ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ކުރިއަށް އޮތް ހަތަރު އަހަރަށް އަމާޒުކޮށް އެކުލަވާލާ ސްޓްރެޓެޖިކް ޕްލޭން މިމަސް ތެރޭ ތައާރަފްކުރާނެ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިސާމް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ބިސާމް ވިދާޅުވީ ޕީޖީ އޮފީހުގެ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ރޭވުންތެރި އިންތިޒާމެއްގެ ދަށުން މަސައްކަތްތައް ގެންދިއުމަށް ކުރިއަށް އޮތް ހަތަރު އަހަރަށް އަމާޒުކޮށް ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

ބިސާމް ވިދާޅުވީ މި ޕްލޭންގެ މަސައްކަތް ގާތްގަނޑަކަށް މިހާރު ނިމިފައިވާ ކަމަށާއި، މިމަހުގެ 16 ވަނަ ދުވަހު ޕްލޭން ތައާރަފްކުރެވޭނެ ކަމަށް ބެލެވޭ ކަމަށެެވެ.

ޕްލޭން ތައާރަފްކުރުމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ ކަމަށާއި، ރަސްމިއްޔާތުގެ ތެރެއިން މި ޕްލޭނާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވާނެ ކަމަށްވެސް އެކަމަނާ ވިދާޅުވި އެވެ.

ޕީޖީ އޮފީސް ވުޖޫދަށް އައި ފަހުން މިއީ އެ އޮފީހުން އެކުލަވާލާ އެންމެ ފުރަތަމަ ސްޓްރެޓެޖިކް ޕްލޭން ކަމަށް ވެސް ބިސާމް ވަނީ ވިދާޅުވި އެވެ.

ޕީޖީ ބިސާމް އިތުރަށް ވިދާޅުވީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ނުފޫޒެއް ނެތް ކަމަށާއި ޕީޖީގެ މަގާމު އަދާކުރަމުން ގެންދަވަނީ އެެއްވެސް ފަރާތެއްގެ ނޫފޫޒެއް ނެތި މިނިވަންކޮށް ކަމަށެވެ.

"ނުފޫޒުން އެއްކިބާވެހުރެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާ ބޭފުޅަކަށް އަޅުގަނޑު ވާނަން،" ބިސާމް ވިދާޅުވި އެވެ.