ޕެރޯލްގެ ދަށުން މިއަހަރު ތެރޭ ދޫކުރުމަށް މަސައްކަތް ކުރާ 300 ކުށްވެރިން ދޫކުރާނީ ލިސްޓެއް ހަދައިގެން އޭގައި އެ އަދަދަށް ނަން ޖަހައިގެން ނޫން ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް ވިދާޅުވެއްޖެއެވެ.

ވީނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ހުޝާމް ވިދާޅުވީ ޕެރޯލްގެ ދަށުން މުޖުތަމައަށް ދޫކުރެވޭ ކުށްވެރިންގެ އަދަދު އިތުރުކުރުމަށް ކަރެކްޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އެ އަދަދު އިތުރު ކުރުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާ ކަމަށެވެ. އެގޮތުން މިއަހަރު ތެރޭ 300 މީހުން ޕެރޯލްގެ ދަށުން ދޫކުރުމަށް މަސައްކަތް ކުރުމަށް މިނިސްޓަރު އަންގަވާފައިވާ ކަމަށް ހުޝާމް ވިދާޅުވިއެވެ.

ހުޝާމް ވިދާޅުވީ އެއީ މިނިސްޓަރު ކަނޑައަޅުއްވާފައި އޮތް އަމާޒެއް ކަމަށާއި އެއްގޮތަަކަށް ވެސް 300 މީހުން ވަގުތުން ކަނޑައަޅައި ދޫކުރަނީ ނޫން ކަމަށެވެ. ޕެރޯލަކީ ގާނޫނެއްގެ ދަށުން ވަކި ޝަރުތުތަކެއް ހަމަވާ ބަޔަކު ދޫކުރަން އޮންނަ އުސޫލެއް ކަމާއި އެކަން ކުރަން މިނިވަން ބޯޑެއް އޮންނަކަން ހުޝާމް ފާހަގަކުރެއްވިއެވެ. އެހެންކަމުން ޕެރޯލްގެ ދަށުން ދޫކުރާނެ މީހުން ކަނޑައަޅާނީ ޕެރޯލް ބޯޑުން ކަމަށް ވެސް ވިދާޅުވިއެވެ.

"ޕެރޯލްގެ ތެރެއިން ވީހާ ގިނަ ބަޔަކު ދޫކުރެވޭތޯ އެމްސީއެސްއަށް ކުރެވެން އޮތް މަސައްކަތެއް ކުރާނެ. އެކަމަކު އެއީ ލިސްޓެއް ހަދައިގެން އޭގައި 300 މީހުން ޖަހައިގެން ދޫކުރުމެއް ނޫން. އެއީ ކަނޑައަޅާފައި އޮތް ޓާގެޓެއް. މިދިޔަ އަހަރު ދޫކުރެވުނީ 60 އެއްހާ މީހުން. އެއީ ދުނިޔޭގެ ޖަލުތަކުން މިގޮތަށް ދޫކުރާ މީހުންނަށް ބަލާއިރު ނިސްބަތުން ވަރަށް ކުޑަ އަދަދެއް" ހުޝާމް ވިދާޅުވިއެވެ.

ހުޝާމް ވިދާޅުވީ މިދިޔަ އަހަރު އެހާ މަދު އަދަދެއް ދޫކުރެވުމުގައި ސަބަބުތަކެއް ހުރި ކަމަށެވެ. ކަރެކްޝަނަލް ސާވިސްގެ މަސައްކަތަށް ވަރަށް ގިނަ ދަތިތައް ހުރި ކަމަށާއި ރިހެބިލިޓޭޝަންގެ މާގިނަ ޕްރޮގްރާމްތަކެއް ވެސް ނުހިންގޭ ކަމަށް ވިދާޅުވިއެވެ. އަދި ސެކިއުރިޓީ ވެސް އެހާ ވަރުގަދަ ނޫން ކަމަށާއި މުވައްޒަފުން ވެސް އެކަމަށް އެންމެ ރަގަޅަށް ތައްޔާރުވެފައި ނެތްކަން ސީޕީ ހުޝާމް ފާހަގަކުރެއްވިއެވެ. ނަމަވެސް ހުޝާމް ވިދާޅުވީ މިއަހަރު ވަސީލަތްތައް ވެސް ތަނަވަސް ކަމަށާއި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ވެސް ރަގަޅަށް ހިންގޭ ކަމަށެވެ. އެހެންކަމުން މިނިސްޓަރު ކަނޑައެޅުއްވި އަމާޒަށް ވާސިލްވެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވިއެވެ.

ހުޝާމް ވިދާޅުވީ ޕެރޯލްގެ ދަށުން ދޫކުރެވޭނީ ކުށްވެރިޔާ ހުކުމުގެ ވަކި މުއްދަތެއް ފުރިހަމަކުރުމުން ކަމަށާއި އެ މުއްދަތު ފުރިހަމަވެ ޝަރުތު ހަމަވާ ވަރަށް ގިނަ ބަޔަކު މިއަހަރު އެބަތިބި ކަމަށެވެ. ނަމަވެސް ދޫކުރާ ކުށްވެރިން ކަނޑައަޅާނީ ޕެރޯލް ބޯޑުން ކަމަށާއި އެކަމަށް ކަނޑައެޅިފައި އޮންނަ ވަރަށް ގިނަ ޝަރުތުތަކެއް ހުންނަ ކަމަށް ވިދާޅުވިއެވެ.

"މިސާލަކަށް އެއްވެސް ޕެންޑިން ހުކުމެއް އޮތްތޯ، ޕީޖީން ކުރާ އިތުރު ދައުވާއެއް އޮތްތޯ، އެމީހަކާ ގުޅޭގޮތުން ފުލުހުން ބަލަމުންދާ މައްސަލައެއް އެބައޮތްތޯ، މުޖުތަމައަށް އޭނަގެ ނުރައްކާ ހުރީ ކިހާ ވަރަކަށްތޯ، ޖަލުތަކުން އޭނަގެ އަޚުލާގާ މެދު ދެކެނީ ކިހިނެއްތޯ، މިއީ ބޯޑުން ބަލާނެ ކަންކަން. މި ހުރިހާ ކަމަކަށް ބަލާފައި ބޯޑުން ނިންމާނީ ދޫކުރާނީތޯ ނުވަތަ ނޫންތޯ" ހުޝާމް ވިދާޅުވިއެވެ.

ހުޝާމް ވިދާޅުވީ މިއަހަރަށް އަމާޒު ހިފާފައިވާ 300 ގެ ތެރެއިން 100 މީހުން ވީއެންމެ އަވަހަަކަށް ދޫކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޖަލުތައް ހިންގުމަށް ހަވާލުކުރެވިފައިވާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އަންނަނީ ކުށްވެރިން ރިހެބިލިޓޭޓްކޮށް މުޖުތަމައަށް ނެރުމަށްޓަކައި ގިނަ ޕްރޮގްރާމްތަކެއް ޖަލުތަކުގައި ހިންގަމުންނެވެ. އޭގެ ތެރޭގައި ކުށްވެރިންނަށް މަސައްކަތް ދަސްކޮށްދިނުމާއި ކިޔަވައިދިނުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ.