އުރީދޫ މޯލްޑިވްސްއިން ދިވެހިރާއްޖޭގެ އުތުރުން ދެކުނަށް އެޅުމަށް ކަނޑައަޅާފައިވާ ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލް އެޅުމަށްޓަކައި، އޯފްޝޯ މެރިން ސާރވޭ އެއް ރާއްޖޭގައި ފަށައިފި އެވެ.

ހުއާވޭ މެރިން 100ޖީ ޓެކްނޮލޮޖީ މެދުވެރިކޮށް 1200 ކިލޯމީޓަރގެ ސަރަހައްދަކަށް ފެތުރިގެންދާގޮތަށް އެޅިގެންދާ ފައިބަ އޮޕްޓިކް ސަބްމެރިން ކޭބަލްގެ ސަބަބުން ރާއްޖޭގެ އިންޓަނެޓް ޚިދުމަތުގެ ފެންވަރަށް ފާހަގަކުރެވޭނެ ބޮޑު ކުރިއެރުމެއް ލިބި، ރާއްޖޭގެ ހުރިހާ ކަންކޮޅަކަށްވެސް އެއް ފެންވަރެއްގައި، ވަރަށް ފުރިހަމަ ސްޕީޑް އެއްގައި ފައިބަރ އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، އެކުންފުންޏަށް ރާއްޖޭގެ އިންޓަނެޓް ސަރވިސް ޕްރޮވައިޑަރ އެއްގެ ލައިސަންސް ލިބުމާއި އެކު، އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދިނީ ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށްވެސް އެންމެ އެދެވިގެންވާ ސްޕީޑްގައި އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދީ، ރާއްޖޭގެ ރަށްތަކާއި ރިސޯޓްތަކުން ބޭނުންވާ ފެންވަރުގެ މުވާސަލާތީ ޚިދުމަތްފޯރުކޮށްދިނުމަށް ކަަމށެވެ.

"އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގައި އެންމެ އެކަށޭނަ ނެޓްވާކެއް ގާއިމްކުރުމަށް. އުރީދޫއިން ހިއްވަރާއިއެކު މަސައްކަތް ކުރަމުންދަނީވީހާވެސްއަވަހަށް ނޭޝަންވައިޑްސަބްމެރިންކޭބަލްވުޖޫދަށްގެނެސް، މިއަދުގެ ޑިޖިޓަލް ދުނިޔޭގެ ފައިދާތަކާއި ފުރުޞަތުތައް ދިވެހިރައްޔިތުންނަށް އެންމެ ފުރިހަމަކަމާއިއެކު ގެނެސްދިނުން." އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި އެވެ.

އުރީދޫއިން ބުނީ، ނޭޝަންވައިޑްސަބްމެރިންކޭބަލް އެޅުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ އޯފްޝޯ މެރިން ސަރވޭ ކުރަނީ އެމްވީ ޑިއުކް ނަމަކަށް ކިޔާ، އެކްސްޕްލޮރޭޝަން ސަރވޭ ވެސަލް އެއްގެ އެހީގައެވެ. މި ވެސެލްގައި ގާއިމްކުރެވިފައިވާ ޚާއްޞަ ސަރވޭ ލެބޯޓަރީއެއް މެދުވެރިކޮށް، ބޯޓުގައި ތިބެގެން ޑޭޓަރ ޕްރޮސެސްކޮށް، އިންޓަރޕްރެޓްކޮށް، ވަރަށްވެސް ހަލުވިކަމާއި އެކު ރިޕޯޓް ލިބިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

ހުއާވޭ މެރީން އިން ރާއްޖެ މާހައުލަށް އެކަށޭނެ ކަސްޓަމައިޒްކުރެވިފައިވާ ސަބްމެރިން ކޭބަލް އެއް ފަރުމާކުރުމުގެ ކުރިން ބޭނުންވާނެ މައުލޫމާތު އެއްކުރުމަށްޓަކައި، އެމްވީ ޑިއުކް ވަނީ ރާއްޖޭގެ އެކިހިސާބުތަކުގައި ސަރވޭ ކުރުމަށް ވަނީ މާލެ ސަރަހައްދުން ފުރާފައެވެ. ހުއާވޭ މެރީންގެ ޒަމާނީ ޓެކްނޮލޮޖީތައް މެދުވެރިކޮށްގެން ފަރުމާކުރެވޭ ސަބްމެރިން ކޭބަލްގެ ސަބަބުން އުރީދޫ ނެޓްވަރކް އަށް ލިބޭނެ އިތުރު ފުރިހަމަކަމާއިއެކު، ރާއްޖޭގެ ރަށްތަކަށް ފޯރުކޮށްދެވޭ އިންޓަނެޓް ސްޕީޑް އަށް ފާހަގަކުރެވޭ ކުރިއެރުންތަކެއް ލިބި، މޯބައިލް ބްރޯޑްބޭންޑާއި ފައިބަރ އިންޓަރނެޓްގެ ޚިދުމަތްތައް ގޭގެއަށާއި ވިޔަފާރިތަކަށް ބޭނުންވާ މިންވަރަށް ފޯރުކޮށްދެވޭނެ ކަމަށް ވެސް އުރީދޫއިން މައުލޫމާތު ދެއެވެ.

ނޭޝަންވައިޑް ސަބްމެރިން ކޭބަލް ފަރުމާކުރެވުމާއި އެކު، މިއަހަރުގެ މެދުތެރޭގައި ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ސަބްމެރިން ކޭބަލް އެޅުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެއެވެ. އުރީދޫ އިން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ ކަސްޓަމަރުންނަށް މިޓެކްނޮލޮޖީގެ ފުރިހަމަ ބޭނުން، ވިހާވެސް އަވަސް މުއްދަތެއްެގެ ތެރޭގައި ފޯރުކޮށްދިނުމަށް ވެސް އެކުންފުނިން މައުލޫމާތު ދެއެވެ.