މާލެއާއި ހުޅުމަލެއާ ދޭތެރޭ ދަތުރުކުރުމަށް އެމްޓީސީސީން އަލަށް ތައާރަފްކުރި އޭސީ ފެރީގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ހިދުމަތް ދޭން ފަށައިފި އެވެ.

އެމްޓީސީސީގެ މީޑިއާ ކޯޑިނޭޓަރު އައިޝަތު ރީމާ ވީނިއުސްއަށް ވިދާޅުވީ ފެރީގެ ހިދުމަތް މެދުކެނޑިފައިވީ ނަމަވެސް އެ މައްސަލަ ހައްލުކޮށް އަލުން ހިދުމަތް ދޭން ފަށާފައި ވަނީ މިއަދު ހަވީރު 4:30 ހާއިރު ކަމަށެވެ.

އޭސީ ފެރީގެ ހިދުމަތް މެދުކެނޑިފައިވަނީ އިއްޔެ ހަވީރު 5:50 އިން ފެށިގެން ކަމަށާ ހިދުމަތް މެދުކަނޑާލަން ޖެހުނީ ފެރީ މަރާމާތު ކުރަން ޖެހުމުން ކަމަށް ވެސް ވިދާޅުވި އެވެ.

ޕްރިމިއަމް ލިންކުގެ ނަމުގައި އެމްޓީސީސީން އޭސީ ފެރީގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ މި މަހުގެ ތިންވަނަ ދުވަހު އެވެ.

އެމްޓީސީސީއިން މާލެއާއި ހުޅުމާލެއާ ދޭތެރޭ ދަތުރުކުރާ އޭސީ ފެރީގެ ޓިކެޓުގެ އަގަކީ 10 ރުފިޔާ އެވެ.

146 މީހުންގެ ޖާގައިގެ އޭސީ ދެ ފެރީން މާލެއާ ހުޅުމާލެއާ ދޭތެރޭ ކުރާ ދަތުރަކަށް ހޭދަވަނީ 15 މިނެޓެވެ.