މޯލްޑިވިއަންގެ ދަތުރުތައް ކައިރި މުސްތަޤުބަލެއްގައި ޔޫރަޕަށްވެސް ފަށާނެ ކަމުގައި އެއާލައިނުން ބުނެފިއެވެ.

ޤައުމީ އެއާލައިން މޯލްޑިވިއަންގެ މެނޭޖިންގަ ޑައިރެކްޓަރ ޢަބުދުލް ހާރިސް ވިދާޅުވީ، އެކުންފުނީގެ ފަރާތުން އައިޓީބީ ފެއާގައިވެސް އެކަމާއި ގުޅޭ މަޝްވަރާތައް ކޮށްފައިވާ ކަމުގައެވެ.

ހާރިސް ވިދާޅުވީ، މިހާރުވެސް އެއާލައިނުން ރާއްޖެއިން ބޭރަށް އުދުހެމުންދާއިރު ޗައިނާގެ 6 މަންޒިލަކަށް އަދި އިންޑިޔާގެ 2 މަންޒިލެއްގެ އިތުރުން ބަނގުލަދޭޝް އާއި އިންޑިއާއަށް ދަތުރު ކުރަމުންދާކަމުގައެވެ. މިގޮތުން އެކުންފުނިން މިހާރު އަމާޒު ހިފާފައި ވަނީ ޔޫރަޕާއި މެދު އިރުމައްޗަށް ދަތުރުފެށުމަށް ކަމުގައި ހާރިސް ވިދާޅުވިއެވެ.

" 2014 ވަނަ އަހަރު އަޅުގަނޑުމެން ވަރަށް ކާމިޔާބުކޮށް އެޅިން، އަލްމާޓީ – މާލެ އަށް ފްލައިޓް. އަޅުގަނޑުމެން އަލްމާޓީން މާލެއަށް ކަޒަކިސްތާނުން ޓޫރިސްޓުން ގެނައިން ހަމަ ފުލްކޮށް. އެހެން ވީމަ މީގައި މިކަން ކުރެވިދާނެ ކަމުގެ ޔަޤީންކަން އެބައޮތް" ހާރިސް ވިދާޅުވިއެވެ.

މީގެ އިތުރުން ހާރިސް ވިދާޅުވީ، މޯލްޑިވިއަން ހޮލިޑޭސްއިންވެސް މިއަދު އެންމެ ބޮޑަށް އަމާޒު ހިފާފައިވަނީ ރާއްޖެއަށް އިތުރު ފަތުރުވެރިން ގެނައުމަށް ކަމުގައި،،

މިގޮތުން އައިޓީބީފެއާގައި ތިންފަރާތަކާއި އެކު ސޮއިކުރެވިފައިވާ ކަމުގައި ހާރިސް ވިދާޅުވިއެވެ.

"އައު 3 ކޮންޓެކްޓެއްގައި އައިޓީބީގައި ސޮއިކޮށްފިން. އޭގެ ތެރޭގައި ރާއްޖޭގައި އަލަށް ހުޅުވޭ ރިޒޯޓަކާއި މިހާރު ހިންގާ ރިޒޯޓެއްގެ އިތުރުން ޑައިވިންއަށް މީހުން ފޮނުވައިދޭ ފަރާތެއް ހިމެނޭ. އަޅުގަނޑުމެން މިބަލަނީ އެކި ދިމަ ދިމާއަށް ފޯކަސްކޮށްގެން ރާއްޖެއަށް ޓޫރިސްޓުން ގެނައުން އިތުރު ކުރުމަށް" ހާރިސް ވިދާޅުވިއެވެ.

މޯލްޑިވިއަން ހޮލިޑޭސްއިން މިހާރުވެސް ރާއްޖެއަށް ދަތުރުކުރާ ހުރިހާ ބޮޑެތި އެއާލައިންތަކެއްގެ ޓިކެޓް ވިއްކައެވެ.

މީގެ އިތުރުން ސަރުކާރުގެ ހުރިހާ ދަތުރު ތަކެއްގެ އިތުރުން، އާސަންދަ ކުންފުނީގެ ހުރިހާ ދަތުރުތަކެއްވެސް ބަލަހައްޓައިދެމުން ގެންދަނީ މޯލްޑިވިއަން ހޮލިޑޭސް އިންނެވެ.