ހއ. މާރަންދޫގެ ދެ ގެއެއް ބަލައިފާސްކޮށް ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެއްޗާއެކު 66 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މި މާޗު މަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައި އޭނާ ދިރިއުޅެމުންދާ ގެއިންނެވެ.
ދިއްދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނުގައި މާރަންދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާއިރު ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ފެނިފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާ ދިރިއުޅެމުންދާ ގެއިންކަަމަށް ފުލުހުން ބުނެއެވެ. މިމީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެގޭތެރެއިން ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ފޮތްތަކާއި ބައެއް ތަކެތި ފެނިފައިވެއެވެ.
މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދަށް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 7 ދުވަހުގެ މުއްދަތެއް ދީފައެވެ.
މިމައްސަލަ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.