ޯމޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް ބަލައިގަތް އާމްދަނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 31.4 އިންސައްތައަށް އިތުރުވެފައިވާ ކަަމަށް އެއޮތޯރެޓީން ބުނެފި އެވެ.

މީރާއިން ބުނީ މި އަހަރުގެ ފުރަތަމަ ދެ މަހު ޖުމުލަ އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

މީރާއިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ފެބުރުއަރީ މަހު މީރާއަށް ބަލައިގަނެފައިވަނީ 1.5 ބިލިއަން ރުފިޔާ އެވެ. މިއީ 2015 ވަނަ އަހަރުގެ ފެބުރުއަރީ މަހު މީރާއަށް ބަލައިގަތް އާމްދަނީއާ އަޅައި ބަލާއިރު 66.1 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ފެބުރުއަރީ މަހަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 26.6 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި ބަލައިގަތް 79.8 މިލިއަން ޑޮލަރު ހިމެނޭ ކަމަށްވެސް މީރާއިން މައުލޫމާތުދެ އެވެ.

މީރާއިން ބުނީ މިދިޔަ މަހު ބަލައިގަތް އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ދާއިރާއިން ލިބުނު އާމްދަނީ އިތުރުވުން ކަމަށާއި އެއީ މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 11.7 އިންސައްތަ އިތުރުވުމާއި ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ނުލިބޭ ގްރީން ޓެކްސް މި މަހު ލިބިފައިވުމުން ކަމަށެވެ.

މީރާއިން ބުނީ މިދިޔަ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ ކަމަށާއި އެއީ 522.4 މިލިއަން ރުފިޔާ ކަމަށެވެ. އަދި މިދިޔަ މަހު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލޭންޑް އެކުއިޒިޝަން ފީގެ ގޮތުގަ އެވެ. އެއީ 471.2 މިލިއަން ރުފިޔާ އެވެ.