އެމެރިކާގެ ރިޔާސީ ޕްރައިމެރީގައި ރިޕަބްލިކަން ޕާޓީގެ ޓިކެޓަށް ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ޗިކާގޯގައި ވަރުގަދަ މުޒާހަރާއެއް ފެށުމާ ގުޅިގެން، ޗިކާގޯގައި ޓްރަމްޕް ބާއްވަން މަސައްކަތް ކުރެއްވި ކެމްޕެއިން އެއްވުން ކެންސަލް ކުރައްވައިފިއެވެ.
ޗިކާގޯގެ އިލިނޮއިސް ޔުނިވަރސިޓީގެ ކުޅިވަރުކުޅޭ މައިދާނުގައި ޓްރަމްޕް ބާއްވަން ތައްޔާރުވި ކެމްޕެއިން އެއްވުން ކެންސަލް ކުރެއްވީ، އާންމުން އެސަރަހައްދަށް އެއްވެ، ޓްރަމްޕްގެ ސަޕޯޓަރުންނާއި ކުރިމަތިލައި، މަސްރަހް ވަރަށް ހޫނުވުމާ ގުޅިގެންނެވެ. މިކަން އެތައް ގަޑިއިރަކަށް ދެމިގެންދިޔައެވެ.
ބައެއް މީހުންވަނީ ފުލުހުންނާއި ދިމާއަށް ފުޅިއާއި އެނޫންވެސް ތަކެތި އުކާފައެވެ. އަދި ގަދަކަމުން ސްޓޭޖަށް އަރައި ވާހަކަ ދައްކަންވެސް ބައެއް މީހުން މަސައްކަތް ކޮށްފައި ވެއެވެ.
ޓްރަމްޕާ ދެކޮޅަށް ނުކުތް މީހުންނާއި، ޓްރަމްޕްގެ ސަޕޯޓަރުންނާ ދެމެދު ކުރިމަތިލުމަކަށް ނުގޮސް، މަސްރަހް ކޮންޓްރޯލްކުރީ ފުލުހުންނެވެ. އެކަން ކުރެވުނީ ވަރަށް އުނދަގުލުންކަމަށް ވެއެވެ. މިކަމުގެ ތެރޭގައި ފުލުހުންވަނީ ފަސްމީހަކު ހައްޔަރު ކޮށްފައެވެ. އަދި ފުލުހުންގެ ދެ އޮފިސަރަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ވެސް ގެންދިޔައެވެ.
މިހާދިސާއަށްފަހު ސީއެންއެންއާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ކެމްޕެއިން އެއްވުން ކެންސަލް ކުރެއްވީ ފުލުހުންގެ މަޝްވަރާގެ މަތިން މަސްލަހަތަށްޓަކައި ކަމަށެވެ. "އެއްވެސް މީހަކަށް އަނިޔާވާތަން ދެކޭކަށް ބޭނުމެއްނޫން. އަޅުގަނޑުމެންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިޔަސް، މިނިންމުމަކީ (އެއްވުން ކެންސަލް ކުރުމަކީ) ރަނގަޅު ނިންމުމެއްކަމަށް ދެކެން" ޓްރަމްޕް ވިދާޅުވިއެވެ.
ޚަބަރު ލިބޭގޮތުގައި، ޗިކާގޯގައި ޓްރަމްޕް ބާއްވަން އުޅުނު ކެމްޕެއިން އެއްވުމަށް ހުރަސްއަޅަން ގިނައިން ނުކުތީ، އެ ސްޓޭޓްގެ ހިޖުރަވެރިންނެވެ. އޭގެ ތެރޭގައިވެސް ގިނައީ ކަޅުނަސްލުގެ އެފްރިކާ ދަރިކޮޅުގެ މީހުންނާއި، ލެޓިން ދަރިކޮޅުގެ މީހުންނެވެ.
"އަހަރެމެންނަކީ ގަދަކަމުން އިއްފަތްފޭރޭ ބައެއްނޫން" މައިދާނުގައި ހުރި މެކްސިކޯގެ ހިޖުރަވެރިޔަކު ގެންގުޅުނު ބޯޑެއްގައި ލިޔެފައި ވެއެވެ. މިއީ،މެކްސިކޯ މީހުންނަކީ "ރޭޕިސްޓުން" ކަމަށް ސިފަވާގޮތަށް ޓްރަމްޕް ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން އެކަމާ ދެކޮޅަށް ނުކުތް މީހެކެވެ.
މީގެއިތުރުން، ރިޕަބްލިކަން ޕާޓީން ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާ އެހެން ބައެއް ކެންޑިޑޭޓުންގެ ސަޕޯޓަރުންނާއި، ޑިމޮކްރެޓިކް ޕާޓީގެ ބާރނީ ސޭންޑަރސްގެ ސަޕޯޓަރުންވެސް އެތަނަށް އެއްވިކަމަށް ރިޕޯޓްތައް ބުނެއެވެ.
ޓްރަމްޕާ ދެކޮޅަށް ނުކުތް މީހުން ގިނަކަމުން، ޓްރަމްޕްގެ ސަޕޯޓަރުންނަށްވެސް އެއްވުން ބާއްވަން އުޅުނު މައިދާނުން ލިބުނީ ކުޑަ ޖާގައެއްކަމަށް ވެއެވެ.
ސީއެންއެންއިން ބުނެފައިވަނީ، ޓްރަމްޕާ ދެކޮޅަށް ނުކުތް މީހުންނާއި، ޓްރަމްޕަށް ތާއީދުކުރާ މީހުންގެ މެދުގައި މަސްރަހް ނުތަވަސްވެ ހޫނުވެގެން ދިޔައިރު، އެ މައިދާނަށް ދިހަހާހެއްހާ މީހުން އެއްވެފައި ތިބި ކަމަށެވެ. އޭއެފްޕީގެ ފޮޓޮގްރާފަރ ބުނެފައިވަނީ، މަސްރަހް އިތުރަށް ހޫނުވެގެންދިޔައީ، ކެމްޕެއިން އެއްވުން ކެންސަލްކުރިކަން އިޢްލާން ކުރުމާއެކުގައި ކަމަށެވެ.
ޓްރަމްޕަކީ ބޭރު ގައުމުތަކުގެ މީހުން އެމެރިކާއަށް ހިޖުރަކުރުމާ ވަރަށް ދެކޮޅު ބޭފުޅެކެވެ. އޭނާ ކެމްޕެއިން ތެރޭގައި ގެންދަވަނީ ހިޖުރަކުރުމުގެ މައްސަލައާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވަމުންނެވެ. އަދި ހިޖުރަވެރިންނާ ދެކޮޅު ޝުއޫރު ފާޅުކުރައްވަމުންނެވެ.