ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފްގެ ގޭބަންދުގައި ބަހައްޓަން މުއްދަތު ޖަހައިފި އެވެ.

މަހްލޫފް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކޯޓުން ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މަހްލޫފް ގޭބަންދުގައި ބަހައްޓަން ކޯޓުން ދިނީ ފަސް ދުވަހެވެ.

ޗާންދަނީ މަގުގައި ހުންނަ ޖަލާލުއްދީން މިސްކިތުގައި މަހްލޫފް އިންނަވަނިކޮށް ފުލުހުން މިސްކިތް ތެރެެއަށް ވަދެ މަހްލޫފް ހައްޔަރުކުރީ އިއްޔެ އިރުއޮއްސުނު ވަގުތު އެވެ.

ފުލުހުން ބުނީ މަހްލޫފް ހައްޔަރުކުރީ އިއްޔެ އެމްޑީޕީން ބޭއްވި މުޒާހަރާ ނިންމާލިފަހުން ފުލުހަކަށް ހަމަލާދީގެން ކަަމަށެވެ.

މަހްލޫފް ހައްޔަރުކުރި މައްސަލަ ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް މަހްލޫފް ގެންދިޔައީ ފުލުހުން މިސްކިތަކަށް ވަދެ އެތަނުގެ ހުރުމަތް ކަނޑާލުމަށްފަހު ކަމަށެވެ. އަދި މަހްލޫފް ބަންދުން ދޫކޮށްލުމަށްވެސް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.