ގައުމުގެ މިނިވަން ކަން ނަގާލުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދިނުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އެދިވަޑައިގެންފި އެވެ.

މިނިސްޓަރު އުމަރު މިހެން ވިދާޅުވީ ހުރަވީ ދުވަސް ފާހަގަކުރުމަށް ފުވައްމުލަކުގައި މިއަދު ހެނދުނު ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރާއްޖޭގެ މިނިވަންކަން ގެއްލުނު ތާރީހީ ހާދިސާއަކަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ މަލާބާރީންގެ އަޅުވެތިކަމުގެ ދަށަށް ދިވެހިރާއްޖެ ގޮސް ދިވެހިންގެ މިނިވަންކަން ގެއްލުނީ ގައުމަށް ގައްދާރުވި ދެ ދިވެހިންގެ ސަބަބުން ކަމަށެވެ.

"މިފަދަ ހާދިސާ ތަކަކީ ދިވެހިން އިބުރަތް ހާސިލްކުރަން ޖެހޭ ހާދިސާ ތަކެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ގައުމުގައި ހިޔާލު ތަފާތުންތަކާއި މައްސަލަތައް ހުންނާނެ ކަމަށާއި ނަމަވެސް އެކަންކަން ހައްލުކުރަން އަޅުގަނޑުމެން އެހެން ބަޔަކަށް ދައުވަތުދީ ގައުމުގެ މިނިވަންކަން ނަގާލަން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އަދި ކޮންމެ ދިވެއްސަކީ ވެސް ގައުމަށް ތެދުވެރި މީހަކަށް ވުމަށްވެސް އެދިވަޑައިގެންނެވި އެވެ.

މިނިސްޓަރު ވިދާޅުވީ މަލާބާރީން ރާއްޖެ އަޅުވެތިކޮށްފައި ވަނިކޮށް ރާއްޖެ މިނިވަންކުރަން ނިކުންނެވި ބަތަލަކީ ދޮންބަންޑާރައިން ކަމަށެވެ. ގައުމީ ޖިހާދަށް ދޮންބާޑަރައިން ނިކުތީ ފުރާނަ ދިޔަސް ހެޔޮ ކަމަށް ދެކިގެންކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ ދޮން ބަންޑާރައިންނަކީ ގައުމަށް ތެދެވެރި، ހިތްވަރު ގަދަ ނަމޫނާ ބަތަލެއް ކަމަށެވެ. އެހެންކަމުން މިހާރުގެ ޖީލުތަކުން އެމަނިކުފާނުގެ ނަމޫނާ ބަލައިގަނެ ގައުމަށް ތެދުވެރިވުމަށްވެސް މިނިސްޓަރު އުމަރު އެދިވަޑައިގެންނެވި އެވެ.

ހުރަވީ ދުވަހަކީ އަލްސުލްތާން ގާޒީ ހަސަން އިއްޖުއްދީން ނުވަތަ ދޮންބަންޑަރައިން މަލާބާރީންގެ އަތް ދަށުން ދިވެހިރާއްޖެ ސަލާމަތްކުރުމަށް ކުރުމަށް ކުރައްވާފައިވާ ގައުމީ ޖިހާދުގެ އަގު ވަޒަން ކުރުމުގެ ގޮތުން ފާހަަގަކުރާ ދުވަހެކެވެ.