މަނިކުފާނެއް ކަމުގައެވެ.

މިސްރުގެ މަމްލޫކީ ސުލްތާނުން:

މިހިސާބުން އެ ޒަމާނުގެ މިސްރުގެ ތާރީޚަށް ޖެހިލަމާ ހިންގަވާށެވެ. ދޮރޮބައިގެދަރު ފެހެލާނޑާ ނުވަތަ މުހައްމަދު އިބްނުއް ސުލްތާން

އަލްމިސްރީއަކީ އަލްގާޒީ މުހައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ކާފައެވެ. ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީން 1563 ގައެވެ. އެހެންކަމުން ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ކާފަ ދުނިޔޭގައި އުޅުއްވާނީ މީލާދީން 1400 ގެ އަހަރުތަކުގެ ފަހުކޮޅު ނުވަތަ މީލާދީން 1500 ގެ އަހަރުތަކުގެ ކުރީކޮޅުގައި ކަން އޮޅުމެއްނެތި އެނގެއެވެ.

ދޮރޮބައިގެދަރު ފެހެލާނޑާގެ މަހާނަ ގަލުން އެނގޭ ގޮތުގައި އެމަނިކުފާނަކީ މިސްރު ރަސްގެފާނުގެ ފުތް މަނިކުފާނެވެ. މިސްރުގެ ސުލްތާނެއްގެ ދަރިކަލެކެވެ. މިސްރުގެ ތާރީޚަށް ބަލާއިރު މިސްރުގައި ސުލްތާނުން ތިއްބެވީ މީލާދީން 1517 ވަނަ އަހަރާ ހަމަޔަށް އޮތް މަމްލޫކީ ސުލްތާނިއްޔަތު ނިމޭންދެނެވެ.

މަމްލޫކީންގެ ވެރިކަން ނިމުނީ ތުރުކީގައި އޮތް އުސްމާނީންގެ ވެރިކަމުގެ ފަރާތުން ތުރުކީގެ އައްސުލްތާނު އަލްއާޒީ ސަލީމް އަލްއައްވަލުގެ ވެރިކަމުގައި މީލާދީން 1516 ވަނަ އަހަރާއި 1517 ވަނަ އަހަރާ ދެމެދު މަމްލޫކީންނާއި އުސްމާނީންނާ ދެމެދު ބަދަލު ކުރެވުނު ހަމަލާތަކަށް ފަހު މީލާދީން 1517 ވަނަ އަހަރުއެވެ. އެހެންކަމުން މީލާދީން 1517 ވަނަ އަހަރުން ފެށިގެން މިސްރުގައި އޮތީ ތުރުކީގެ އުސްމާނީންގެ ވެރިކަމެވެ.

މަމްލޫކީންގެ ވެރިކަން މިސްރުގައި ފެށުނީ މީލާދީން 1250 ވަނަ އަހަރުއެވެ. މަމްލޫކީންގެ ވެރިކަން ނިމުމަކަށް އައީ މީލާދީން 1517 ވަނަ އަހަރުއެވެ. ތާރީޚު އިލްމުވެރީން މިސްރުގައި އޮތް މަމްލޫކީންގެ ވެރިކަން ބައްސަވައިފައިވަނީ ދެ ދައުރަކަށެވެ. މީގެ ތެރެއިން ފުރަތަމަ ދައުރަކީ މީލާދީން 1250 އިން ފެށިގެން 1382 ވަނަ އަހަރާ ހަމަޔަށް އޮތް ބަހްރީ މަމްލޫކީ ވެރިކަމުގެ ދައުރެވެ. ދެވަނަ ދައުރަކީ 1382 ވަނަ އަހަރުން ފެށިގެން 1517 ވަނަ އަހަރާ ހަމަޔަށް އޮތް ބުރްޖީ މަމްލޫކީ ވެރިކަމުގެ ދައުރެވެ.

ސުލްތާނު އަލްއަޝްރަފް ސައިފުއްދީން ގާއިތުބޭ:

މަތީގައި ނަންގަނެވުނު މަމްލޫކީ ސުލްތާނުންގެ ތެރެއިން ތާރީޚީގޮތުން ދޮރޮބައިގެދަރު ފެހެލާނޑާއާ ދުވަސްވަރު ދިމާވާ ގޮތުން މުހައްމަދު ކިޔާ ބޭފުޅުން ތިއްބެވީ ސުލްތާނު އަލްއަޝްރަފް ސައިފުއްދީން (1468 އިން 1496 އަށް) މި ރަސްގެފާނުގެއެވެ.

ސައިފުއްދީނަކީ އަސްލު މިސްރުގެ ބޭފުޅެއް ނޫނެވެ. އުފަންވެވަޑައިގަތީ ޝީރުކާސިއާއަށެވެ. އެއީ މިހާރުގެ އުތުރު ކުކާސަސްގެ ޖުމްހޫރިއްޔާއެއް ކަމުގައިވާ އަދީގިއާއެވެ. މިއީ ރަޝިޔާއަށް ނިސްބަތްވާ އެގައުމުގެ ދެކުނު ބިތުގެ ސަރަހައްދެކެވެ. އަސްމަތީގައި ވަރަށް ކުޅަދާނަ ޒުވާނަކަށް ވުމާއި ދުނިދަނޑީގެ ހަނގުރާމައަށް ވަރަށް ކުޅަދާނަ ބޭފުޅަކަށްވާތީ ކޮންމެވެސް ބައެއްގެ ބާރު އެޅުމުގެ މަތިން ސައިފުއްދީނު ވަޑައިގަތީ މިސްރުގެ ގާހިރާއަށެވެ. އެތަނުގައި މަމްލޫކީންގެ ލަޝްކަރުގައި ހިމެނިވަޑައިގެން ވަރަށް އަވަސްކަމާއެކު ކުރިއެރުން ހޯއްދަވައި ރަސްކަމުގެ ކޮއިލާއި ހަމައަށް ވަޑައިގެންނެވިއެވެ. އެހެންވުމުގެ މައިގަޑު ސަބަބަކަށްވީ ސައިފުއްދީނަކީ ޝާމުކަރައިގެ ދިމިޝްގުގެ ކުރީގެ ރަސްގެފާނު އަދި ހައްރާނުގެ އަމީރު އަލްއަޝްރަފު މޫސާ އަބުލްފަތުހު މުޒައްފަރުއްދީނުގެ ދަރިކޮޅުން ވަޑައިގެން ހުންނެވި ބޭފުޅެއްކަން މިސްރުގެ އޭރުގެ މަމްލޫކީ ސުލްތާނަށް އެނގިވަޑައިގަތުމެވެ.

އަލްއަޝުރަފު މުޒައްފަރުއްދީނަކީ ސުލްތާނު އަލްއާދިލު (އެއްވަނަ) ސައިފުއްދީނު އަބޫބަކުރު އަހުމަދު އިބުނު ނަޖުމުއްދީން އަލްއައްޔޫބުގެ ދަރިކަލެކެވެ. ސުލްތާނު އަލްއާދިލު ސައިފުއްދީނު އެއްވަނައަކީ އައްޔޫބީ ދަރިކޮޅުން މިސްރާއި ޝާމުކަރައިގެ ރަސްކަން ކުރެއްވި ކުރުދީ ނަސްލުގެ ބޭފުޅެކެވެ. އަދި މިއީ މަޝްހޫރު އިސްލާމީ ފާތިހު ސަލާހުއްދީން އަލްއައްޔޫބީގެ އެއްބަފައި ކޮއްކޯފުޅެވެ. އެހެންކަމުން ސުލްތާނު އަލްއަޝްރަފް ސައިފުއްދީން ގާއިތުބޭ ވެފައި މިވަނީ އައްޔޫބީ ޚާންދާނަށް ވެސް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ކަމުގައެވެ.

ސުލްތާން އަލްއަޝްރަފު ސައިފުއްދީނަކީ މަމްލޫކީ ސުލްތާނުންގެ ތެރެއިން އެންމެ ގިނަދުވަހު ރަސްކަން ކުރެއްވުމުގެ އިތުރަށް މިސްރުގެ ގާހިރާއާއި އިސްކަންދަރިއްޔާ އަދި ޝާމުކަރައިގެ ދިމިޝްގާއި ހަލަބު އަދި ގުދުސާއި ހިޖާޒުކަރައިގެ މައްކާ އާއި މަދީނާގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގެވި ބޭފުޅެކެވެ. ވިޔަފާރީގެ ގޮތުން މިސްރު އާ އުސްމިނަކަށް ގެންދެވި ކުޅަދާނަ ވިސްނުންތެރިއެކެވެ. މިކަންކަމުގެ އިތުރަށް އަސްކަރީގޮތުން ޖުމްލަ ސޯޅަ ކެމްޕޭނެއް އޭޝިއާ އާއި އެފްރިކާގައި ހިންގެވިއެވެ.

މީލާދީން 1472 ވަނަ އަހަރު މިރަސްގެފާނު ހައްޖަށް ވަޑައިގެންފައި މަދީނާއަށް ކުރެއްވި ޒިޔާރަތުގައި މަދީނާގެ ރައްޔިތުންގެ ފަގީރުކަން ދެކެވަޑައިގެންފައި މަދީނާގެ އިގްތިސާދީ ހާލަތު ރަގަޅު ކުރެއްވުމަށް ކުރެއްވި ޚައިރާތަކީ މަދީނާގެ ތާރީޚުގައި ކުލަގަދަ އަކުރުން ލިޔެވިފައިވާ ވާހަކައެކެވެ. މިރަސްގެފާނުގެ ދީލަތިކަމާއި ޒާހިދުކަމުގެ ވާހަކައަކީ މުޅި ހިޖާޒުކަރައިގައި މަޝްހޫރު ވާހަކައެކެވެ.

ސުލްތާނު އަލްއަޝްރަފް ސައިފުއްދީންގެ ތިން ފިރިހެން ބޭފުޅުން ތިއްބެވިއެވެ. އެއީ 1482 ގައި އުފަންވެ ވަޑައިގަތް ސުލްތާނު އަންނާސިރު މުހައްމަދު އާއި 1484 ގައި އުފަންވެވަޑައިގަތް އަލްއަޒީޒު މުހައްމަދު އާއި 1487 ގައި އުފަންވެ ވަޑައިގަތް އައްސާލިހު މުހައްމަދެވެ. މި ތިން ބޭފުޅުންގެ ތެރެއިން ސުލްތާނު އަންނާސިރު މުހައްމަދު ރަސްކަން ކުރެއްވި ވާހަކަ އިސްވެ ހިގާއްޖެއެވެ. ދެން ތިއްބެވި ދެ ދަރިކަލުންގެ ތެރެއިން އައްސާލިހު މުހައްމަދު ވަނީ މީލާދީން 1501 އިން 1516 އަށް ރަސްކަން ކުރެއްވި ސުލްތާނު އަލްއަޝްރަފް ގާންސޫހު އަލްޣައުރީގެ ލަޝްކަރުގައި ލަޝްކަރީއެއްގެ ގޮތުގައި އަދި މުގައްދިމެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ.

އިންޑިޔާގެ އައްސޭރީގައި މަމްލޫކީން ކުރި ހަނގުރާމަ:

މި ދުވަސްވަރުގެ ތެރޭގައި އިންޑިޔާގެ ހުޅަނގު ބިތުގައި ޖާގަ ޖަހައިގެން ތިބި ޕޯޗުގީޒުންގެ ސަބަބުން އިޓަލީގެ ވެނިސްގެ ނައު ފަހަރަށާއި އަރަބީންގެ ނައުފަހަރަށް ދިޔައީ ތުރާތައް ފޯރަމުންނެވެ. ހަމައެހެންމެ އިންޑިޔާގެ ކާލީކޯޓުގައި ހުންނެވި ރާޖާއަށް ވެސް ޕޯޗުގީޒުންގެ ދުއްތުރާތައް ދިޔައީ ފޯރަމުންނެވެ. ޕޯޗުގީޒުންގެ ކަންތައް ނިންމައިލެވޭ ވަރުގެ ބާރަކަށް އެންމެ ކައިރިންވެސް ފެންނަނީ މިސްރުގެ މަމްލޫކީ ސުލްތާނު ކަމުގައިވާތީ ކާލީކޯޓުންނާއި ވެނިހުން ގާހިރާއަށް މަންދޫބުން ފޮނުވައިގެން ޕޯޗުގީޒުންނާއި ދެކޮޅަށް ވަރުގަދަ އަރުމާދެއް ތައްޔާރުކޮށް ހަނގުރާމަ ކޮށްދިނުމަށް އާދޭސްކޮށްފިއެވެ.

މަމްލޫކީންނަކީ ކަނޑުގެ ހަނގުރާމައިގައި ފާހަގަކުރެވޭ ބައެއް ނޫނެވެ. އަދި މާބޮޑު އަރުމާދެއް ގެންގުޅޭ ބައެއްވެސް ނޫނެވެ. އެހެންކަމުން އަރުމާދުގައި ހިމެނޭ ނައުފަހަރު ބަންނާން ލަކުޑި ދޭމަތިންނާއި ޚަރަދުގެ ބޮޑުބައެއްގައި ހިފައި ޕޯޗުގީޒުން ބަލިކުރީމާ އިންޑިޔާ ކަނޑުގެ ވިޔަފާރީގެ ނަފާއިން ބައެއް މަމްލޫކީންނަށް ދިނުން ޝަރުތުކޮށް ސުލްތާނު އަލްއަޝްރަފް ގާންސޫހު އަލްޣައުރީ މިކަމަށް އެއްބަސްވެވަޑައިގެންފިއެވެ. އަރުމާދު ބަންނާން ލަކުޑި ފޮނުވީ ކަޅު ކަނޑުގެ އައްސޭރީގައިވާ ތަންތަނުން ގަސް ކަނޑައިގެން ވެނިހުގެ ސަރުކާރުންނެވެ. އަރުމާދުގެ ނައުފަހަރު ބަނީ މިސްރުގެ ސުއޭޒްގެ ބަނދަރުގައެވެ.

އަރުމާދު ތައްޔާރުކޮށް ނިމުނީމާ ދެހާހެއްހައި މީހުންގެ މައްޗަށް އެކުލެވޭ ލަޝްކަރަކާއި އެކު މި އަރުމާދު އިންޑިޔާ ކަނޑަށް މިސްރާބު ޖެހީ މީލާދީން 1507 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ލަޝްކަރުގެ ހަނގުރާމައިގެ ކޮމާންޑަރަކީ އާމިރު ހުސައިން އަލްކުރުދީ ކިޔާ ފަހުލަވާނެކެވެ. އޭނާއާއެކު މިސްރުގެ ޝާހީ އާއިލާގެ ބައެއް ޒުވާނުންވެސް މިލަޝްކަރާއިއެކު ވަޑައިގަތެވެ. އޭގެ ތެރެއިން އެއްބޭފުޅަކީ އައްސާލިހު މުހައްމަދު ބިން އައްސުލްތާނު އަލްއަޝްރަފް ސައިފުއްދީނެވެ. އިންޑިޔާ ކަނޑުގައި މި އަރުމާދަށް ވީއެއްޗެއް ވުމަށްފަހު މި ދެންނެވި އައްސާލިހު މުހައްމަދަށް ވީގޮތް މިސްރުގެ ތާރީޚުން ފެންނާކަށް ނެތެވެ. މިސްރުގެ ތާރީޚު ލިޔާ ބައެއް މީހުން ލިޔެފައިވަނީ މި މުހައްމަދު ކަނޑަށް ޣަރަގުވީ ކަމަށް ވެދާނެ ކަމަށެވެ. ނުވަތަ ޕޯޗުގީޒުންގެ އަތުން ޝަހީދުވީ ކަމަށްވެސް ވެދާނެ ކަމަށެވެ.

މަމްލޫކީންގެ އަރުމާދު ސުއޭޒުން ނުކުމެގެން ހިޖާޒު ކަރައިގެ ޖިއްދާގެ ބަނދަރުގައި ލައްކަ ގިނަ ދުވަހު ތިބުމަށްފަހު އެތަނުން ފުރައިގެން އިންޑިޔާގެ ހުޅަނގު ބިތަށް ފޯރީ 1508 ގެ ތެރޭގައެވެ. އިންޑިޔާގެ މިހާރުގެ މަހާރަޝްތުރާ ސްޓޭޓުގެ ޗައުލް އަކީ އޭރު ޕޯޗުގީޒުންގެ އެންމެ މުހިއްމު މަރުކަޒެވެ. އެތަނަށް ގޮސް ހައެއްކަ ދުވަހުގެ ހަނގުރާމައަށްފަހު މަމްލޫކީންނަށް ކާމިޔާބު ލިބިއްޖެއެވެ. މިއީ އިންޑިޔާ ކަނޑުގައި ޕޯޗުގީޒުންގެ ހަމައެކަނި ބަލިވުމެވެ.

މަމްލޫކީންގެ މިކާމިޔާބީއަށްފަހު ކޮމާންޑަރު ހުސައިން އަލްކުރުދީ އާއި ދެންވެސް އަރުމާދުގައި ތިބި ބޮޑުންގެ ހިތްތަކުން ހަނގުރާމައިގައި ދެމިތިބުމުގެ އެދުން ކުޑަވެ އިންޑިޔާގެ ހުޅަނގު ބިތުގެ ރަށްރަށުގައި އަރާމުގައި ދެމިތިބުން މުހިއްމުވެއްޖެއެވެ. ދަނޑިވަޅަކަށް ބަލަބަލައި ތިބި ޕޯޗުގީޒުންނަށް މި މަންޒަރު ފެނުމުން ވަރަށް ބޮޑު އަރުމާދަކާއިއެކު އަލުން އައިސް ދާދިފަސޭހަކަމާއެކު މަމްލޫކީންގެ ލަޝްކަރުގެ މައްޗަށް ގަދަވެގެންފިއެވެ. އެތައް ބަޔަކު މަރައި އަނެއްބަޔަކު ކަނޑުމަގުން ފަހައިގޮސް ނައުފަހަރު ފައްތައި ވަރަށް މަދު އުޅަނދެއް ނޫނީ ސަލާމަތްވެގެން ދިޔަނުދީ ހިފަހައްޓައިފިއެވެ.

މިތަނުން ބައެއް ނައުފަހަރު ރާއްޖެއާ ހަމައަށް އައިކަން ސާބިތުވެއެވެ. އަދި ބައެއް ނައުފަހަރު ރާއްޖެއާ ވަރަށް ގާތުންވެސް ފައްތައިލެވުނުކަން ތާރީޚުން އޮޅުން ފިލައެވެ. އެދުވަސްވަރު ދިވެހިރާއްޖެއަށް އަރަބި ނައުފަހަރު ތަންކޮޅެއް ގިނައިން އައިކަން ދިވެހި ތާރީޚުންވެސް އޮޅުން ފިލައެވެ. އެހެންވީމާ ޗައުލުންނާއި މިހާރުގެ ޔުނިއަން ޓެރިޓަރީއެއް ކަމަށްވާ ދަމަން އެންޑް ދީވުން ޕޯޗުގީޒުންގެ ކިބައިން ސަލާމަތްވުމަށް ނުކުތް ނައުފަހަރުން ނަވެއްގައި އައްސާލިހު މުހައްމަދު ބިން އައްސުލްތާނު އަލްއަޝްރަފް ސައިފުއްދީނު ހުންނަވައި އެ ނައު ފައްތައިލީމާ ކަނޑުގައި އޮންނަވައިގެން ފުވައްމުލަކަށް ލެއްގުމަކީ ނުހަނު ކައިރި ކަމެކެވެ.

އައްޑޫ ފުވައްމުލަކުގައި ޒަމާނުއްސުރެ އެކިޔާ ގޮތަށް މިސްރު ރަސްގެފާނުގެ ފުތް މަނިކުފާނު މި ބަސް މިގޮތަށް ބޭނުން ކުރެވެން ފެށީ އައްސާލިހު މުހައްމަދު ބިން އައްސުލްތާނު އަލްއަޝްރަފް ސައިފުއްދީނު ފުވައްމުލަކަށް ލެއްގުމަށް ފަހުގައި ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވެއެވެ.

----

މަތީގައި އެ ވަނީ ވީމީޑިއާއިން ނެރޭ "ވީކްލީ" މަޖައްލާގެ 116 ވަނަ އަދަދުގައި ޝާއިއު ކޮށްފައިވާ ރިޕޯޓެކެވެ.