ރާއްޖޭގެ ތިމާވެއްޓާއި ޒުވާނުންގެ ދުޅަހެޔޮކަމާއި، ކުޅިވަރު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ބައިކް މޯލްޑިވްސްގެ ހަރަކާތްތަކަށް އަހަރެއް ފުރުމާއި ގުޅިގެން މިއަދު މާލޭގައި ބައިސްކަލް ބުރެއް ބާއްވައިފި އެވެ.
ރަސްފަންނު ބީޗުން ފެށި ބައިސްކަލް ބުރުގައި ޒުވާނުންނާއި، ކުޑަކުދިން ވަނީ ބައިވެރިވެފަ އެވެ.
ބައިކް މޯލްޑިވްސްގެ ސީނިއަ އިވެންޓް ކޯޑިނޭޓަރު އަސްމާ ހަސަން ވިދާޅުވީ ގާތްގަނޑަކަށް 100 ބައިވެރިންނާއެކު ފެށި ބައިސްކަލް ބުރު ނިންމާލެވުނީ އާންމުންގެ ވަރަށް ބޮޑު ތަރުހީބަކާއެކު ކަމަށެވެ.
އަދި މިރޭ 8:30 ގައި ހިރިޔާ ސްކޫލުގައި ޑިނަ ނައިޓެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ޑިނަނައިޓް ހިނގަމުންދާއިރު ބައިކް މޯލްޑިވްސްއިން ފޮޓޯ މައުރަޒެއްވެސް ކުރިއަށް ގެންދާނެ ކަމުގައި އަސްމާ ވިދާޅުވި އެވެ.
މީގެ އިތުރަށް ބައިކް މޯލްޑިވްސްގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ލަވައެއް ނެރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
ޑިނަ ނައިޓްގެ ޓިކެޓެއް 100 ރުފިޔާއަށް ލިބޭއިރު ޓިކެޓް ވިއްކަން ހުންނާނީ "ކީބޫޓް" ފިހާރައިން ކަމަށް ބައިކް މޯލްޑިވްސް އިން ބުނެ އެވެ.