ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުން މިސްކިތަކަށް ވަދެ އެތަނުގެ ހުރުމަތް ކަނޑާލުމަށްފަހު ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިހެން ބުނީ އެޕާޓީން އިންތިޒާމުކޮށްގެން އިއްޔެ ބޭއްވި އެއްވުމަށްފަހު ހިނގާދިޔަ ހަމަނުޖެހުންތަކުގައި ފުލުހުން އަމަލުކުރި ގޮތް ކުށްވެރިކޮށް ނެރުނު ބަޔާނެއްގަ އެވެ.

އެމްޑީޕީން ބުނީ މި އެއްވުން ނިންމާލި ފަހުން މެންބަރު މަހްލޫފަށް ފުލުހުން ހަމަލާދީ އަދި ގާނޫނު އަސާސީއާ ހިލާފަށް އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ޖަލާލުއްދީން މިސްކިތުގައި އިންނަވަނިކޮށް ފުލުހުން އެ މިސްކިތުގެ ހުރުމަތްކަނޑައި ބޫޓުތަކާއެކު މިސްކިތުގެ ނަމާދުކުރާ ތަނުގެ ތެރެއަށް ވަދެގަތުމަށްފަހު ކަމަށްވެސް ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ އިއްޔެގެ އެއްވުމަށް ފުލުހުން ހުރަސްއަޅައި އެ ހައްގު ނިގުޅައިގަތުމުގެ އިތުރުން އެއްވުން ނިންމާލުމަށްފަހު ބައިވެެރިން ގެއަށް ދަނިކޮށް ފުލުހުންގެ ބަޔަކު އެމީހުންނަށް ހުރަސް އަޅައި ހިނގާ ބިނގާވެ އުޅުމުގެ ހައްގަށް ވެސް އަރައިގަނެފައިވާ ކަމަށެވެ.

ފުލުހުން އެގޮތަށް ކަންކުރުމަށްފަހު ހަމަނުޖެހުން އުފައްދާ އެތައް ބައެއްގެ ގަޔަށް ޕެޕާސްޕްރޭ ޖެހުމުން ބައެއް މީހުން ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި އެއީ ގާނޫނު އަސާސީއާ ހިލާފަށް ފުލުހުން ކޮށްފައިވާ ކަމެއް ކަމަށާއި އެއްވުން ނިންމާލި ފަހުން ފުލުހުންތަކެއް އެއްވުމުގެ ބައިވެރިން ހުއްޓުވައި ހިނގާ ބިނގާވެ އުޅުމުގެ ހައްގަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގިކަން ވީޑިއޯ ފުޓޭޖްތަކުން ސާބިތު ހެކި ލިބޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.

"އެހެންކަމުން ފުލުހުން ހިންގި އެ ހަމަނުޖެހުމުގެ ފުރިހަމަ ޒިންމާ ފުލުހުން ނަގަންޖެހެ އެވެ. އަދި އެކަމާ ގުޅުވައި ހައްޔަރުކޮށްފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވަގުތުން މިނިވަންކުރުމަށް މި ޕާޓީން ގޮވާލަމެވެ. ހަމައެއާއެކު މި ހަމަނުޖެހުން އުފައްދައި، އެއްވެއުޅުމުގެ މިނިވަންކަމުގެ އިތުރުން ހިނގާ ބިނގާވެ އުޅުމުގެ މިނިވަން ކަމަށް ގާނޫނު އަސާސީއާ ހިލާފަށް އަރައިގަތް ފުލުހުންގެ މައްސަލަ ވަގުތުން ބަލައި ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް މި ޕާޓީން ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.