ދިވެހި ދެމަފިރިއެއްގެ ބަރަހަނާ ވީޑިއޯ ތަކެއް ނަގައި ބްލެކްމެއިލް ކުރި ބައެއް މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ބްލެކް މެއިލް ކުރުމުގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ ކަމަށެެވެ. މައްސަލައާއި ގުޅޭގޮތުން މިވަގުތު އިތުރު އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށްވެސް ވިދާޅުވި އެވެ.

ވީނިއުސް އަށް އެނގިފައިވާ ގޮތުގައި ފުލުހުހުން ބަލަމުންދަނީ ލަންކާގައި ދިރިއުޅޭ ދެމަފިރިއެއްގެ ވީޑިއޯ ނަގައި ބްލެކް މެއިލް ކުރުމުގެ ތުހުމަތުގައި ލަންކާ ފުލުހުން ހައްޔަރުކޮށްފައިވާ ދެ މީހެއްގެ މައްސަލަ އެވެ.

ދެމަފިރިން ބްލެކްމެއިލް ކޮށްގެން އެމީހުންގެ އަތުން 64000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރު އަތުލާފައިވާ ކަމަށް އެނގިފައިވެ އެވެ.

މިމައްސަލައިގެ ތުހުމަތުގައި ލަންކާގެ ފުލުހުން ހައްޔަރުކޮށްފައިވަނީ އަސްމީން އިސްހާގު ނަމަކަށް ކިޔާ މީހަކާއި އަފްޝަން އަބްދުއްސައްތާރު ކިޔާ މީހެއް ކަމަށް އެނގިފައިވެ އެވެ.

އަސްމީން އިސްހާގަކީ 2011 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި ސިޔާސީ ބޭފުޅުންގެ ބަރަހަނާ ވީޑިއޯތަކެއް ލީކްކޮށް ބްލެކްމެއިލް ކުރި މައްސަލައެއްގައި ވެސް ހައްޔަރުކުރި މީހެކެވެ.

ހައްޔަރުކުރި މީހުންގެ އަތުން ބައެއް ސިޔާސީ ބޭފުޅުންނާއި، ބައެއް މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި، ފުލުހުންނާއި އަދި ބައެއް ނޫސްވެރިންގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ފެނިފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ބަންދުކުރި ދެ މީހުން ކޮލަމްބޯގެ ޗީފް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެމީހުން ބަންދުގައި ބައިތިއްބަން ވަނީ މުއްދަތު ޖަހައިދީފަ އެވެ.