ވިލާ އިންޓަ ނޭޝަނަލް ހައި ސްކޫލުގެ 2015 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އައިޝަތު އަނާ ހިފާޒް ލުތުފީ ހޮވިއްޖެ އެވެ.
އެކަން އިއުލާންކޮށްފައިވަނީ މިރޭ ބޭއްވި ވިލާ އިންޓަ ނޭޝަނަލް ހައި ސްކޫލުގެ 2015 ވަނަ އަހަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގަ އެވެ.
ވިލާ އިންޓަ ނޭޝަންލް ހައި ސްކޫލުގެ މިދިޔަ އަހަރުގެ މޮޅު ދަރިވަރުގެ މަގާމަށް އައިޝަތު އަނާ ހޮވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ދެއްވާ ހާއްސަ އިނާމާއި، ވިލާ ގުރުޕްގެ ޗެއާމަން ގާސިިމް އިބްރާހިމް ދެއްވާ ފައިސާގެ އިނާމާއި ހާއްސަ ޓްރޮފީ އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޭ ހާއްސަ އިނާމް އޭނާއަށް ހަވާލު ކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާނު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު އެވެ.
މިރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން ޖަލްސާގެ ޝަރަފުވެރި މެހްމާނު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވަނީ ކޮންމެ ދަރިވަރަކުވެސް ޒުވާން ދުވަސްވަރުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވަޑައިގެންފަ އެވެ.
މިރޭ ބޭއްވި 2015 ވަނަ އަހަރުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ޖުމުލަ 86 ދަރިވަރުން އިނާމް ހާސިލްކޮށްފައިވާއިރު ދިވެހިރާއްޖޭގެ ޓޮޕް ޓެން ހޯދާގެން 16 ދަރިވަރަކު ވަނީ ވިލާ އިންޓަ ނޭޝަނަލް ހައި ސްކޫލުގެ ފަރާތުން ދޭ ހާއްސަ އިނާމް ހޯދާފަ އެވެ.
ވިލާ އިންޓަ ނޭޝަނަލް ހައި ސްކޫލުގެ 2015 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އައިޝަތު އަނާ ހިފާޒް ލުތުފީ ބުނީ ވިލާ އިންޓަ ނޭޝަނަލް ހައި ސްކޫލުން އޭނާއަށް ދަސްކޮށްދިން ކޮންމެ ކަމެއް އަމަލީ މައިދާނުގައި ވަރަށް ބޮޑަށް ބޭނުން ކުރާނެ ކަމަށާއި އެކަމަށްޓަކައި އެ ސްކޫލަށް ޝުކުރު އަދާކުރާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވިލާ ކޮލެޖްގެ ރެކްޓަ ޑރ. އަހްމެދު އަންވަރާއި ސުކޫލްގެ އިސްވެރިންގެ އިތުރަށް ގިނަ އަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން ވަނީ ބައިވެރިވެފައިވެ އެވެ.
ވިލާ އިންޓަ ނޭޝަނަލް ހައި ސްކޫލަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފާހަގަކޮށްލެވޭ ބޮޑެތި ކަމިޔާބިތަކެއް ހޯދަމުން އަންނަ ސުކޫލެކެވެ.